މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއްނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލައިގައި, މާލެ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮންނަ ވެރިކަންކުރާ ޕީއެންސީގެ ކައުންސިލަރުންގެ ޝާމިލުވުމެއް އޮތްކަން ފާހަގަނުވާ ކަމަށް، މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، ބޮޑު އަގުގައި ދެވަނަ ފަހަރަށް މަސް މާރުކޭޓު ހަދަން ހަވާލުކުރި މައްސަލައިގައި ކައުންސިލްގެ ލީގަލް ހެޑް އަލީ ނަސީރު ގާސިމް، ކައުންސިލްގެ ޖަލްސާއަށް ހާޒިރުކުރަން ހަތަރު ފަހަރަކު އެދުނު ނަމަވެސް އެކަން ނުވުމުގެ ކަންބޮޑުވުން ބައެއް މެންބަރުން ފާޅުކުރި ފަހުންނެވެ. އެގޮތުން އެ މައްސަލަ އެޖެންޑާކުރި ފުރަތަމަ ތިން ޖަލްސާގައި ކޯރަމް ހަމަނުވެގެން ބައްދަލުވުން ނުބޭއްވުނެވެ.
ސިޓީ ކައުންސިލްގެ މިއަދުގެ ރަސްމީ ޖަލްސާގައި މި މައްސަލައަށް ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ ޕީއެންސީ ކައުންސިލަރު އިބްރާހީމް މުހައްމަދު (އިބުޓީ) ވަނީ، ނަސީރަކީ ސިވިލް ސާވިސްގެ މުވައްޒަފެއް ކަމުން އޭނާ ޖަލްސާއަށް ހާޒިރުކޮށްގެން ވަކިގޮތެއް ނިންމަން ކައުންސިލަށް އޮތީ ކޮން ހައްގެއްތޯ ސުވާލުކުރައްވައިފައެވެ.
"ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކޮފައިވާ ބޭފުޅަކަށް އަޅުގަނޑުމެން ރައްޔިތުން ވޯޓުލައިގެން އައްޔަންކޮށްފަ ތިބި ބަޔަކަށް ގޮތެއް ނިންމޭނެތޯ ލައިވް ޖަލްސާއަށް ގެނެއްސަ، ނޫނީ އެ ބޭފުޅާ ފަޟީހަތްކުރަން ނޫންތޯ މީތި އެޖެންޑާއަށް ލާފަ މިއޮތީ؟" އޭނާ ސުވާލުކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން ކައުންސިލުން އަމަލުކުރި ގޮތް ސާފުކޮށްދެއްވަމުން ކައުންސިލްގެ އަމީންއާންމު ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނުން ނަސީރުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، މިވަގުތު ޗުއްޓީގައި ހުރި ނަސީރަށް ކައުންސިލްގެ ތެރެއިން ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.

މޭޔަރު އާދަމް އާޒިމް: މަސް މާރުކޭޓު ބޮޑު އަގުގައި ހަދަން ދިން މައްސަލައިގައި ޕީއެންސީ ކައުންސިލަރުންގެ ޝާމިލްވުމެއް ނެތް ކަމަށް އާޒިމް ވިދާޅުވި -- ފޮޓޯ/ ސިޓީ ކައުންސިލް
މިކަމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން'އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ، އޭނާ ހިންގަވާ ތަނަކަށް ގެއްލުމެއްވާ ކަން ފާހަގަވެއްޖެ ނަމަ ފަސްޖެހުމެއްނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އަމަލުކުރަން ޖެހޭ ގޮތަކީ [ނަސީރަކީ] ސިވިލް ސްޓާފަކަށް ވާތީވެ، އަޅުގަނޑު އެސްޖީއަށް އެންގިން ވަގުތުން މި މުވައްޒަފާ ދޭތެރޭ ފިޔަވަޅު އެޅުމަށް، ދެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް އަޅުގަނޑު ސެކްރެޓަރީ ޖެނެރަލަށް އަންގާފައި އޮތީ ސިވިލް ސާވިސްއިންނޭ ސިވިލް ސާވިސް މުވައްޒަފުންނަށް ފިޔަވަޅު އެޅޭނީ،" އާޒިމް ވިދާޅުވިއެވެ.
އެހެންވެ، ހަމަ އެ ދުވަހުން އެ ދުވަހަށް އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ މައްސަލަތަކުގައި ކައުންސިލަށް ސީދާ ފިޔަވަޅު ނޭޅޭނެ ކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.
މަސް މާރުކޭޓު މައްސަލަ އެޖެންޑާ ކުރުމުން، ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުގައި ކޯރަމް ހަމަނުވާތީ، އެ މެންބަރުންނާ މައްސަލައާ އޮތް ގުޅުމާ ގުޅޭ ގޮތުން ސުވާލުކުރުމުން އާޒިމް ވިދާޅުވީ އެފަދަ ގުޅުމެއް ފާހަގަނުވާ ކަމަށެވެ.
"އަޅުގަނޑަކަށް ފާހަގަކުރެވިފައެއް ނެތް އެކަހަލަ އެއްވެސް އިންވޯލްވްމެންޓެއް،" އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ކޮމިޝަންކޮށް, ކައުންސިލުން ބިޑަށް އިއުލާނުކޮށް، އިވެލުއޭޓުކޮށް، ވަކި ބަޔަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން އޭރު އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނަމަވެސް ނޮވެމްބަރު 17، 2023ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ، އެ މަގާމާ އާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ ދެމެދުގައި އެ އެއްބަސްވުން އުވާލައި، މުޅިން އެހެން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި 3.5 މިލިއަން ޑޮލަރު އިތުރުކޮށް، އެ މަސައްކަތް 9.5 މިލިއަން ޑޮލަރަށް އަގު ބޮޑުކޮށް އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނަސީރެވެ.
އައު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ގޮތާއި، އަގަށް 3.5 މިލިއަން ޑޮލަރު އިތުރުކުރަން ޖެހުނު ގޮތް، ތަކުރާރުކޮށް އެދުނު ނަމަވެސް ނަސީރު އޮޅުންފިލުވައިދީފައި ނެތްކަން މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި އާޒިމް ވިދާޅުވިއެވެ.
އެ މައްސަލައިގައި ކައުންސިލަށް ނަސީރު ހާޒިރުކުރަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހެވެ. އޭނާ ވަނީ މި މައްސަލަ އޭސީސީއަށް ވެސް ހުށަހަޅުއްވާފައެވެ.