އެމްޑީޕީގެ މުޒާހަރާގައި ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވާންވީ، މިއީ ވަކި ޕާޓީއެއްގެ މުޒާހަރާއެއްނޫން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅު އެންމެން "ލޫޓުވައިފި" މުޒާހަރާގައި ބައިވެރިވާންވީ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ހަފުތާ ބަންދުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބާއްވާ މުޒާހަރާއަކީ ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވާން ރަނގަޅު މުޒާހަރާއެއް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މީގެ ތިން މަސްދުވަސް ކުރިން ޖޫން މަހުގެ 23ވަނަ ދުވަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ނަޝީދު 'އެކްސް'ގައި ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅު އެންމެން އެމްޑީޕީން "ލޫޓުވައިފި"ގެ ނަމުގައި ބާއްވާ މި މުޒާހަރާގައި ބައިވެރިވުން މުހިންމުކަމަށާއި، މި މުޒާހަރާއަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ ކަމަށެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމާއި ކޮރަޕްޝަންގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ހެކި ހޯދަން ކޮންފަރެންސެއް ބާއްވާނެކަން ރޭ އިއުލާނުކުރެއްވުމަށް ފަހުއެވެ.

މިކަމާ ގުޅިގެން ނަޝީދުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއީ، އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންތަކާއި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަހުލީލު ކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިވެރިވާ މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލުތަކަށް ނަޒަރު ހިންގައި، ކަރުދާހަށް ތިރިކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މި ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނަގާނެ ކަމަށް ވެސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ހަމައެއާއެކު ކޮންފަރެންސްގައި ލިޔެކިޔުން މުތާލިޔާކޮށް، ބަލައި، ގާނޫނީ އިޞްލާޙުތަކާއި ދެފުށްފެންނަ އިޖުރާޢަތުތަކާއި އުޞޫލުތައް އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މި ކޮންފަރެންސާ ގުޅުވައި، ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އެ 'ވައްކަމުގައި' ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ އަބުރާއި އިންސާފާއި އިއްޒަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ކޮންފަރަންސަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި ޕަބްލިކް އޮފިޝަލުން ކުރެން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް،" ނަޝީދާ ހަވާލާދީ އެ އޮފީހުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީން ހަފްތާ ބަންދުގައި "ލޫޓުވައިފި"ގެ ނަމުގައި މުޒާހަރާ މި ބާއްވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށެއް ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށް އޭނާ ހަތަރު އަހަރަށް ޖަލަށްލާފައި ވަނިކޮށެވެ. އެކަމަކު އެމްޑީޕީން އިއްޔެ ބުނީ، ސައީދު އަމަލުކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރި ކަމަށެވެ.

comment ކޮމެންޓް