ޓްރަމްޕްގެ ޣައްޒާ ޕްލޭން ކާމިޔާބުވާނެކަމުގެ ޔަގީންކަން ނުސީދާ ގޮތެއްގައި ޓްރަމްޕް ދެއްވައިފި

ވޮޝިންޓަން (30 ސެޕްޓެމްބަރު 2025) : ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ އިނިޝިއޭޓިވް ނުވަތަ ޕްލޭން ކާމިޔާބުވެފައިވާކަން ދޭހަވާފަދަ ގޮތަކަށް ޓްރަމްޕް ވާހަކަ ދައްކަވައިފިއެވެ.

ޓްރަމްޕް އޭނާގެ ޓުރުތް ސޯޝަލްގައި ލިޔުއްވާފައިވާ ގޮތުގައި ޣައްޒާގެ މައްސަލަތައް ހައްލުކުރުމުގައި މިހާރު ބޮޑު ކުރިއެރުމެއްވަނީ ލިބިފައެވެ. އަދި މެދުއިރުމަތި ދަނީ ބޮޑު ބަދަލަކަށް ތައްޔާރުވަމުންނެވެ. މި ބޮޑުބަދަލު ގެނައުމަށް ޓަކައި އެންމެންނަށް ވެސް މިހާރު އެއްގަލަކަށް އެރިއްޖެއެވެ. މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާގެ ޕްލެޓް ފޯމްގައި މިހެން ލިޔުއްވާފައިވާއިރު ބްލޫމްބާގް ބުނާގޮތުން އިއްޔެ ވައިޓް ހައުސްގައި ޓްރަމްޕް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުމުގައި ނަތަންޔާހޫވަނީ ޓްރަމްޕްގެ ޣައްޒާގެ ޕްލޭނަށް އާބަސް ބުނެ ރުހުން ދީފައެވެ.

ޓްރަމްޕް އެކަށައެޅުއްވި ޣައްޒާގެ ސުލްހައިގެ ޕްލޭން ބިނާކޮށްފައިވަނީ ޣައްޒާގައި އޮންނަ ހަމާސްގެ ވެރިކަން ނިމުމަކަށް ގެނައުމާއި ހަމާސްގެ އަތުން ހަތިޔާރު ނިގުޅައިގަތުމާއި ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމުތައް ދާއިމީ ގޮތަކަށް ހުއްޓާލުމާއި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރުމާއި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އެތަށް ސަތޭކަ އަސީރުން މިނިވަން ކުރުމުގެ މައްޗަށެވެ.

އަދި ޣައްޒާ ވަގުތީގޮތުން ހިންގުމަށް އިންތިގާލީ ވަގުތީ އިދާރާއެއް އުފެއްދުމުގެ މައްޗަށެވެ. މި އިންތިގާލީ އިދާރާ އެކުލަވާލަނީ ހަމާސްވެސް އަދި ފަލަސްތީނުގެ ވެރިކަމުގެ އިދާރާ ނުވަތަ ޕްލެސްޓިނިއަން އޮތޯރިޓީވެސް ނުހިމަނައެވެ.

މިޕްލޭންގައިވާގޮތުން މަރުހަލާތަކަކަށް ބަލާހައިގެން އިސްރާއީލު ސިފައިން ޣައްޒާގެ ހުރިހާ ސަރަހައްދަކުން ތިންމަސްތެރޭގައި އެއްކޮށް ފައިބަންޖެއެވެ. މީގެއިތުރުން ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި ސިއްހަތާބެހޭ ސާމާނު އެއްވެސް ހުރަހެއްނެތި ވެއްދުމުގެ ފުރުސަތު ދޭންޖެއެވެ.

ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތްކުރާނީ އިސްރާއީލާއި އެމެރިކާއާއި ޣައްޒާގެ ވަގުތީ އިންތިގާލީ އިދާރާއާއި އަރަބި އިސްލާމީ ބައެއް ގައުމުތަކާއި އދ. ހިމެނޭގޮތަށް ބައިނަލްއަގްވާމީ ސްޕަވިޝަން އެއްގެ ދަށުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ޕްލޭންގައި ހިމެނޭ އިންތިގާލީ ވަގުތީ އިދާރާގެ ވެރިއަކަށް އައްޔަންކުރުމަށް އޭނާ ރާވާފައިވަނީ އިނގިރޭސިވިލާތުގެ ކުރީގެ ހަރުކަށި ބޮޑުވަޒީރެއް ކަމަށްވާ ޓޯނީ ބެލެއާއެވެ.

ހަނގުރާމައިގެ ނުރައްކާތެރި މުޖްރިމެއްކަމަށް ތުހުމަތު ކުރެވޭ ބްލެއާއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރި ކަމަށް ބުނެ އދ. އަށް ގޮންޖަހާފައި އެމެރިކާ އިރާގަށް އަރައިގަނެ ހިންގި ގަތުލުއާންމުތަކުގެ މައިގަނޑު ބައިވެރިޔާއެވެ. ޕްލެއާގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ދައުވާ ވެސް އުފުލާފައެވެ. އެދައުވާ ސާބިތުވެއްޖެނަމަ އޭނާ ދިގުމުއްދަތަކަށް ޖަލަށް ދާންޖެހުން އެކަށީގެންވެއެވެ.

ގަތަރުގައި ދިރިއުޅުއްވާ ހަމާސްގެ ލީޑަޝިޕް އިންވަނީ ޓްރަމްޕްގެ ޕްލޭން މިހާރު ލިބިފައިވާކަމަށާ އެޕްލޭން ދިރާސާ ކުރަމުން ގެންދާކަމަށް ބުނެފައެވެ. މިމަހުގެ ކުރީކޮޅު އިސްރާއީލުން ގަތަރަށް ދިން ޓެރަރިސްޓް ހަމަލާތަކަށް އިސްރާއީލުގެ ބޮޑުވަޒީރު އިއްޔެ ރަސްމީ ސިފައެއްގައި މައާފް އަށް އެދިފައިވާތީ ގަތަރުންވަނީ އަނެއްކާވެސް ޣައްޒާގެ މައްސަލާގައި ހަމާސް އާއި އިސްރާއީލާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރަން ފެށިކަން ހާމަކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ޕްލޭންގައި ހަމާސް އިން އެދުނު މައިގަނޑު ހަތަރު ކަންތައް ކަމަށްވާ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމާއި އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންގެ އެތަށް ސަތޭކަ ބަޔަކު މިނިވަންކުރުމާއި އެއްވެސް ހުރަހަކާ ނުލައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނިފައިވާތީ ހަމާސް އިންވެސް މި ޕްލޭނާ ދެކޮޅު ހަދާނެކަމަށް ނުބެލެވެއެވެ.

ހަމާސް އިންވަނީ ޣައްޒާގައި އެޖަމާއަތުން ހިންގާ ވެރިކަން ދޫކޮށްލަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ނަމަވެސް ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމުގެ ކުރިން ހަތިޔާރު ދޫކޮށްނުލާނެކަމަށް އެޖަމާއަތުން ބުނެއެވެ. ޓްރަމްޕްގެ ޕްލޭންގައިވާގޮތުން އިސްރާއީލުން ބޮންއަޅައި ބިމާ ހަމަކޮށްލާފައިވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރާނީ ގަލްފުގެ އަރަބި ގައުމުތަކާއި އެ ނޫން ވެސް ބައެއް ގައުމުތަކާއި ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުގެ ޚަރަދުގައެވެ.

comment ކޮމެންޓް