ބޮލީވުޑްގެ މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާން އާއި ބަތަލާ ދީޕިކާ ޕަދުކޯން އިންސްޓަގްރާމްއިން އެކަކު އަނެކަކު އަންފޮލޯކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދީޕިކާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްކޮށްދިން ފަރާ ޚާން ބަތަލާ އަންފޮލޯ ކުރުމުން ވަރަށް ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ލިބި އެކަމާ ސުވާލު އުފެދިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ފަރާ އާއި ދީޕިކާގެ ރަހްމަތްތެރިކަމުގެ ގުޅުމުގައި ކުނިޖެހެން ފެށީ ދީޕިކާ ފިލްމު ޝޫޓިންގްތަކުގައި ހޭދަކުރާ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަން ނިންމި ނިންމުމާ ގުޅިގެން ފަރާ އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ހިސާބުންނެވެ.

ދީޕިކާ ފިރިމީހާ ރަންވީރު ސިންގް އަދި ޑައިރެކްޓަރު ފަރާ ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ
ފަރާ ގެނެސްދޭ އަމިއްލަ ޔޫޓިއުބް ޝޯއަށް ދީޕިކާ ގެންނާނީ ކޮންއިރަކުތޯ ޝޯގެ ދެވަނަ ހޯސްޓު ދިލިޕް އެހުމުން ފަރާ ބުނެފައި ވަނީ، ދީޕިކާ މިހާރު މަސައްކަތް ކުރަނީ ހަމައެކަނި އަށް ގަޑިއިރު ކަމަށާއި އެހެންވެ އެ ޝޯގައި ބައިވެރިވާނެ ވަގުތެއް ބަތަލާއަށް ނުވާނެ ކަމަށެވެ. އެއީ ދީޕިކާއަށް މަލާމަތް ކުރުމުގެ ގޮތުން ބުނެލި އެއްޗެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
ފަރާގެ އިންސްޓަގްރާމްގެ ރަހްމަތްތެރިންގެ ލިސްޓުގައި ދީޕިކާ ނެތް ނަމަވެސް ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އަދިވެސް ފަރާގެ ރަހްމަތްތެރިންގެ ލިސްޓުގައި އެބަހުއްޓެވެ.
ފިލްމު "އޯމް ޝާންތީ އޯމް"އަށް ލިބުނު ކާމިޔާބީއަށްފަހު ދީޕިކާ އާއި ފަރާ އަކީ ވަރަށް ގާތް ރަހްމަތްތެރިންނެވެ. ޝާހްރުކް ޚާން ލީޑް ރޯލް ކުޅުނު ފިލްމު "އޯމް ޝާންތީ އޯމް"އަށް ފަހު ފަރާ އެންމެފަހުން ޑައިރެކްޓްކުރި ފިލްމު "ހެޕީ ނިއު އިއާ"ގެ ވެސް ބަތަލާގެ ރޯލް ކުޅެފައި ވަނީ ދީޕިކާއެވެ.
ދީޕިކާ ފިލްމުތަކުގެ ޝޫޓިންގްތަކުގައި ހޭދަކުރާނެ ވަގުތު އަށްގަޑިއިރަށް ކުޑަ ކުރުމާ ގުޅިގެން ބަތަލާއަށް ބިޔަ ދެ ފިލްމީ ޕްރޮޖެކްޓެއް ވަނީ ގެއްލިފައެވެ. އެއީ ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" އަދި ދީޕިކާ މުހިއްމު ރޯލަކުން ފެނުނު ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"ގެ ދެވަނަ ބައެވެ.