ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 20 ނުކުތާއެއް ހިމެނޭ އާ ހުށަހެޅުމެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ހުށަހަޅުއްވައިފިއެވެ.
އާ ހުށަހެޅުން ހުށަހެޅުއްވީ ވައިޓް ހައުސްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ނަތަންޔާހޫ ވަނީ ޓްރަމްޕްގެ ހުށަހެޅުމަށް ތާއީދުކުރައްވާކަން އިއުލާނުކުރައްވާފައެވެ.
ހަމާސްގެ އޮފިޝަލުންނަށް ވެސް މިހާރު މި ހުށަހެޅުން ލިބިފައިވާއިރު އަދި މިހާތަނަށް ވަކި ނިންމުމެއް ހާމައެއް ނުކުރެއެވެ. މަސްރަހު ދިރާސާކުރާ ފަރާތްތައް ބުނާ ގޮތުގައި ބެލެވެނީ، މި ހުށަހެޅުމަށް ވެސް ހަމާސްއިން އެއްބަސްނުވާނެ ކަމަށެވެ. އެއީ ހަތިޔާރު ދޫކުރުން ފަދަ، އެ ޖަމާއަތަށް ގަބޫލުނުކުރެވޭ މާއްދާތަކެއް އޭގައި ހުރުމުންނެވެ.
ޓްރަމްޕް ވިދާޅުވީ އެ ހުށަހެޅުން ހުރިހާ ފަރާތްތަކުން ވެސް ބަލައިގެންފައިވާ ކަމަށާއި، ނަމަވެސް ހަމާސްއިން ގަބޫލުނުކޮށްފިނަމަ، އިސްރާއީލުން ދެން ކުރަން ޖެހޭ ކަންކަން ކުރުމުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. ނަތަންޔާހޫ ވެސް ވަނީ ހަމާސްއިން އެ އެއްބަސްވުން ބަލައިނުގަންނަ ނަމަ، ގަދަ ބާރުން ވެސް އިސްރާއިލުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
އަދި ގިނަ ކަންކަމުގައި ނަތަންޔާހޫ ހުންނެވި ގޮތް ވިސްނިވަޑައިގަންނަވާ ކަމަށާއި އެކަމަށް އިހްތިރާމްކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އެއީ އިސްރާއީލަށް އެންމެ ރަނގަޅުގޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގެން ގައުމުތަކަށް ޓްރަމްޕް ވަނީ އެ ބައްދަލުވުމުގައި ފާޑުވިދާޅުވެފައެވެ.
ވިހި ނުކުތާގެ އާ ހުށަހެޅުން
ޓްރަމްޕް އިއުލާނުކުރެއްވި 20 ނުކުތާގެ ސުލްހައިގެ ޕްލޭންގައި ވައިޓް ހައުސްއިން ބުނެފައި ވަނީ އެމެރިކާއިން އިސްރާއީލާއި ފަލަސްތީނާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށާއި، އެ އެއްބަސްވުން އިސްރާއީލުން ގަބޫލުކުރާތާ 72 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހުރިހާ އަސީރުން ދޫކޮށްލާނެ ކަމަށެވެ.
ނަމަވެސް އެ ޕްލޭންގައިވާ ގޮތުން ހަނގުރާމަ ފެށިފަހުން އިސްރާއީލުން ބަންދުކޮށްފައިތިބި ޣައްޒާގެ 1700 މީހުންނާއި އިސްރާއީލުގެ ޖަލުތަކުގައި އުމުރަށް ޖަލާފައިތިބި ފަލަސްތީނުގެ 250 މީހުން ދޫކޮށްލާނީ އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަން ކުރުމުންނެވެ.
ދެ ފަރާތުން ވެސް އެއްބަސްވެއްޖެނަމަ ހަނގުރާމަ "ވަގުތުން ނިމޭނެ" ކަމަށް ޕްލޭންގައިވެއެވެ.

ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ދިިރުއުޅޭ ޣައްޒާ ބައެއް. ފޮޓޯ/އަނަދޮލު
އަދި އިސްރާއީލަށް ޣައްޒާ ނުހިފޭނެ ކަމަށާއި އެއްވެސް މީހަކަށް ޣައްޒާ ދޫކޮށް ދާން މަޖުބޫރު ނުކުރާނެ ކަމަށް އެ ޕްލޭންގައިވެއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހުށަހެޅުމުން ޕޮއިންޓް 19 ގައި މި ސަރަހައްދާ މެދު ޓްރަމްޕްގެ ވެރިކަމުގައި ގާއިމްކުރި ސިޔާސަތަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެގޮތުން މި ހުރިހާ ޝަރުތުތަކެއް ނިމި، ހަނގުރާމަ ހުއްޓާލައި ޣައްޒާ އަލުން އާބާދުކުރެވިއްޖެނަމަ، ފަލަސްތީނުގެ ރައްޔިތުން ބޭނުންވާ ގޮތަށް ފަލަސްތީނުގެ ދައުލަތެއްގެ މުއައްސަސާއެއް ގާއިމުކުރުމަށް މަގުފަހިވާނެއެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ހަނގުރާމަ ނިމުމުން ފަލަސްތީނު އޮތޯރިޓީއަށްވެސް އަދި ހަމާސްއަށްވެސް ޣައްޒާގެ ހިންގުމުގެ އެއްވެސް ރޯލެއް ނުދެއްވާނެ ކަމަށް ނަތަންޔާހޫ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެހެނިހެން މާއްދާތަކުގެ ތެރޭގައި ޣައްޒާއަށް ވަގުތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އދ. އިން ސުޕަވައިޒްކުރުމާއި، އަވައްޓެރި މުސްލިމް ދައުލަތްތަކުން އެކުލެވިގެންވާ ކަމަށް ބެލެވޭ "އިންޓަނޭޝަނަލް ސްޓެބިލިޓީ ފޯސް" އެއް ގާއިމްކުރުން ހިމެނެއެވެ.
އޭގެއިތުރުން ޣައްޒާގެ ވެރިކަން ބެލެހެއްޓުމަށް ތަޖުރިބާކާރުން މެމްބަރުން ހިމެނޭ ބޯޑް އޮފް ޕީސް ކިޔާ ބޯޑެއް އުފެއްދުން ވެސް އެ ހުށަހެޅުމުގައިވެއެވެ. އެ ބޯޑުގެ ޗެއާމަންކަން ކުރައްވާނީ ރައީސް ޓްރަމްޕް ކަމަށާއި، އެހެން މެމްބަރުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާގެ ނަން ހިމެނޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ހަމާސް އިން ވަނީ ބްލޭއާއަކީ ފަލަސްތީނުން ބަލައިގަންނާނެ މީހެން ނޫން ކަމަށް ބުނެފައެވެ.

މި މަހުގެ 26 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގެ ގެ އަކަށް ދިން ހަމަލާއެއްގައި ސަލާމަތްވި ދެ ކުޑަކުދިން. ފޮޓޯ/ރޮއިޓާސް
ޓްރަމްޕްގެ ޕްލޭންގެ ދަށުން ސުލްހަވެރިކަމާއެކު އެއްތަނެއްގައި އުޅެން ގަބޫލުކުރާ ހަމާސްގެ މެމްބަރުންނަށް މައާފު ދިނުމަށް ހަމަޖެހިފައިވާއިރު، އެގޮތަށް ގަބޫލު ނުކުރާނަމަ، ޣައްޒާ ދޫކޮށް ވަކި ގައުމުތަކަކަށް ދިއުމުގެ ހުއްދަ ދޭނެއެވެ.
އެކަމަކު މުހިންމު ސުވާލަކީ، ހަމާސްއިން އެ ހުށަހެޅުން ގަބޫލު ކުރާނެތޯ އުފެދޭ ސުވާލު ކަމަށް އަލްޖަޒީރާގެ ޑިޕްލޮމެޓިކް އެޑިޓަރު ޖޭމްސް ބޭސް ވިދާޅުވިއެވެ.
ބޭސް ވިދާޅުވި ގޮތުގައި ޣައްޒާއާ ގުޅޭ މަޝްވަރާތަކުގެ މެދުވެރިއެއްގެ އެންމު މިހުން ރޯލު އަދާކުރާނީ ގަތަރުންނަވެ. އަދި ގަތަރަކީ މިހާރުވެސް އެ މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ބޭސް ފާހަގަކުރެއްވިއެވެ.
މި ހަފްތާ ނިމުނު އދ.ގެ 80ވަނަ އާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި އަރަބި އިސްލާމީ ލީޑަރުންނާ ބައްދަލުކުރައްވައި ޓްރަމްޕް ވަނީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 21 ޕޮއިންޓް ހިމެނޭ ހުށަހެޅުމެއް ވެސް ހުށަހަޅުއްވާފައެވެ.