ފްލޮޓީލާ ދެ ދުވަސް ތެރޭގައި ޣައްޒާއަށް ވަންނާނެ، އިސްރާއީލުން އުޅުނީ ކަނޑުފައްތަން

ޣައްޒާ އަށް އެހީ ހިފައިގެންދާ ފޮލޮޓީލާގެ އުޅަނދެއް. ފޮލީޓާލާއިން ބުނާ ގޮތުގައި ދެ ދުވަސް ތެރޭގައި އުޅަނދުތައް ޣައްޒާއަށް ވަންނާނެ. ފޮޓޯ/އަނަދޮލް

ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަނޑުމަގުން ޣައްޒާއަށް ވަންނަން ދަތުރުކުރާ ގްލޯބަލް ސުމޫދު ފްލޮޓީލާގެ އުޅަނދުތައް ކުރިއަށްއޮތް ދެ ދުވަސް ތެރޭގައި ޣައްޒާއަށް ވަންނާނެ ކަމަށް ފްލޮޓީލާ އިންތިޒާމްކުރި ފަރާތުން ބުނެފިއެވެ.

އިސްރާއީލުން އުޅުނީ އެ އުޅަނދުތައް ކަނޑުފައްތަންކަން ވަނީ ހާމަވެފައެވެ.

ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ.އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ.

https://www.sun.mv/212044

ފްލޮޓިލާ މިހާރު ދަތުރުކުރަމުންދަނީ ޒަޔަނިސްޓް ބާރުތަކުން އުޅަނދުތަކަށް ހަމަލާދީ ހުއްޓުވި ހައި ރިސްކް ޒޯނާ ދިމާއަށެވެ. އެއީ ޣައްޒާއާ 150 ނޯޓިކަލް މޭލް ދުރެވެ. ފްލޮޓީލާއިން ސޯޝަލް މީޑިއާގައި ބުނީ އެހާ ހިސާބަށް ކައިރިކުރުމުން ގޮތް ނޭނގޭ އުޅަނދުތަކެއް ފްލޮޓީލާގެ އުޅަނދުތަކާ ކައިރިކުރި ކަމަށެވެ. އޭގެތެރެއިން ބައެއް އުޅަނދުތަކުގައި ނެވިގޭޝަން ލައިޓެއް ވެސް ނެތް ކަމަށާއި ޑްރޯންތައް ގިނައިން ފެންނަން ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ހުއްޓުވައިފިނަމަ ނުވަތަ ހައްޔަރުކޮށްފިނަމަ ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކުން މުޒާހަރާ ކުރުމަށް ހައްގުތަކާ ބެހޭ ޖަމާއަތްތަކުން މިހާރު ވެސް އިލްތިމާސް ކުރެއެވެ. މީގެ ކުރިން ބައެއް ފްލޮޓިލާ އުޅަނދުތަކަށް ހަމަލާދީފައިވާއިރު، މިމަހުގެ ކުރީކޮޅު ޓިއުނީޝިއާގައި ބަނދަރުކޮށްފައި ތިއްބާ އިސްރާއީލުގެ ޑްރޯންތަކެއް ކަމަށް ޝައްކުކުރެވޭ ޑްރޯންތަކަކުން އުޅަނދުތަކަށް ވަނީ ހަމަލާދީފައެވެ.

ޑްރޮޕް ސައިޓް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ފްލޮޓިލާ ހުއްޓުވަން ދަތުރު ވަނީ ފަށައިފައެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރުން މިހާރު ވަނީ އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ފްލޮޓިލާއަށް ހަމަލާދީ، ހުއްޓުވައި، ކޮންޓްރޯލް ކުރުމަށް ރާވާފައިވާ ނުބައި ޕްލޭން ހާމަކޮށްފައެވެ.

އެގޮތުން އިސްރާއީލުން 50 އުޅަނދު އެއްކޮށް ނުހިފަހައްޓާނެ ކަމަށާއި، ބައެއް އުޅަނދުތައް ކަނޑުފައްތަން ރާވާފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ގަސްތުކުރަނީ އުޅަނދުތަކުގައި ދަތުރުކުރާ އެކްޓިވިސްޓުން ބަންދުކޮށް، އެމީހުންނާ ސުވާލުކޮށް، އަޝްދޮދު ބަނދަރު މެދުވެރިކޮށް އެމީހުންގެ ގައުމުތަކަށް ޑީޕޯޓުކޮށްލުމަށެވެ.

އިސްރާއީލުގެ މި ޕްލޭނަކީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ބޯޓުފަހަރު ދަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ޕްލޭނެކެވެ.

ޒަޔަނިސްޓް ބާރުތަކުން ވަނީ 2010 ވަނަ އަހަރުން ފެށިގެން އެތައް ފްލޮޓިލާތަކެއް ހުއްޓުވައި، އެކްޓިވިސްޓުން ވެސް މަރާލާފައެވެ.

އެ އަހަރުގެ މެއި މަހު ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި މާވީ މަރްމަރާ ނަމަކަށް ކިޔާ ފްލޮޓިލާއަށް ހަމަލާދީ އިސްރާއީލުގެ ކޮމާންޑޯތަކުން ވަނީ 10 އެކްޓިވިސްޓުން މަރާލާފައެވެ.

comment ކޮމެންޓް