ޚަރަދުކުރުމުގެ ބިލު ފާސްކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އެންމެ ފަހުން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެމެރިކާ ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެއެވެ.
މީގެ ހަތް އަހަރު ކުރިން ވެސް މި ފަދަ ހާލަތެއް ދިމާވެ، އެ ގައުމުގެ ސަރުކާރު 35 ދުވަހަށް ހުއްޓުނެވެ. ކުރިން 1980ގެ ފަހުން ކިތަންމެ ފަހަރަކު މި ފަދައިން އެ ގައުމަށް މެދުވެރިވެއްޖެއެވެ.
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކޮށްފައިވާ ކުރު މުއްދަތުގެ ފަންޑިންއާ ބެހޭ ގަރާރެއް ފާސްކުރުމަށް ސެނެޓުން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން ސަރުކާރު ހިންގުމަށް ދޭ ފައިސާގެ މުއްދަތު ވަނީ އެމެރިކާ ގަޑިން މެންދަމު 12.01 (ޖީއެމްޓީ) ގަޑިން 04.01 އަށް ހަމަވެފައެވެ.
ބިލާ ދެކޮޅަށް 55 ވޯޓު ލިބިފައިވާއިރު، 45 ވޯޓު ދީފައިވަނީ ބިލާ އެއްކޮޅަށެވެ. މިހާރު އޮތް ގޮތަށް ފާސްކުރުމަށް 100 މެންބަރުންގެ ސެނެޓުން 60 ވޯޓު ބޭނުންވެއެވެ. މިއީ ޑިމޮކްރެޓުންގެ ކޮންޓްރޯލަށްވުރެ ހަތް ވޯޓު ގިނަ އަދަދެކެވެ.
އެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރި ނަމަވެސް އިދިކޮޅު ޑިމޮކްރެޓުންގެ މެންބަރުންނާއި ރައީސް ޓްރަމްޕާ ދެމެދު އެ ބަޖެޓާ މެދު ޚިޔާލު އެއްގޮތެއް ނުކުރެވުނެވެ.
ވޯޓަށް ފަހު ވައިޓް ހައުސްގެ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓުން ނެރުނު ނޯޓެއްގައި ބުނެފައިވަނީ އިދާރާތަކުން އޮމާންކަމާއެކު ޝަޓްޑައުން ކުރުމަށް ރާވާފައިވާ ޕްލޭންތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ކާބޯތަކެތީގެ އެހީތެރިކަމުގެ ޕްރޮގްރާމާއި، ފެޑެރަލް ފަންޑުން ޕްރީ ސްކޫލާއި، ސްޓޫޑެންޓް ލޯނު ދޫކުރުމާއި، ކާބޯތަކެތީގެ އިންސްޕެކްޝަންތަކާއި، ނޭޝަނަލް ޕާކްތަކުގައި ހިންގާ އޮޕަރޭޝަންތައް ހިމެނޭ ގޮތަށް ކޮންމެހެން ބޭނުންނުވާ ކަމަށް ބެލެވޭ ޚިދުމަތްތައް ބަންދުވާނެއެވެ. އެ ހުރިހާ ޚިދުމަތްތައް ބަންދުވުމުން 750،000 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ބެލެވެއެވެ.
ބިލު ފާސްނުވެއްޖެނަމަ، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ސިއްހީ ޚިދުމަތަށް ކަނޑައަޅާނެ ފައިސާގެ މައްސަލައިގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު މައްސަލަ ޖެހިފައިވާއިރު، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުން ބޭނުންވަނީ ދިގު މުއްދަތުގެ ބަޖެޓެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުން، އަންނަ ނޮވެންބަރު މަހުގެ ފަހުކޮޅާ ހިސާބަށް އެ ފައިސާ ހަމަޖެއްސުމަށެވެ.
ނަމަވެސް، ޑިމޮކްރެޓުން ބޭނުންވަނީ ސިއްހީ ޚިދުމަތުން އުނިކޮށްފައިވާ އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ބަޖެޓަށް އިޔާދަކުރާށެވެ.
އެތައް ފަހަރު ބައެއް އޮޕަރޭޝަންތައް ހުއްޓަލި ނަމަވެސް، މިހާރު ކަންތައް ދާ ގޮތަށް ބަލާއިރު، އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނާނެ ކަމަށް ބެލެވޭ މުއްދަތު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
އެންމެ ގިނަ ދުވަހަށް ސަރުކާރު ހުއްޓުމަކަށް އައިސްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެންބަރު 22 ގައެވެ. އެ ފަހަރު 380،000 ފެޑެރަލް މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް އަދި އިތުރު 420،000 މީހުން މުސާރަ ނުލިބޭ ގޮތަށް މަސައްކަތްކުރަން ޖެހުނެވެ.