ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު، އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުން ކަމަށާއި މި ސަރުކާރުން އަންނަނީ އެކަން ކުރަމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވެފައި ވަނީ، މި ހަފުތާ ބަންދުގައި އިދިކޮޅު އެމްޑީޕީން "ލޫޓުވައިފި"ގެ ނަމުގައި ބާއްވާ މުޒާހަރާއަކީ ހަމައެކަނި އެ ޕާޓީގެ އެއްވުމެއް ނޫން ކަމަށާއި އެއީ ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވާން ރަނގަޅު މުޒާހަރާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ފަހުންނެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު، އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެ އަމަލު ހިންގާ މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުން ކަމަށެވެ. އެ މަސައްކަތް މިހާރު ކުރަމުން އަންނަ އޭނާ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، އިދިކޮޅުގައި މިހާރު ތިއްބެވި ބޭފުޅުންނަށް މިދިޔަ 15 އަހަރު ކޮރަޕްޝަން ހުއްޓުވަން ފުރުސަތު ލިބުނުއިރު، އެކަން ނުކޮށް މިއަދު މީހުން މަގުތަކަށް ނެރެގެން އުޅެނީ ކޮންކަމެއް ކުރަންތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރުގެ އިދިކޮޅު ފަރާތްތަކުން މަގާމުތަކުގައި ތިބިއިރު، ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮންކަމެއްތޯ ސުވާލުކުރަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި، ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފެނަކައިގައި، ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑު ވައްކަމެއް ހިންގައިފައިވާކަން މިފަހުން ވަނީ ފަޅާއަރާފައެވެ.
އޭގެފަހުން، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށެއް ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށް، އޭނާ ވަނީ ހަތަރު އަހަރަށް ޖަަލަށްލައިފައެވެ.
ނަޝީދު ވަނީ ރާއްޖޭގެ ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމާއި ކޮރަޕްޝަންގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ހެކި ހޯދަން ކޮންފަރެންސެއް ބާއްވާނެކަން ރޭ އިއުލާނުކުރައްވައިފައެވެ.
އެ ކޮންފަރެންސުގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި ނޫސްވެރިން ބައިވެރިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.