މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގައި 3،000 މެންބަރުން ހަމަނުވާތީ، އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި އިއްޔެ ހުކުމްކޮށްފިއެވެ.
އެމްއެލްއެސްޑީޕީ އުފެއްދީ ޑިސެންބަރު 2018 ގައެވެ. އެ ޕާޓީ އުފެއްދުމުގައި އޭރު އިސްކޮށް ހުންނެވީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ. އެ ޕާޓީ އޭރު އުފެއްދީ 3،000 މެންބަރުން ހަމަވެގެންނެވެ.
އެމްއެސްއެލްޑީޕީ އުވާލީ ގާނޫނީ އިމުގެ ބޭރުން ކަމަށް ސިވިލް ކޯޓުން ނިންމީ، އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ މައްސަލައިގައެވެ.
އެމްއެލްއެސްޑީޕީގައި 3،000 މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން އީސީން ނިންމީ 2022 ވަނަ އަހަރުގެ މެދުތެރޭގައެވެ.
އެކަމަކު، ޖުލައި 16، 2019ގައި އޭނާ ވަނީ ޕާޓީން އިސްތިއުފާ ދީފައެވެ. އޭރު އޭނާ ވިދާޅުވީ، ލޭބާ ޕާޓީގެ ސެކްރެޓްރީ ޖެެނެރަލްކަމުގެ މަގާމާއި އަދި ލީޑާޝިޕް ކޮމެޓީގެ މެންބަރުކަމުގެ މަގާމުގެ އިތުރުން އެ ޕާޓީގެ މެންބަރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
އޭރު އޭނާ ވިދާޅުވީ، ޕާޓީން އިސްތިއުފާދެއްވީ ސިޔާސީ ކަންކަމުގައި އުޅެން ބޭނުންނުވާތީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އޭރު ބުނީ، އެމްއެލްއެސްޑީޕީ އުވާލަން ނިންމީ މެންބަރުން ހަމަކުރަން ދިން ތިން މަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް މެންބަރުން ހަމަނުވުމުން ކަމަށެވެ. އަދި، އެ ކަމާ ގުޅިގެން އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ ވެސް އީސީން އޭރު ބައްދަލުކުރިއެވެ. އެ ބައްދަލުވުމަށް ފަހު، އެމްއެލްއެސްޑީޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން، އެ ޕާޓީން 2023 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގައި ދެ އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށް ފަހު، ޖުޑީޝަލް ރިވިއުގެ މި މައްސަލަ ނިންމީ އަންގާރަ ދުވަހެވެ. އަންގާރަ ދުވަހު، ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ މި މައްސަލައިގެ ހުކުމުގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށެވެ.