ސަރުކާރު ހިންގާ ޕީއެންސީގެ އިސް އޮފިޝަލުން، އެމްޑީޕީގެ އެއްވުމާ ގުޅިގެން ފުލުހުން މެދުވެރިކޮށް އިންޒާރު ދީ ބިރު ދައްކަމުންދާ ކަމަށް ބުނެ، މާލޭގެ ދެ ކައުންސިލަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ ކައުންސިލަރު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ ކައުންސިލަރު މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒް ސޮއިކުރައްވައި ނެރުއްވި ބަޔާނުގައިވަނީ، ޚިޔާލު ފާޅުކުރުމާއި، މުޒާހަރާ ކުރުމާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށެވެ.
އެ ބަޔާނުގައިވަނީ އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވަން ނިންމާފައިވާ "ލޫޓުވައިފި" އެއްވުމާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީގެ އިސް އޮފިޝަލުން ޢާންމުންގެ ތެރޭގައި ބިރުވެރިކަމާއި، ނުތަނަވަސްކަން ފެތުރޭ ގޮތަށް ވާހަކަދައްކަމުން ގެންދާ ކަމަށެވެ. އަދި ފުލުހުން މެދުވެރިކޮށް އިންޒާރު ދެމުންދާ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭހެން އެއްވުމުގައި ބައިވެރިނުވާން އަންގަމުން ދާ ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
"އަސާސީ ޙައްގެއްގެ ބޭނުން ހިފުމަކީ ބިރުވެރިކަމެއްގެ ގޮތުގައި ނުވަތަ ގޯހެއްގެ ގޮތުގައި ވެރިކަން ކުރާ ޕާޓީއާއި ދައުލަތުގެ މުއައްސަސާތަކުން ސިފަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ޞުލްޙަވެރި ސިޔާސީ ޙަރަކާތަށް ހުރަސް އެޅުމެވެ." ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންގެ ޙައިސިއްޔަތުން ސަރުކާރަށާއި ސަލާމަތީ ބާރުތަކަށް ގޮވާލަނީ އެއްވުމާ ގުޅޭގޮތުން ބިރުދެއްކުން ހުއްޓާލުމަށް ކަމަށެވެ.

ކައުންސިލަރު މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒް: އެމްޑީޕީއަށް ފުލުހުން މެދުވެރިކޮށް އިންޒާރު ދޭ ކަމަށް ބުނެ، ޑިމޮކްރެޓްސްގެ މާލޭގެ ކައުންސިލަރުން ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
މީގެ އިތުރުން، މާލޭގެ މަގުތަކާއި ޢާންމު ތަންތަން އަބަދުވެސްވަނީ ސުލްހަވެރި ސިޔާސީ ޙަރަކާތަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިފައި ކަމަށް ބަޔާނުގައިވެއެވެ.
ކައުންސިލަރުން އެ ބަޔާން ނެރުނުއިރު، ފުލުހުން ވަނީ މިރޭގެ އެއްވުމުގައި ހަމަނުޖެހުންތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ކުރިން އިއުލާން ކޮށްފައެވެ. އެއީ ސިޔާސީ މިފަދަ އެއްވުންތަކާ ގުޅުވައި މީގެ ކުރީ ސަރުކާރުތަކުގައި ވެސް ފުލުހުން ބުނެފައި ހުންނަ ވާހަކަތަކެކެވެ.
މީގެ އިތުރުން މިއަދާއި މިރޭ މާލޭގެ އެކި ހިސާބުތައް ބަންދު ކުރަން ފުލުހުން ނިންމައިފައިވާކަން މިއަދު އިއުލާންކޮށްފައިވެއެވެ.