އަޅުގަނޑުމެން ބޮލުގައި ކޮރަޕްޝަން އަޅުވާފައި، ވެރިން މާލީ ބަޔާން ހާމައެއް ނުކުރޭ: ޝުޖާ

މެންބަރު ޝުޖާ: އޭނާ ވަނީ ވެރިން މާލީ ބަޔާން ހާމަނުކުރާތީ ނުރުހުން ފާޅުކޮށްފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލުގައި ކޮރަޕްޝަން އަޅުވާފައި ވެރިން އެ ބޭފުޅުންގެ މާލީ ބަޔާން ހާމަނުކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ) ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ވަޒީރުން މާލީ ބަޔާން ހުށަނޭޅުމުން ވެސް ފިޔަވަޅު އެޅޭގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ.

އެއިން އިސްލާހަކަށް ބަހުސްކުރައްވަމުން ޝުޖާ ވަނީ ދައުލަތުގެ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ވަޒީރުން ވެސް މާލީ ބަޔާން ހާމަނުކުރައްވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި، މަޖިލީސް މެންބަރުންނަކީ ވަރަށް ކޮރަޕްޓް ބައެއްގެ ގޮތުގައި ވިސްނައިދީފައި އޮންނާތީ ވެސް އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ކޮރަޕްޓް ބައެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް މި އޮންނަނީ އެހެން ބަޔަކު ވިސްނައިދީފައި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ހިތްވަރު ހުރޭ، އެ މީހުންގެ މާލީ ބަޔާން ހާމަކުރަން. އަނބިދަރިންގެ ބަޔާން ހާމަކުރަން،" އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.

https://sun.mv/212388

ޝުޖާ ވިދާޅުވީ، ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ކުންފުނިތަކާއި ސަލާމަތީ ޚިދުމަތްތަކުގެ ވެރިންގެ މާލީ ބަޔާން ވެސް ހާމަކޮށްލަން ކެރޭ ހިސާބަކީ ރަނގަޅު ފާލެއްގެ ފެށުން ކަމަށެވެ. އެހެންވެ، އެކަން ކުރަން އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން، މުސާރައާ ނުބައްދަލު އާމްދަނީއެއް ލިބޭ އާންމު މީހުންގެ މާލީ ބަޔާން ހާމަކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ތެރެއިން އޭނާގެ މުސާރައާ ނުބައްދަލު އާމްދަނީއެއް އޭނާއަށް އޭނާގެ އެކައުންޓުތަކުގައި އޮޕަރޭޓްކުރެވެންޏާ އޭތި އެބަޖެހޭ ފްލެގްވާން. އޭނާގެ ބަޔާންތައް އެބަޖެހޭ ހާމަވާން. ރައްޔިތުންނާ ހަމައަށް ވެސް ނުހައްގު މުއްސަނދިކަމާއި މާލީ ބަޔާން ހުށަހެޅޭ ނިޒާމު އައީމާ މި ގައުމު ދާނީ ވަރަށް ތާހިރު ރާއްޖެއެއްގެ ގޮތުގައި،" އޭނާ ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ.

"އެހެން ނޫނިއްޔާ ވާނެ ގޮތަކީ ހަމައެކަނި އަޅުގަނޑުމެންގެ ބޮލުގައި ކޮރަޕްޝަނާއި ރައްޔިތުންގެ މަޖިލީހަކީ މިހާރު ވެފައި މި އޮންނަނީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި. އެކަން ވެސް ވާންޖެހުނީ އެމްޑީޕީގެ ސަބަބުން،"

https://sun.mv/212136

އޭނާ ވަނީ ރައްޔިތުންގެ 'އަތްފޯރާ ހިސާބަށް' ކޮރަޕްޝަން އާންމުކުރީ އެމްޑީޕީން ކަމަށް ތުހުމަތުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ޝުޖާ ވާހަކަދެއްކެވިއިރު، އޭނާއާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތައްޔާރުކުރި ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ރިޕޯޓެއް ވެސް މި ފަހުން ލީކްކޮށްލާފައިވެއެވެ. އެ ރިޕޯޓުގައި ވަނީ ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ.

އެ ގޮތުން، ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ މަޖިލީހުގެ އިދާރާއިންނެވެ. ލީކުވެފައިވާ ރިޕޯޓުގައި ވާގޮތުން މަޖިލީހުން ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ވަނީ ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ. އެއީ:

  • ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ
  • ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން ރުފިޔާ
  • ޝުޖާއުގެ ދެބެއިންގެ ދެދަރި ކޮއްކޮ މުހައްމަދު ނާފިޒްގެ ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ

ރިޕޯޓުގައި ވާގޮތުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ޚަރަދުކުރީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ޝުޖާއާއި ދައުލަތުގެ މީޑިއާގެ ބޯޑް މެންބަރެއް ކަމަށްވާ އަހުމަދު އަދުހަމަށް ރެއިންބޯއިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަންނާށެވެ. އެއީ، ޖުމުލަ 20 މިލިއަން ރުފިޔާގެ އެޕާޓްމަންޓްތަކެއް ކަމަށް ރިޕޯޓުގައިވެއެވެ.

އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު، އެ މުއާމަލާތްތަކުގައި އެއްވެސް ޚިޔާނާތެއް ނޯންނާނެ ކަމަށް ވިދާޅުވެ، ތުހުމަތުތައް ޝުޖާ ވަނީ ދޮގުކުރައްވާފައެވެ. އެހެންވިޔަސް މާލިއްޔަތު ކޮމިޓީ ހިމެނޭހެން މަޖިލީހުގެ ބައެއް ކޮމިޓީތަކުން އޭނާ ވަނީ ބަދަލުކޮށްފައެވެ.

comment ކޮމެންޓް