ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ޖަވާބު ދިނުމަށް ހަމާސްއަށް އޮތީ ތިނެއް ނުވަތަ ހަތަރު ދުވަހުގެ މުހުލަތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އާ އެއްބަސްވުމެއް ހުށަހަޅާފައެވެ.
މިހާރު ވެސް އިސްރާއީލާއި އަރަބި ލީޑަރުން އެ ހުށަހެޅުން ބަލައިގެންފައިވާ ކަމަށާއި އެ ހުށަހެޅުމަށް މަޝްވަރާ ކުރުމުގެ މާ ބޮޑު ފުރުސަތެއް ނެތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
"ހަމާސްއިން އެކަން ކުރާނެ ނުވަތަ ނުކުރާނެ. ނުކޮށްފިނަމަ ވަރަށް ހިތާމަވެރި ނިމުމަކަށް ވާނެ،" އަންގާރަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވެފައިވަނީ ޣައްޒާ ވަގުތުން ހަނގުރާމަ ހުއްޓާލުމާއި ހަމާސްގެ ބެލުމުދަށުގައި ތިބި އިސްރާއީލުގެ އަސީރުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންނާ ބަދަލުކުރުމާ ގުޅޭ ގޮތުން 20 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް އިއްޔެ ހުށަހެޅުމަށް ފަހެވެ.
ޓްރަމްޕު ހުށަހަޅުއްވައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތާއީދުކޮށްފައިވާ އެ ހުށަހެޅުމުގައިވާ ގޮތުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލައި، ޖެހިގެން އަންނަ 72 ގަޑިއިރު ތެރޭ ހަމާސްއިން އިސްރާއީލުގެ ރަހީނުން މިނިވަންކުރަންޖެހެއެވެ. އަދި، ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި އިސްރާއީލު ސިފައިން އެކި މަރުހަލާތަކަށް ބަހާލައިގެން ޣައްޒާއިން ފޭބުމާއި ޓްރަމްޕު އިސްވެ ހުންނަވާ ފަލަސްތީނުގެ ސަރުކާރެއް ގާއިމުކުރުމުގެ މަސައްކަތްކުރުން ވެސް ހިމެނެއެވެ.
އެ ހުށަހެޅުމުގެ ދަށުން ހަމާސްއިން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށާއި އެމެރިކާއިން އަރަބި އަދި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން "ވަގުތީ ބައިނަލްއަގުވާމީ ސްޓެބިލައިޒޭޝަން ފޯސް"އެއް ގާއިމުކުރުމަށް މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، ޣައްޒާގެ ވެރިކަން ބެލެހެއްޓުމަށް ތަޖުރިބާކާރު މެންބަރުން ހިމެނޭ ބޯޑް އޮފް ޕީސް ކިޔާ ބޯޑެއް އުފެއްދުން ވެސް އެ ހުށަހެޅުމުގައިވެއެވެ. އެ ބޯޑުގެ ޗެއާމަންކަން ކުރައްވާނީ ރައީސް ޓްރަމްޕް ކަމަށާއި، އެހެން މެންބަރުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާގެ ނަން ހިމެނޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، ހަމާސްއިން ވަނީ ބްލޭއާއަކީ ފަލަސްތީނުން ބަލައިގަންނާނެ މީހެން ނޫން ކަމަށް ބުނެފައެވެ.

ޣައްޒާގެ މެދުތެރޭ ސަރަހައްދުން ބަޔަކު ފެން އުފުލަނީ. ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން ވަނީ ހުރަސް އަޅާފައި. ފޮޓޯ/ރޮއިޓާސް
ޓްރަމްޕްގެ ޕްލޭންގެ ދަށުން ސުލްހަވެރިކަމާ އެކު އެއް ތަނެއްގައި އުޅެން ގަބޫލުކުރާ ހަމާސްގެ މެންބަރުންނަށް މައާފު ދިނުމަށް ހަމަޖެހިފައިވާއިރު، އެގޮތަށް ގަބޫލު ނުކުރާނަމަ، ޣައްޒާ ދޫކޮށް ވަކި ގައުމުތަކަކަށް ދިއުމުގެ ހުއްދަ ދޭނެއެވެ.
އިސްރާއީލުން ޣައްޒާއަށް އަދިވެސް ހަމަލާތައް ދެމުން އަންނައިރު ހަމާސްގެ މަޝްވަރާ ޓީމުން އަންނަނީ ޓްރަމްޕްގެ ޕްލޭން ދިރާސާކުރަމުން ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަލް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ ވިދާޅުވީ، އެ ހުށަހެޅުމުގައި ހިމެނޭ ބައެއް ނުކުތާތައް ސާފުނުވާ ކަމަށާއި މަޝްވަރާކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް، ޘާނީ ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް ޕްލޭން ބިނާކުރަނިވި ގޮތެއްގައި ބަލައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އޮތޯރިޓީ (ޕީއޭ)އަށް ބާރު ފޯރުވާ ފަލަސްތީނުގެ ސިޔާސީ ފަރާތް ކަމަށްވާ ފަތަހް ޖަމިއްޔާއިން ވަނީ ހަނގުރާމަ ނިމުމަކަށް ގެނެސް އާންމުން ހިމާޔަތްކުރުމަށް އެމެރިކާއިން ކުރާ މަސައްކަތަށް މަރުހަބާ ކިޔާފައެވެ.