އިންތިޚާބަކާ ނުލައި، މީޑިއާ ކޮމިޝަނަށް ހަތަރު މެންބަރުން ހޮވިއްޖެ

އިންތިޚާބަކާ ނުލައި ކޮމިޝަނަށް އިންތިޚާބުވި ޒަމްއަތު، ސަގީފް، ސިމާހާ [ކ-ވ] ---

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އަލަށް އުފައްދާ ކޮމިޝަނަށް ކުރިމަތިލައި، ޝަރުތު ހަމަވި ހަތަރު މެންބަރަކު ވޯޓަކާ ނުލައި، މިއަދު އިންތިޚާބުވެއްޖެއެވެ.

އައު ގާނޫނުގެ ދަށުން އެ ކޮމިޝަނުގައި ހަތް މެންބަރުން އައްޔަނުކުރާއިރު، ހަތަރު މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ކުރިމަތިލައި ޝަރުތު ހަމަވީ ފަސް ކެންޑިޑޭޓެއްގެ ކަމަށެވެ. އެކަމަކު، އޭގެތެރެއިން އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔުމާ ގުޅިގެން ބްރޯޑްކާސްޓަރުންގެ މަގާމަށް ޝަރުތުހަމަވެފައި ވަނީ މެންބަރުން އިންތިޚާބުކުރަން ޖެހޭ އަދަދަށް ކަމަށް އީސީން ބުންޏެވެ. އެއީ ދެ ކެންޑިޑޭޓުން ކަމަށްވާއިރު، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރު ކަމުގެ މަގާމަށް ޝަރުތުހަމަވީ ދެ ކެންޑިޑޭޓުންނެވެ.

އީސީން މިއަދު ވަނީ މަގާމުތަކަށް އިންތިޚާބުވި މެންބަރުންގެ ނަންތައް އާންމުކޮށްފައެވެ. އެއީ:

  • އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ޒަމްއަތު ވަހީދު
  • ވަގުތު ނޫހުގެ ނޫސްވެރިޔާ ސިމާހާ ނަސީމް
  • އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފް
  • އަބްދުލް އަޒީޒް އިބްރާހީމް، ށ.ފޭދޫ/ މޫނިމާގެ

އޭގެތެރެއިން އަބްދުލް އަޒީޒްއާއި ޒަމްއަތު އިންތިޚާބުވީ ބްރޯޑްކާސްޓަރުންގެ މަގާމަށް ކަމަށްވާއިރު، ސިމާހާއާއި ސަގީފް އިންތިޚާބުވީ މީޑިއާތައް ތަމްސީލުކުރާ މެމްބަރު ކަމަށެވެ.

އެ ކޮމިޝަނުގެ ބާކީ ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ފާހަގަކުރެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން މާ ބޮޑު ތަރުހީބެއް ލިބިފައިނުވެއެވެ.

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަމަލުކުރަން ފެށި އާ ގާނޫނާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން، ބިލާ ދެކޮޅަށް ނޫސްވެރިން ސިލްސިލާ މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.

comment ކޮމެންޓް