އެކި ގައުމުތަކުގެ ލީޑަރުންނާއި، އެވޯޑުތައް ހާސިލުކޮށްފައިވާ ސައިންސުވެރިންނަށް އުނގަންނައިދިން އޮކްސްފޯޑް ޔުނިވާސިޓީން ޖާގައެއް ހޯދުމަކީ އިންތިހާއަށް ދަތިކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަރަށް ގިނަ ދަރިވަރުންގެ އުއްމީދެއް ނަމަވެސް، ހާސިލުކުރަން ދަތިވާ ޝަރަފެކެވެ. ނަމަވެސް އުނގެނުމަށް އޮތް ލޯތްބާއެކު އަޙްމަދު ޝައްފާން މުޙައްމަދު ވަނީ، މި ކުޑަ ރާއްޖެއާ ހަމައަށް އޮކްސްފޯޑް ޔުނިވާސިޓީގެ ޕީއެޗްޑީއެއް ވާސިލުކޮށްދީފައެވެ.
ޝައްފާން ފާހަގަވެފައިވަނީ ހަގު އުމުރުން ފެށިގެން ވެސް ވަރަށް ހުނަރުވެރި ދަރިވަރެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސްކޫލުތައް ކަމަށްވާ، މަޖީދިއްޔާ ސްކޫލުން ސާނަވީ ތައުލީމާއި ސީއެޗްއެސްސީން މަތީ ސާނަވީ ނިންމެވީ މަތީ އަރުތަވެރިންގެ ތެރޭގައި ހިމެނިގެންނެވެ.
ސީއެޗްއެސްސީގެ 'ބެސްޓް އޯލް ރައުންޑް' ދަރިވަރުކަން ހޯއްދެވި ޝައްފާނަށް، ރައީސްގެ ސްކޮލާޝިޕް ލިބިވަޑައިގަތެވެ. އެއާއެކު 2015ގައި އިނގިރޭސިވިލާތުގެ ކިންގް ކޮލެޖަށް ވަޑައިގެން، ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވިއެވެ.
އެ ޑިގްރީން އެންމެ މަތީ ދަރަޖައިގެ ފާސް ހޯއްދެވިކަން ފާހަގަކޮށް، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2019 ވަނަ އަހަރު ޝައްފާނަށް އަރުވައިފައިވެއެވެ. އޭނާ އޮކްސްފޯޑުން ފުރުސަތެއް ހޯއްދެވީ ވެސް ހަމަ އެ އަހަރެވެ.

އޯލެވެލްއިން މުޅި ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ޝައްފާން ހިމެނުނު -- ފޮޓޯ/ ރަައީސް އޮފީސް
އެ ޔުނިވާސިޓީގައި ފުރަތަމަ މާސްޓާސް ކޯހާ ގުޅިވަޑައިގެން، ޝައްފާން ޕީއެޗްޑީގެ މަސައްކަތް ފެއްޓެވީ 2020ގައެވެ. ޕީއެޗްޑީ ޚާއްސަކުރެއްވީ ކޮޕީ ރައިޓާ ގުޅުންހުރި ޖިނާއީ މާއްދާތަކަށެވެ.
މިހާރު ވެސް ރާއްޖޭގައި ގާނޫނީ އޮފީހެއް ހިންގަވާ ޝައްފާން މި ހުރިހާ ކާމިޔާބީއެއް ވެސް ހޯއްދެވީ ވަރަށް ހަގު އުމުރެއްގައެވެ. ތީސީސް ނިންމެވިއިރު އުމުރުން 29 އަހަރެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ގްރެޖުއޭޓްވިއިރު އުމުރަކީ 30 އަހަރެވެ.
އެ ކާމިޔާބީއާއެކު ކުރެވޭ އިހުސާސްތައް ޝައްފާން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފައެވެ.
ޝައްފާން ލިޔުއްވާފައިވަނީ، ޕީއެޗްޑީ ހާސިލުކުރައްވަން ކުރެއްވި މަސައްކަތްތަކަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދިން، އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށެވެ. މިއީ އެތައް އަހަރެއްގެ ދިރާސާއާއި ލިޔުއްވުމާއި، އެތައް ސުވާލެއްކޮށް، އެ ސުވާލުތަކަށް ޖަވާބު ހޯއްދަވައި، އިލްމީ ގޮތުންނާއި އަމިއްލަ ގޮތުން ވެސް އެތައް ކުރިއެރުމެއް ލިބިވަޑައިގަތް ދަތުރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝައްފާން ވިދާޅުވީ މި ކާމިޔާބީއަށް ވާސިލުވުމުގައި އެހީތެރިވި އެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަަށެވެ. އެގޮތުން، އުނގެނިވަޑައިގަތްއިރު ސުޕަވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ނަން ފާހަގަކުރެއްވިއެވެ. އަބަދުވެސް ކޮންމެ ކަމަކާ ގުޅޭ ގޮތުން ފުންކޮށް ވިސްނައި، އަމިއްލަ ވިސްނުމާއި ޚިޔާލުތައް ސާފުވާ ގޮތަށް ލިޔުމަށާއި، އެންމެ އުނދަގޫ ސުވާލުތައް ވެސް ކުރުން ހުއްޓާނުލުމަށް އެ ޕްރޮފެސަރުން ހިތްވަރު ދެއްވިކަން ޝައްފާން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މި އުނދަގޫ ދަތުރުގައި، އެންމެ ބޭނުންވާ ވަގުތުތަކުގައި އުފާކޮށްދީ ހިތްވަރު އައުކޮށްދިން އާއިލާއަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އެންމެ ކުޑަ ކާމިޔާބީތައް ވެސް ފާހަގަކުރުމާއެކު، ބައެއް ފަހަރު ބުރަ މަސައްކަތުން ދުރަށް ޖެހިލައި ހިތްހަމަޖައްސާލަން ވެސް ހަނދާންކޮށްދިނީ އާއިލާކަން ޝައްފާން ފާހަގަކުރެއްވިއެވެ.
އެއަށްފަހު އޭނާގެ ޝުކުރު އޮއްސައިލެއްވީ އަންހެނުން ނަޝްވާ މުއިއްޒަށެވެ. އެންމެ މަތީ ފެންވަރުގެ ފާހެއް އޮތް ނަމަވެސް، ލޯބިވާ އަނބިމީހާއަށް ޝުކުރު އަދާކުރައްވާނެ ގޮތެއް ބަޔާން ކުރަން ނޭނގޭ ކަމަށް ވިދާޅުވެއެވެ. ނަމަވެސް، ޕީއެޗްޑީ ހާސިލުކުރަން ކުރެއްވި މި މަސައްކަތުގައި ހުރިހާ އަޑިގުޑަންތަކެއްގައި ވެސް، ނަޝްވާގެ ލޯތްބާއި ކެތްތެރިކަން ފާހަގަކުރެއްވިއެވެ.
ދިރާސާ ކުރުމުގެ ދުނިޔެއެއްގައި އުޅުއްވިއިރު، ހަޔާތުގެ އެހެން މުހިންމު ކަންތައްތަކާއި މި ދަތުރު ފަށައިގަތް ސަބަބުތައް ވެސް ހަނދާން ކޮށްދިނުމުގައި ނަޝްވާ ސާބިތުވެހުރިކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝައްފާން ވަނީ، ދިރާސާގެ މަރުހަލާގައި، އެކަކު އަނެކަކާ މައުލޫމާތު ހިއްސާކޮށް، އެއް މާހައުލެއްގައި މަސައްކަތް ކުރި އެންމެންގެ އެކުވެރިންކަން ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ކޮފީ މޭޒުތައް ދޮށުގައިއާއި ސެމިނާތަކާއި ވޯކްޝޮޕްތަކުގައި ކުރި މަޝްވަރާތަކުން، އަމިއްލަ މަސައްކަތަށް ވެސް ކުރިއެރުން ލިބުނު ކަމަށް، ޝުކުރާއެކު ވިދާޅުވިއެވެ.
ޕީއެޗްޑީ ހާސިލުކުރުމުގައި، ދިރާސާ ކުރާ ދުވަސްވަރު ވަރަށް އެކަހެރިކޮށް މަސައްކަތް ކުރަން ޖެހޭ ދުވަސްތައް ވެސް ބައެއް ފަހަރު އަންނަކަން ޝައްފާން ލިޔުއްވާފައިވެއެވެ. އަދި އެފަދަ ދުވަސްތަކުން އަރައިގަނެވިފައިވަނީ، ގާތް މީހުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެޗްޑީއެއް ހޯދުމަކީ ހަމައެކަނި ޑިގްރީއެއް ހާސިލުކުރުން ނޫން ކަމަށް ވިދާޅުވެ، ޝައްފާން ސިފަކުރެއްވީ އެއީ ދަތިއުނދަގުލުން ވެސް އަރައިގަންނަން ދަސްކޮށް، އަބަދުވެސް ކަންކަމާ މެދު ޝައުގުވެރިވެރިކަން ދަމަހައްޓާނެ ގޮތް ދަސްކުރެއްވި ދަތުރެއް ކަމަށެވެ. އަދި މިހާރު ޑޮކްޓަރޭޓެއް ލިބުމުގެ އިތުރަށް، އުނގެނުމަށް އިތުރަށް ލޯބިޖެހި، އެކަމާ ގުޅޭ ގޮތުން އެތައް ކަމެއް ދަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝައްފާން މިހާރު ހުންނެވީ ހަޔާތުގެ މުޅިން އައު ބާބެއް ފައްޓަވަން ތައްޔާރަށެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ލިބުނު ފޮނި ނަތީޖާއާއެކު ވެސް ހިތްތިރިކަމާއި، ޝުކުރުން ފުރިފައިވާ ހިތަކާއެކުގައެވެ.