މުޒާހަރާއަކީ ބިރުގެންނެވުމެއް، އެކަން ވެއްޖެތަ؟

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ޞާލިޙާއި ޕާޓީގެ ލީޑާޝިޕް: އެ މުޒާހަރާއަށް ބޮޑު ސަމާލުކަމެއް ލިބުނު -- ފޮޓޯ/ އެމްޑީޕީ

މުޒާހަރާއަކުން ބަޔަކު ހާސިލުކުރަން ބޭނުންވާ ބައިވަރު ކަންތައްތައް ހުރެދާނެއެވެ. ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މުޒާހަރާކުރާ ބައިވަރު ސަބަބުތައް ވެސް ހުރެއެވެ. އެމްޑީޕީން ރޭ ކުރި ބޮޑު މުޒާހަރާއަކީ ވެސް އެ ފަދަ އެތައް މަގުސަދުތަކެއް ހާސިލުކުރަން ރޭވި ސިޔާސީ ރޭވުމެކެވެ.

މުޒާހަރާއެއްގެ އެންމެ މައިގަނޑު ބޭނުމަކީ، ރުޅިވެރިކަން ދެއްކުމާއި، ބިރުގެންނެވުމާއި، ކަމަކަށް ޑިމާންޑްކުރުމެވެ. އެއްބައިވަންތަކަން ދެއްކުމާއި، ސިޔާސީ "މޮމެންޓަމް" ހޯދުމެވެ. އެމްޑީޕީ މި ފާއިތުވި ދުވަސްތަކުގައި އޮތީ އެތެރޭގެ ތަޅާފޮޅުންތަކުގެ ފިތުނައިގައި ބައިބައިވެފައެވެ. ސަރުކާރު ޖެހިލުންވާވަރުގެ ބާރެއް ވެސް އެ ޕާޓީން ނުފެނުނެވެ. ކަމަކަށް ޑިމާންޑްކުރެވޭ ވަރަށް ވުރެ، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ވެސް އޮތީ ދަށްވެފައެވެ. ސިލްސިލާކޮށް، މާ ވަރުގަދައަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވާ ފާޑުކިޔުމުގެ ބަސްފުޅުތަކުން ސިޔާސީ 'އެޓެންޝަން' ވެސް އޮތީ ހެންވޭރުކޮޅުގައެވެ.

އެމްޑީޕީން އޮތީ އޮކްޓޫބަރު ތިނެއްގައި ބޮޑު އެއްވުމެއް ބާއްވާނެކަން މާ ކުރިން އިއުލާނުކޮށްފައެވެ.

އެ އެއްވުން ޕްރޮމޯޓުކޮށްދިނީ ހަގީގަތުގައި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނެވެ. އެއްވުމަށް 'މައްލަވަ'ކުރުމުގެ ނިޔަތުގައި ނަމަވެސް ސަރުކާރުގެ ވެރިން ދެއްކެވި ވާހަކަތަކުން "ލޫޓުވައިފި، ލޫޓުވައިފި،" އެންމެންގެ ބޮލުގައި ހަރުލިއެވެ. އެ އެއްވުމަށް ލިބުނު ސަމާލުކަން ބޮޑުވިއެވެ. އެންމެން ވެސް ވާން މި އުޅޭ ގޮތެއް ބަލަން ދާން ބޭނުންވިއެވެ.

https://sun.mv/gallery/view/6862

ދެން ސުވާލަކީ، އެ މުޒާހަރާއިން ދައްކުވައިދޭ ސިޔާސީ މަންޒަރަކީ ކޮބައި ހެއްޔެވެ؟

އިރުއޮއްސި ހަތެއް ޖެހިއިރު މުޒާހަރާގެ ކަންކަން 'ޕްރޮމޯޓު'ކުރުމުގެ މަސައްކަތް ސަރުކާރުގެ އެކްޓިވިސްޓުން ފައްޓައިފިއެވެ. އިނގިރޭސި ބަހުން ނެރުނު ބަޔާންތަކުން އެނގުނީ އެ މީހުން ދައްކަން ބޭނުންވި މަންޒަރަކީ "އެމްޑީޕީން ހަމަނުޖެހުން އުފައްދަން" އުޅެނީ ކަމަށެވެ. އެ ޕާޓީއަށް ތާއީދެއް ނެތޭ، މީހަކު ނުނިކުތޭ ދެއްކޭތޯ އެންމެން އެކީ ނުކުމެ ތިއްބެވެ.

މުޒާހަރާއިން ފެނުނީ ބިރުގެންނެވިތަން

މުޒާހަރާއަށް ކުޑަތަންވަމުން އައިއިރު މަގުމަތިންނާއި ކޮފީތަކުން ބައްދަލުވި އާންމުންނާ ވާހަކަދައްކާލުމުން އެންމެންގެ ވެސް ވިސްނުން އެއްގޮތްވި އެއް ކަންތައް އެބައޮތެވެ. އެއީ، އެ މީހުން ގަބޫލުކޮށްގެން ތިބީ ބަޔަކު މަގުމައްޗަށް ނުކުމެ ލަވާ ހަޅޭކަށް ސިހޭ ވަރަށް ވުރެ ސަރުކާރު އޮތީ ފުދިފައި ކަމަށެވެ. އެ މުޒާހަރާއަށް ސަރުކާރު ނުސިހޭނެ ކަމަށް މީހުން ތިބީ ގަބޫލުކޮށްގެންނެވެ. އެހެން ގަބޫލުކުރަންޖެހޭ ބައިވަރު ސަބަބުތައް ވެސް އެބަހުއްޓެވެ. ފެހި ގާނޫނުއަސާސީއާ އެކު ދިވެހީން ޑިމޮކްރަސީގެ ސަފުހާތައް ލިޔަން ފެށި ފަހުން އުފެދުނު އެންމެ ބާރުގަދަ އެއް ވެރިކަމަށް މި ހިނގާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވާނެއެވެ.

އެއީ، ހަގީގަތެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާ ބޮޑު ކޮންޓްރޯލެއް އޮތް ވެރިކަމެއް ދިވެހީން އަދި ނުދެކެއެވެ. ކޮންމެ މުއައްސަސާއެއް ވެސް މުށުތެރެއަށް ލާން ބޭނުންވެއްޖެ ނަމަ، ލޯ މަރާލާފައި ލެއްވޭހާ ބޮޑު ކޮންޓްރޯލެއް ރައްޔިތުން ރައީސް މުއިއްޒަށް އޮތީ ދީފައެވެ.

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

"އެ ވަރުގެ ބޮޑު ކޮންޓްރޯލެއް ހުރިހާ ދިމާއަކުން ލިބިވަޑައިގެންފައި އޮތީމާ، އަދި އަމުދުން ރައީސް މުއިއްޒަކީ މިޒާޖުގައި ވެސް ކަންކަން ގާތުން ބައްލަވާ ބޭފުޅެއް ވީމާ، ބަޔަކު އެއްވެގެން ސަރުކާރު ސިހިދާނެ ކަމަށް ހަގީގަތުގައި އެއްވެސް މީހަކު ގަބޫލެއް ނުކުރޭ. އެންމެން ވެސް ހީކޮށްގެން ތިބީ މާ ބޮޑު ކަމަކަށްނުވެ، އެކަން ނިމޭނީއޭ،" ސިޔާސީ ކަންކަމާ މެދު ފުންކޮށް ވިސްނަވާ ބޭފުޅަކު މި ރިޕޯޓަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

އެކަމަކު، ކަންވީ އެހެންނެއް ނޫނެވެ. އާންމުންނަށް އެ ވަރުގެ ފުދިފައި އޮތް ސަރުކާރެއް ފެނުނު ނަމަވެސް އެ ބޭފުޅުންނަށް އެ ޔަގީންކަން ނެތްކަން ރޭ ހާމަވިއެވެ.

އެއްވުމަށް ކުޑަތަންވެގެން އައިއިރު ހުޅުމާލެއާއި މާލޭގައި، އެމްޑީޕީއަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ކުރައްވާފައި ހުންނެވި ވައްކަމުގެ ތުހުމަތުތައް ހިމެނޭ އޯޑިއޯ ލަވައެއް ޖަހައިގެން ޕިކަޕެއް ދުއްވިއެވެ. ވަޒީރު ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާ ހަމައިން ފެށިގެން ސަރުކާރުގެ އެކި ފަންތީގެ އެކި ބޭފުޅުން ގެންދެވީ އެއްވުމާ ދެކޮޅަށް "އެންޓި ކެމްޕޭނެއް" ކުރަމުންނެވެ. އެ

މްޑީޕީއަށް ކުރެވެހެން ހުރި ހުރިހާ ތުހުމަތެއް ކުރެވޭތޯ ސަރުކާރުން ގެންދިޔައީ މަސައްކަތްކުރަމުންނެވެ. ފެނަކައިގެ ވައްކަމުގެ ވާހަކަދައްކަން ދައުލަތުގެ މީޑިއާގައި ދެ ރެއެއް ހުސް ވެސް ކުރިއެވެ. އަދި، ރައީސް މުއިއްޒާ ގުޅުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެމްއެމްޓީވީ ފަދަ ޗެނަލްތަކުން މެދުނުކެނޑި އެމްޑީޕީން ކޮށްފައި ހުރި ކަންކަމުގެ ވާހަކަ ދިޔައީ ގޮވަމުންނެވެ.

https://sun.mv/212200

އިއްތިފާގުތައް އަދި ކޮބާހެއްޔެވެ؟ އެއްވުމަށް މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާ ފެނަކައިގެ ތެރެއިން މިދިޔަ ސަރުކާރު ހިންގީ ޚިޔާނާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓެއް ވެސް އާންމުކުރިއެވެ. ޑޮލަރު ލިމިޓު ބޮޑުކުރުމާއި، ބޮޑުނުކޮށް ތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެކަން އިއުލާނުކުރެއްވުމާއި، ސަޕްލަޔަރުންނަށް ދަރާފައި ހުރި ހުރިހާ ފައިސާއެއް ފަސް ހަފުތާއިން ދައްކާ ނިންމާލާނެކަން ވެސް އިއުލާނުކުރެއްވިއެވެ. އެކަމަކު، އެއީ އިއްތިފާގުތައް ކަމަށް ބަލަމާ ހިނގާށެވެ.

"މާ ކުރިން އިއުލާނުކޮށްފައި އޮތް މުޒާހަރާއެއް ވީމާ ހަމަނުޖެހުމެއް ހިންގަން ފުލުހުން ފުރުސަތު ނުދޭނެކަން އެނގޭ. އެކަމަކު، ސަރުކާރުން ބިރުގަނެއްޖެކަން އާންމުންނަށް އިހުސާސްވާ ވަރަށް ތެޅޭނެ ކަމަކަށް ހިއެއް ނުކުރަން،" ކުރިން ވާހަކަދެއްކި ބޭފުޅާ އޭނާގެ ޚިޔާލު ހިއްސާކުރެއްވިއެވެ.

އެއީ ތެދެކެވެ. އެއްވުން ފޯރިގަދަވީ ހަގީގަތުގައި ސަރުކާރުން އެއަށް ދެއްވި 'އެޓެންޝަން'ގެ ސަބަބުންނެވެ. ރެއިން ފެށިގެން ވަޒީރު ބޭފުޅުން އެ އުޅުއްވަނީ ސޯޝަލް މީޑިއާގައެވެ. އެކިއެކި ގޮތްގޮތުން އަދިވެސް އެ ގެންދަވަނީ އެއްވުމުގެ ވާހަކަދައްކަވަމުންނެވެ. ކުރިން ފާހަގަކުރި އިއްތިފާގުތަކާއި، އެއްވުން 'ފަނިކޮށްލަން' ދެއްކެވި ވާހަކަތަކުން ހަގީގަތުގައި "ކުޅި ބަލަން" ތިބި މީހުންނަށް އިހުސާސްވީ ސަރުކާރު ބިރުގެންފި ކަމެވެ.

ތަންތަނަށް ގެއްލުންދީ، ގޭންގުތައް ނެރެން އުޅޭ ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނާއި، އާޓިފިޝަލް ބީޗަށް ދެވޭހެން ހުރި ހުރިހާ މަގެއް ބަންދުކުރުމުން ފެށިގެން އެއްވުމުގެ ވަށައިގެން ވެސް އެ ވިސްނުމަށް ބާރުދޭ އެތައް ކަމެއް އޮތީ ފެނިފައެވެ.

ކޮންމެ ނަމެއްގައި ވިޔަސް، އެމްޑީޕީއަށްވުރެ ގަދައަށް އެއްވުމުގެ ވާހަކަދެއްކީ ވެސް އަދި ދައްކަވަމުން އެ ގެންދަވަނީ ވެސް ސަރުކާރުގެ ވެރިންނެވެ.

އެމްޑީޕީން ސިޔާސީ މޮޅުތަކެއް ހޯދިތަ؟

ކުރިން ފާހަގަކުރިހެން އާންމު ވިސްނުމަކުން ވިސްނާއިރު ސިޔާސީ މުޒާހަރާއެއްގެ އޮންނާނީ ދެތިން ބޭނުމެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެއްކޮށްގެން އެމްޑީޕީން ރޭ ބޭއްވި "ލޫޓުވައިފި" އެއްވުން އެ މީހުން ނިންމާލީ އެ ކަންކަން ހާސިލުކޮށްގެންނެވެ. ފުރަތަމަ ކަމަކަށް އެއްވުމާ އެކު، ސަރުކާރު ޖެހިލުންވިކަން ދޮގެއް ނުކުރެވޭނެއެވެ. އެއީ، ބަލަން ތިބި އެންމެންހެން ފާހަގަކުރި އެންމެ މުހިންމު ކަންތަކެވެ.

https://sun.mv/212197

އަނެއް ކަމަކީ އެތައް ހާސް ބަޔަކު އެއްވެ، މަގު ފުރާލުމުން ސަރުކާރާ މެދުގައި ހިތްހަމަނުޖެހުން އޮތްކަން ޔަގީންވެއެވެ. އެހެންވީމާ ރުޅިވެރިކަން ދެއްކިއްޖެއެވެ.

ތިންވަނަ ކަމަކަށް އެ މީހުން ބޭނުންވި ކަންކަން އެ އޮތީ ޑިމާންޑްކޮށްފައެވެ. ދެން އޮންނާނީ ސިޔާސީ 'އެޓެންޝަނާ'އި އެއްބައިވަންތަ ކަމެވެ. އެމްޑީޕީ ސަފުތައް ފެނުނީ ބަދަހިކޮށްނެވެ. ޕާޓީގެ އެތެރޭ ބައިބައިވުމާއި ޓިކެޓުގެ ވާދަވެރިކަން އެއް ފަރާތްކޮށް، ސަރުކާރާ ދެކޮޅަށް އެކަތިވެގެން ތިބި ތަނެވެ. ކުރިން ވިސްނައިގެން ތިބި ގޮތަށް ހައެއްކަ މީހުން ހައްޔަރު ވެސް ކުރި ނޫންހެއްޔެވެ؟ އިއްޔެއިން ފެށިގެން އަދިވެސް ސުރުޚީތަކުގައި އޮތީ އެ ވާހަކަ ނޫންހެއްޔެވެ؟ ސިޔާސީ ގޮތުން ބަލައިފި ނަމަ ސަރުކާރުން ހެދީ ގޯހުގެ މައްޗަށް ގޯހެވެ.

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

އެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ހިމެނޭހެން އަށް މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ހަ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އެހެންވީމާ އެމްޑީޕީއަށް މި އޮތީ ސިޔާސީ 'މޮމެންޓަމް' ލިބިފައެވެ.

ސިޔާސީ އެއްވުމަކުން ލިބޭނެ އެންމެ ބޮޑެތި ކާމިޔާބުތައް އެމްޑީޕީން ހާސިލުކޮށްފިއެވެ. ސަރުކާރު ބިރުގަންނަވައިފިއެވެ. މޮމެންޓަމް ހޯދައިފިއެވެ. ސަމާލުކަން ހޯދައިފިއެވެ. އެއްބައިވަންތަކަން ދެއްކިއްޖެއެވެ. އެ މީހުންގެ ތާއީދާއި، ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުންތައް ދެއްކިއްޖެއެވެ. ހައްގުތަކުގެ ދިފާއުގައި ވެސް ތެދުވެވުނީތާއެވެ.

އެއްވުމަށް ކުޑަތަންވަމުން އައި އިރާއި، އެއްވުން ފެށިއިރު 'ވައްޓާލާނަމޭ،" ކިޔައި އެމްޑީޕީން ދެއްކި ވާހަކައިން އެއްވުމުގެ މަގުސަދު އެނގެއެވެ. އެއީ، ސަރުކާރު ބިރު ގެންނެވުމެވެ. ނޫނީ، ބިރުގަންނަ ވަރެއް ބެލުމެވެ. ކޮންމެހެން ވައްޓާލުމެއް ނޫނެވެ. އެއީ، ކޮށްގެންވާނެ ކަމެއް ވެސް ނޫނެވެ.

އެމްޑީޕީން ރޭ އެއްވީ ބިރުދައްކާށެވެ. އެކަން ވަރަށް ރަނގަޅަށް ކޮށްފިއެވެ.

comment ކޮމެންޓް