މާލޭގެ ލޭންޑްޔޫސް ޕްލޭން އަލުން އެކުލަވާލުމަށް ލަފާ ދިނުމަށް ފުރުސަތެއް

މާލޭގެ އިމާރާތްތައް: މާލޭގެ ލޭންޑްޔޫސް ޕްލޭން ރިވައިޒްކުރުމަށް އަންނަ އާދިއްތަ ދުވަހު ބައްދަލުވުމެއް ބާއްވަނީ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭގެ ލޭންޑްޔޫސް ޕްލޭން އަލުން އެކުލަވައިލާނެ ގޮތާ ގުޅޭ ގޮތުން ލަފާ ދިނުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މާލޭގެ ލޭންޑު ޔޫސް ޕްލޭން އަލުން އެކުލަވައިލުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ލަފާ ދިނުމުގެ ފުރުސަތު ހުޅުވާލުމަށް، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހު އޮންނާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލް ހޯލުގައި މި ބައްދަލުވުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 08:45އިން ހަވީރު 16:00ގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މާދަމާގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭއިރު، ރަޖިސްޓްރީ ކުރުމުގައި ދަތިކަމެއް ދިމާވެއްޖެ ނަމަ، 3001656 ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ.

މިދިޔަ ބުދަ ދުވަހު މޭޔަރު އާދަމް އާޒިމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ހަދާއިރު އެ ކައުންސިލަށް މީހުންގެ ޚިޔާލު ބޭނުންވާ ކަމަށެވެ.

އެ ޕްލޭނު އެކުލަވާލާނީ ރައްޔިތުންގެ ޚިޔާލުތަކަށް ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ޕްލޭނާ ގުޅޭ ގޮތުން، ރާއްޖޭގެ ވިހި އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ހަދާ ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށާއި ބޭނުންވަނީ ތަރައްގީގެ ޕްލޭނާއި ލޭންޑުޔޫސް ޕްލޭން އެއް މަގަކުން ގޮސް، އެކަމަށް ފައިސާ ހަމަޖެހިގެން ޕްލޭނުތައް އެއްކުރެވުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އާންމުކޮށް މިހަދާ ޕްލޭންތައް ފެއިލްވަނީ އެހަދާ ޕްލޭނަށް ބޭނުންވާ ފައިސާ ހަމަޖައްސާނެ ގޮތެއް އޭގެތެރޭގައި ހިމަނާފައި ނުވާތީވެ. އެތައް ޕްލޭނެއް ހަދައިފި. ގައިމު ހުރިހާ ޕްލޭނެއް އަބަދު ފެއިލް ވަމުން ދަނީ،" އާޒިމް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، ޕްލޭނު އެކުލަވާލުމަށް ފަހު އެއާ އެއްގޮތަށް ކަންކުރުމުގެ ވިސްނުން ނުހުންނަ ކަމަށާއި ބޭނުންވަނީ ތަރައްގީގެ ޕްލޭނާއި މާލޭގެ ލޭންޑް ޔޫސް ޕްލޭން ހަދާ މީހުން އެއްވެގެން މަސައްކަތް ކުރުމަށް ކަމަށެވެ.

'ވިލުންތެރި ރާއްޖެ 2045'ގެ ނަމުގައި ގައުމީ ތަރައްގީގެ ޕެލޭން އެކުލަވާލަން ސަރުކާރުން ހަވާލުކޮށްފައިވަނީ ނެކްސިއާ މޯލްޑިވްސްއާއެވެ. އެއީ 17.9 މިލިއަން ރުފިޔާއަށެވެ. އެ ޕްލޭނަށް ޚިޔާލު ހޯދުމަށް ޓަކައި، ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރާ ޓީމުތައް މިދިޔަ މަހު ވަނީ ރަށްރަށަށް ދަތުރުތައް ފަށާފައެވެ.

comment ކޮމެންޓް