ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ދެ އަހަރުވާން ގާތްވެއްޖެއެވެ.
ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތެއް ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން އެންމެ ފުރަތަމަ ވާހަކަދެކެވުނީ 2022ވަނަ އަހަރުގެ ކުރީކޮޅު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރެވެ. ކައުންސިލުން އޭރު ވަނީ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ ހަވާލުވުމަށް ރައީސް އޮފީހަށް ޕްރޮޕޯސަލް ހުށަހަޅަން ނިންމައިފައެވެ.
މި ސަރުކާރު ހަވާލުވިތާ ތިން ދުވަހުގެ ތެރޭ، ހުޅުމާލެ ހިމެނޭހެން މާލެއާއި ވިލިމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކެއް ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެކަމާ ގުޅޭ އެމްއޯޔޫގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ސޮއިކުރިއެވެ.
އޭރު ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެމްއޯޔޫގެ ދަށުން އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫގެ ތެރެއިން އެޗްޑީސީއިން ދެމުންދާ ރަށްވެހިކަމުގެ ޚިދުމަތްތައް، އެ ދުވަހުން ފެށިގެން އެއް މަސް ދުވަސް ތެރޭ ހުއްޓައިލަންވާނެ ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން ދެ އަހަރުވާން ގާތްވެފައިވާއިރު، ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ނިމިފައިނުވެއެވެ.
މިދިޔަ ބުދަ ދުވަހު މާލޭ މޭޔަރު އާދަމް އާޒިމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަމާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން ވިދާޅުވީ، މާލެ ސަރަހައްދުގައި އެންމެ ރަނގަޅަށް ޚިދުމަތްދެވޭނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މުނިސިޕަލް ޚިދުމަތް ދޭން ޖެހޭނީ ކައުންސިލުން ކަމަށް ގަބޫލުކުރައްވާ އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންނަށް ވުރެ ރަނގަޅަކަށް މަގާމުތަކަށް އައްޔަންކޮށްފައިވާ ބަޔަކަށް ޚިދުމަތް ނުދެވޭނެ ކަމަށެވެ. އަދި އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ، ހުޅުމާލެ ސަހަރާގެ ބިއްދޮށުގައި އޮންނަ މަގުގައި ހެދިފައި އޮންނަ ކުނިގޮނޑެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: ކައުންސިލުން އޮތީ ހުޅުމާލޭ މުނިސިޕަލް ޚިދުމަތާ ހަވާލުވާން ތައްޔާރަށް ކަމަށް ވިދާޅުވި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
"މާލެ ސިޓީ ކައުންސިލަށް، މިވަގުތު މިތާ އޮތް ކައުންސިލަށް އަޅުގަނޑުމެންނަށް ނުކުރެވުނު ވަކި ރަނގަޅަކަށެއް އެޗްޑީސީއަކަށެއް ރައްޔިތުންނަށް ޚިދުމަތެއް ނުދެވޭނެ، އެއީ ރައްޔިތުންނަށް ޚިދުމަތް ދެވޭނީ ރައްޔިތުން އިންތިޚާބުކޮށްފަ ތިބޭ މީހުންނަށް،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުނިގޮނޑުތައް ސާފުކުރުމަށް ސިޓީ ކައުންސިލުން އެޗްޑީސީއަށް އަންގަމުންދާ ކަމަށާއި، ކައުންސިލަރުން ތިބީ މަޑުން ނޫން ކަމަށެވެ.
"ރައްޔިތުންނަށް އުނދަގޫވާ ކަމެއް އޮތިއްޔާ އަޅުގަނޑުމެން އެ މީހުންނަށް އެބަ އަންގަން މި ތަންތަން ރަނގަޅުކޮށް ރީތިކުރާށޭ، އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެގޮތަށް،" އޭނާ ވިދާޅުވިއެވެ.
އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި އެޗްޑީސީގެ ދަށުން ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ބަދަލުނުކުރަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތް ދޭން ބޭނުންނުވާތީއެވެ.
އޭނާ ވިދާޅުވީ، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ހަވާލުވިފަހުންވެސް މިކަމާ މެދު މަޝްވަރާކުރުމަށް ސިޓީއެއް ފޮނުވި ނަމަވެސް، ސިޓީ ކައުންސިލަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އަދިވެސް ހަވާލުވާން ތައްޔާރަށް،" އާޒިމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީއާ ތަކުރާރުކޮށް ސުވާލުކުރުމުން އެ ކޯޕަރޭޝަނުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މިކަމުގައި 'ސަން'އިން މިއަދު ސުވާލުކުރުމުން ހުޅުމާލޭގެ ކައުންސިލަރު އަލީ އައިމަން ވިދާޅުވީ، ކައުންސިލްގެ ދަށަށް މުނިސިޕަލް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮތީ މި ސަރުކާރުގައި އެޗްޑީސީގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާދެއްވި ހިސާބުން ކަމަށެވެ.
އޭގެ ފަހުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާ މުހައްމަދު މައުރޫފް ޖަމީލު ހަވާލުވިފަހުން ވެސް އެ ވާހަކަ ދެކެވުނު ކަމަށް އައިމަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލަށް ބަދަލުކުރުމުގައި ދިމާވާ ގޮންޖެހުމަކީ އެޗްޑީސީގެ 300އެއްހާ މުވައްޒަފުން ކައުންސިލަށް ބަދަލުކުރަންޖެހޭ ޖެހުމެވެ.
"މާލެ ސިޓީ ކައުންސިލަކީ ސިވިލް، [އެޗްޑީސީ] އެއީ އެސްއޯއީއެއް، އެހެންވީމާ ވާ ގޮތަކީ މުސާރައިގެ ވަރަށް ބޮޑު ޑިފަރެންސެއް އެބަ އުޅޭ، ދެން ގިނަ ސްޓާފުން ބޭނުމެއްނުވޭ ޗޭންޖްވާކަށް،" ގިނަ މުވައްޒަފުން ބަދަލުވާން ބޭނުންނުވަނީ ކައުންސިލްގެ މުސާރަ އެޗްޑީސީން ދޭ މުސާރައަށް ވުރެ މަދުވުމުން ކަން ފާހަގަކުރައްވައި އައިމަން ވިދާޅުވިއެވެ.
ކިތަންމެ ރަނގަޅަށް ކައުންސިލުން މުސާރަ ދޭން ބޭނުންވިޔަސް، ކައުންސިލްގައި މަސައްކަތްކުރަނީ ސިވިލް މުވައްޒަފުން ކަމަށްވާތީ، ގާނޫނުގައިވާ ގޮތުން ސިވިލް މުވައްޒަފުންގެ މުސާރައިގެ އެންމެހާ ކަންކަން އޮންނަނީ ސިވިލް ސާވިސް ކޮމިޝަންގެ އަތްމަތީގައިކަން އައިމަން ފާހަގަކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ބަދަލުކުރުމަށް ރައީސް ނިިންމެވުމާ ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ވެސް ފެންމަތިވިއެވެ. ނަމަވެސް އެ މަނިކުފާނު ވަނީ، ސިޓީ ކައުންސިލަށް ބަދަލުކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ކުޑަނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ގާނޫނީ ގޮތުން ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.