އިސްލާހީ ބަދަލުތައް ފުނޑުވާތަން ބަލަން ނުތިބޭނަން، ދައުލަތް ލޫޓުވުން ހުއްޓުވާނަން: ޝާހިދު

3 އޮކްޓޯބަރު 2025: އެމްޑީޕީގެ "ލޫޓުވައިފި، ލޫޓުވައިފި" އިހުތިޖާޖުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރާއްޖެއަށް ގެނައި އިސްލާހީ ބަދަލުތައް ފުނޑުވާތަން ބަލަން ނުތިބޭނެކަމަށާއި، މިހާރުގެ ސަރުކާރުން "ދައުލަތް ލޫޓުވަން" ކުރަމުން އަންނަ މަސައްކަތް ހުއްޓުވާނެކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އެތައް ސަތޭކަ ބަޔަކާއެކު, މިރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބާއްވާ "ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުން، ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް ސުލްހަވެރި ސިޔާސީ ހަރަކާތް ތައާރަފްކުރި ޕާޓީ ކަމަށެވެ.

އަދި ސުލްހަވެރި ސިޔާސީ ހަރަކާތުގެ ތެރެއިން ރާއްޖެއަށް މުހިންމު އިސްލާހީ ބަދަލުތައް ގެނައީ ވެސް އެމްޑީޕީން ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެންނަނީ އެ ކަންކަން އޮޔައިގޮސް، ފުނޑުފުނޑުވާތަން ކަމަށާއި، އެ މަންޒަރު ބަލަން ނުތިބޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މީގެ ކުރިން ވެސް، އަދި މިހާތަނަށް ވެސް އެމްޑީޕީން ވާނީ ގެނައި އިސްލާހީ ބަދަލުތަކުގެ ހިމާޔަތުގައި މަސައްކަތްކޮށްފައި ކަމަށާއި، ދެން ވެސް އެކަމަށް ޓަކައި އެ ޕާޓީން ގުރުބާން ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

3 އޮކްޓޯބަރު 2025: އެމްޑީޕީގެ "ލޫޓުވައިފި، ލޫޓުވައިފި" އިހުތިޖާޖު ކުރިއަށް ދަނީ. މުޅި އާޓިފިޝަލް ބީޗު ވަނީ ފުރިފައި -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

އަދި އެމްޑީޕީން މިރޭ ނިކުމެ ތިބީ ދައުލަތް "ލޫޓުވުން ހުއްޓުވަން" ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ބުނަންޖެހޭ އެއްޗެއް ބުނެ، އަޑުއުފުލަން ކެރޭނެ ޕާޓީ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ހެޔޮގޮތް ގެނައުމަށް ޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް މިހާތަނަށް ވެސް ވި، އަދި ވަމުން ދާނެ ޕާޓީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިންކަން ފާހަގަކުރެއްވައިފައެވެ.

މިރޭގެ އެއްވުމުގައި ވަނީ އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވެފައެވެ. މުޅި އާޓީފިޝަލް ބީޗު ސަރަހައްދު ފުރިފައިވާއިރު، މި އެއްވުމުގެ މަގްސަދަކީ މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އެކި މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވުން ކަމަށް އެމްޑީޕީން ބުނެއެވެ.

comment ކޮމެންޓް