މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ބިމުގެ ތަފުސީލު މާދަމާ ހިއްސާކުރައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ޖުލައި މަހުގެ 29ވަނަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި އާޒިމް ވިދާޅުވީ، ކައުންސިލަށް 15 އަހަރުވީއިރު ބިމުގެ އޮޑިޓެއް ނުވަތަ ދަފުތަރެއް އެކުލަވާލާފައި ނުވާ ކަމަށާއި، ނަމަވެސް، އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ބިންތަކެއް ކުއްޔަށް ދޫކޮށްފައި ހުރީ ކޮން ބަޔަކަށްތޯ، ކޮން ބޭނުމަކު ތޯ، ކޮން ކުއްޔަކަށް ތޯ، ކިހާ މުއްދަތަކަށް ތޯ، އެތާ ސީއެސްއާރު ކޮމްޕޯނަންޓު ހިމެނިފައިވޭތޯއާއި މިހުރިހާ ކަމެއް، އޭގެއިތުރުން ވެސް ހުރި ކަމެއް ވެއްޖިއްޔާ ތި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ތިބޭފުޅުންގެ ބިންތަކުގެ ހުރިހާ ތަފުސީލެއް އަޅުގަނޑު ހާމަކޮށްދޭނަން،" އާޒިމް ވިދާޅުވެފައިވެއެވެ.
އާޒިމް މިއަދު 'ސަން'އަށް ވިދާޅުވީ، ދަފުތަރުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި، މާދަމާ ބާއްވާ ކައުންސިލްގެ އާންމު ޖަލްސާގައި ދަފުތަރު އާންމުކުރައްވާނެ ކަމަށެވެ.
މި ދަފުތަރު އާންމުކުރުމުގެ ކުރިން ކައުންސިލަރުންނަށް އެކަން އަންގައިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ މޭޔަރު އާޒިމް: މާލޭން ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ތަފުސީލް ހާމަކުރައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކުގެ ތަފުސީލުތައް ހިއްސާކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު މޭޔަރުގެ އަރިހުން މީގެކުރިން ވަނީ އެދިވަޑައިގެންފައެވެ. އެ މައުލޫމާތަށް ތަކުރާރުކޮށް އެދުމުން ވެސް މައުލޫމާތު ނުދޭކަމަށް ވިދާޅުވެ ސައިފްވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
މާލޭގެ ބިންތައް ނުއަގުގައި ދިގު މުއްދަތަށް ދޫކުރާކަމުގެ ތުހުމަތު ސައިފް ވަނީ މޭޔަރަށް ކުރައްވައިފައެވެ.
އެހެންނަމަވެސް އާޒިމް ވަނީ އެއްވެސް ކޮންޓްރެކްޓެއް ރައްޔިތުންނާއި ކައުންސިލަށް ނުފެނި، އެއްވެސް މީހަކަށް ނުދޭނެ ކަމަށް ވިދާޅުވެފައެވެ.