މިދިޔަ މަހު ތަސްދީގުކުރި މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވީ 190 މީޑިއާއަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީޑިއާތަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ވޯޓުލާނެ ފަރާތްތައް ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތު ރޭ ދަންވަރު 12:00 އަށް ހަމަވިއިރު، 190 މީޑިއާއަކުން ރަޖިސްޓްރީވި ކަމަށެވެ.
އެހެންކަމުން އެއީ މީޑިއާ ކައުންސިލްގައި ހުސްވި ތިން މެންބަރުންގެ މަގާމަށް އިންތިޚާބުކުރުމަށް މިދިޔަ ޖޫން މަހުގެ 21ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ރަޖިސްޓްރީވި މީޑިއާތަކާ އަޅާ ބަލާއިރު 112 މީޑިއާގެ އިތުރުވުމެކެވެ.
އިތުރަށް އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓްރީކުރުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން މާ ބޮޑު ތަރުހީބެއް ލިބިފައިނުވެއެވެ. އެގޮތުން، އެ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލީ ހަ ކެންޑިޑޭޓުންނެވެ.
އެއީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ހަތަރު ފަރާތަކާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ދެ ފަރާތެކެވެ. އޭގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމުސީލުކުރާ މެންބަރުންގެ މަގާމަށް ކުރިމަތިލީ އެކަކުގެ ކެންޑިޑެސީ ގަބޫލުނުކުރިއިރު، ބާކީ ތިބި ތިން ކެންޑިޑޭޓުންގެ ތެރެއިން އެކަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަގާމަށްލީ ދެ މީހުންގެ ތެރެއިން އެކަކުގެ ކެންޑިޑަސީ ބާތިލުކުރިއެވެ.
މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަމަލުކުރަން ފެށި އާ ގާނޫނާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އދ. އާއި އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން ރާއްޖެއަށް ގޮވާލާފައެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ކޮންޓްރޯލް ބިލުގެ ދަށުން އުފައްދާ ކޮމިޝަން ބަލައިނުގަނެ، ސެލްފް ރެގިއުލޭޓަރީ ނިޒާމެއް އުފައްދަން ނިންމާފައެވެ.