އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތަކެއް އެމެރިކާއިން ހަދިޔާކޮށްފި

އެމެރިކާ ސަރުކާރުން ހަދިޔާކުރި ސީޓީ އިކުއިޕްމަންޓް އެމްއެންޑީއެފާ ހަވާލުކުރުން: މި އިކުއިޕްމަންޓަކީ ޚާއްސަ އޮޕަރޭޝަންތަކުގައި ބޭނުންކުރެވޭނެ ތަކެތި ކަމަށް އެމްއެންޑީއެފުން ބުނޭ --- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތަކެއް އެމެރިކާ ސަރުކާރުން މިއަދު ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން އެމްއެންޑީއެފާ މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮންއެވެ. އަދި، އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ހަދިޔާކުރި ތަކެތީގެ ތެރޭގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިން އިކުއިޕްމަންޓާއި ޕަސަނަލް ގިޔަގެ އިތުރުން، އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެއެވެ.

އެތަކެތީގެ ސަބަބުން، އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމެރިކާ ސަރުކާރުން އެމްއެންޑީއެފަށް ސީޓީ އިކުއިޕްމަންޓު ހަދިޔާކުރި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި އެމެރިކާގެ ބައެއް ބޭފުޅުން ---- ފޮޓޯ/ އެމްއެންޑީއެފް
މި ރަސްމިއްޔާތުގައި އެމެރިކާ ސަފީރު ވަނީ، ދެ ގައުމުގެ ދިފާޢީ ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެމެރިކާގެ ފަރާތުން ވަމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ދޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

އޭގެއިތުރަށް، ޙިލްމީ ދެއްކެވި ވާހަކަފުޅުގައި ވަނީ، އެމެރިކާއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ އިކުއިޕްމަންޓުގެ ސަބަބުން އެމްއެންޑީއެފްގެ ހަރަކާތްތެރިކަމާއި ޤާބިލުކަން އިތުރުވާނެކަން ހިލްމީ ފާހަގަކުރެއްވިއެވެ. މިފަދަ އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ދިފާޢީ ގާބިލުކަން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމެރިކާގެ އޭޝިއާ ޕެސިފިކް ސެންޓާ ފޯ ސެކިޔުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް) ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެކުރިން ވެސް އެކި ގައުމުތަކުން ވަނީ ރާއްޖެއަށް ތަކެތި ހަދިޔާކޮށްފައެވެ. އެގޮތުން، އިންޑިއާއިން ސިފައިންނަށް ބޭނުންވާ ބަރު އުޅަނދު ހަދިޔާ ކޮށްފައިވާއިރު، ތުރުކީން ވަނީ ރާއްޖެއަށް މަނަވަރެއް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް