ސިންގަޕޫރުގެ ސިޔާސީ ލީޑަރުންނަށް ވައްކަން ކުރަން ހުރި ފުރުސަތުތައް ރާއްޖެއަށް ވުރެން މާ ގިނައެވެ. ނަމަވެސް ނުކުރެއްވެނީ އެ ގައުމުގެ ތަރައްގީގެ ބާނީ ލީ ކުއާން ޔޫ އެ ފުރުސަތު ނުދެއްވުމުންނެވެ. އަދި އެ ރަނގަޅު އުސޫލުގައި ދެން ވެރިކަމަށް ވަޑައިގެންނެވި ލީޑަރުން ވެސް ހިފެހެއްޓެވީމައެވެ. ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ ހާއްޔަކަށް ވެފައިވާ އެފްރިކާގެ ގައުމެއް ކަމަށްވާ, ރުވާންޑާ, މިފަދަ ވައްކަންތައް މަދުކޮށް, މުޅި އެ ބައްރަށް ނަމޫނާއަކަށް ވެފައިވަނީ އެ ގައުމުގެ ލީޑަރުކަން ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ ޕޯލް ކަގާމޭ އެ ފުރުސަތު ނުދެއްވާތީއެވެ. ދެން ސުވާލަކީ ރާއްޖެއަށް މިކަން ނުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟
ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންނަކީ ވެސް ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންނެވެ. ހިތްއެދުނަސް, ނޭދުނަސް އެކަން ގަބޫލުކޮށް, އެ އިހުތިރާމް އެ ބޭފުޅުންނަށް ދެމެވެ. އެކަމަކު ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އެންމެ ދަށުން ފެށިގެން, އެންމެ މައްޗަށް ވެސް އަމަލަށް ވުރެން ބަސް ގިނަވުމެވެ. ވައްކަމަށް ފުރުސަތު ނުދެއްވާނެ ވާހަކަ އެންމެ ގިނައިން ވިދާޅުވާ ލީޑަރުން ތިބި ގައުމަށް މި ރާއްޖެ ވެދާނެއެވެ. ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލެރެންސޭ" އަބަދު ވެސް ވިދާޅުވެއެވެ. ނަމަވެސް ކަން އޮތީ އެހެނެއް ނޫނެވެ.

ކޮރަޕްޝަން ދައްކުވައިދޭ ގްރެފިކްސްއެއް--
ކޮންމެ ވެރިކަމެއްގައި ވެސް ޚިޔާނާތުގެ ލައްގަނޑު
ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ހަމަ ފުދޭ ވަރަކަށް މި ގައުމަށް އާމްދަނީ ލިބެއެވެ. އަހަރުން އަހަރަށް ލިބޭ އެއްޗެއް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެކަމަކު އިސްރާފާއި ޚިޔާނާތް އޮތުމުންނާއި ރޭވުންތެރިކަން ނެތުމުގެ ސަބަބުން އާބާދީ ބައި މިލިއަނަށް އަރަން ވެސް ކައިރި ނުވާ މި ރާއްޖޭގެ ގިނަ ރައްޔިތުން އުޅެން ޖެހިފައިވަނީ ދަތި ދިރިއުޅުމެކެވެ. ގިނަ ގައުމުތަކުގެ އަވަށެއްގެ އާބާދީއަށް ވުރެ, ޖުމުލަ އާބާދީ ކުޑަ ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކަށް އަދިވެސް އަސާސީ ގިނަ ޚިދުމަތްތަކެއް ނުލިބެއެވެ. ޚާއްސަކޮށް އެކަށީގެންވާ ބޯހިޔާވަހިކަމެވެ. މި ހާލަތުގައި ގައުމު އޮށްވައި, ސިޔާސީ މީހުންގެ ވައްކަމުގެ ވާހަކަ އަޑު ނީވޭ, ނުފެންނަ ދައުރެއް ނުދެއެވެ.
ރާއްޖޭގައި ކޮރަޕްޝަން އޮތް ހާލަތު ބުނެދޭން މާ ދިގުކޮށް ލިޔުމުގެ ބޭނުމެއް ނެތެވެ. އެންމެ ކުރުގޮތަކީ ކޮރަޕްޝަން ނެތް ހަމަ އެއްކަމެއް ވެސް ނެތޭ ބުނުމެވެ. މިއީ ހަމަ ހަގީގަތެވެ. މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ވެސް ރާއްޖެ އެއް ޕޮއިންޓު ގެއްލި، ތިން ދަރަޖަ ފަހަތަށް ވަނީ ގޮސްފައެވެ. އެއީ، 39 ޕޮއިންޓުން 38 ޕޮއިންޓަށެވެ. މި އަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ގައުމުތަކުގެ ތެރޭގައެވެ. ރާއްޖޭގެ ސްކޯއާއި ރޭންކުން ހާމަވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި މާ ބޮޑު ކުރިއެރުމެއް ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ބުނެއެވެ.
ބާރުގަދަ, ދިގު ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރާއި މިއަދާ ވަރަށް ތަފާތެވެ. އޭރު ނިޒާމު އޮތްގޮތުން ގަވާއިދުން އޮޑިޓް ކުރުމާއި ކަންކަން ހާމަ ކުރުމާއި ޖަވާބުދާރީ ކުރުވުމަކީ އާއްމުކަމެއް ނޫނެވެ. އެހެންކަމުން ހިނގާފައި ހުރި ބައެއް ގިނަ ކަންކަން ނުވެސް އެނގެއެވެ. ނަމަވެސް އެ ވެރިކަމުގައި ވެސް ބައެއް ކަންކަން ތިލަވިއެވެ. އޭގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތްކަމަށް ތުހުމަތު ކުރެވޭ, ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ޚިޔާނާތް ވެސް ހިމެނެއެވެ. މި ޚިޔާނާތުގައި ގެއްލުނު ފައިސާގެ އަދަދު 380 މިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ ކަމަށް ބެލެވެއެވެ. ހަމައެއާއެކު އެއާ މޯލްޑިވްސްއިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ޚިޔާނާތް ފަދަ އެތައް ކަމެއް ވެސް ހިމެނެއެވެ.
ޑިމޮކްރަސީގެ ހުވަފެން ރައްޔިތުންނަށް ދައްކަވައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދުގެ ތިން އަހަރެއްހާ ދުވަހުގެ ވެރިކަމުގައި ވެސް ޚިޔާނާތުގެ ތުހުމަތައް ގިނައެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ އިސް ބޭފުޅުންނަށް ނުހައްގުން ދިން ކަމަށް ބުނާ ޕްރޮޖެކްޓްތަކާއި ރަށްތަކާއި އެހެނިހެން ވަސީލަތްތަކުގެ ވާހަކަ އަޑުގަދައެވެ. ހަމަ އެހެންމެ މިސްމެނޭޖްމެންޓްގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ވާހަކައެވެ.
ރައީސް އަބްދުالله ޔާމީންގެ ވެރިކަމަށް ބަލާއިރު މުޅިން ވެސް ފެންނަނީ ރެކޯޑެވެ. ތަރައްގީއަށް ބެލިނަމަވެސް, ވަޒީރުން ވަކިކޮށް އައްޔަން ކުރެއްވުމަށް ބެލިނަމަވެސް, އަދި ކޮރަޕްޝަނަށް ބެލި ނަމަވެސްމެއެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އެކަނި ބެލި ނަމަވެސް ކަރުނަ އަޅަން ޖެހޭ އެތައް ކަމެއް ފާހަގަވިއެވެ. އެކަން ކުރެއްވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިއުތިރާފް ވެވަޑައިގެންފައިވާއިރު މިނިވަން މުއައްސަސާއެއް, ސިޔާސީ ބޭފުޅެއް, ދިފާއީ ބާރެއް ނެތި އެތަކެއް ބޭފުޅުން އަދީބު އަރިހުން ފައިސާއަށް އެދި ސަލާން ޖެހިޖެހުމަށް އެކަނި ބެލިޔަސް ގައުމު ފެއިލްވެފައިވާ މިންވަރު ސާފުވެއެވެ. މިއަދު ކޮރަޕްޝަންގެ ވާހަކަ ވަރަށް ބޮޑަށް ދައްކަވާ ޔާމީންގެ ވެރިކަމުގައި އެފަދަ ކަންކަން ހިނގާފައި ހުރީ ވަރަށް ދެރަވަރުކޮށެވެ.
ޔާމީންގެ ވެރިކަމުގައި ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ވައްކަންތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ވެސް ފެނުނީ ހިތާމަވެރި މަންޒަރެކެވެ. ފެނަކަ އާއި ވެންޓިލޭޓަރު މައްސަލައަށް އެކަނި ބެލިނަމަވެސް ހުރިހާ ބާރުތަކެއް ލިބި އެ ވެރިކަމުގައި ހިންގި ގޯސްތައް އެ އޮތީ ފެންނާށެވެ. ފެނަކައަށް އެ ހާލު ޖެއްސީ ހަމަ އެކަން ކުރާކަން އެނގިވަޑައިގެން ހުންނަވައި، އެކަމަށް ފުރުސަތު ދެއްވައިގެން ކަމަށް ބެލެވޭނެ އެތައް ކަމެއް އެބަ ހުއްޓެވެ. އެ ވަރުން ނިމުނީއެއް ނޫނެވެ. އެންމެ ފަހުން ދައުރު ހަމަވާން ދެތިން ދުވަހަށް ވެފައި ވަނިކޮށް އަދީބު ވެސް މިނިވަން ކުރެއްވީއެވެ.
މި ވެރިކަމަށް ބަލާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ރެއާއި ދުވާލު އެންމެ ގިނައިން ދައްކަވާ އެއް ވާހަކަފުޅަކީ ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ވާހަކައެވެ. ނަމަވެސް ކަން ވަނީ އެގޮތަށްތޯއެވެ؟ އެޗްޑީސީގެ ތެރެއިން އެކަނި މި ހިނގި ކަމަށް ތުހުމަތު ކުރެވޭ ކަންކަމަށް ބެލި ނަމަވެސް އިންސާފު ގާއިމު ވާތަނެއް އަދި ނުފެނެއެވެ. އެކިއެކި ތުހުމަތުތަކުގައި ކުންފުނިތަކުން ވަކި ކުރާ ވެރިން ދެން ވެސް ފެންނަނީ ވެރިކަން ކުރާ ޕާޓީގެ ހަރަކާތްތަކުންނެވެ. އަދަބެއް ނުލިބޭތާ މައްސަލަ ވެސް ނުނިމެއެވެ. އަނެއްކާ ޖަވާބު ނުލިބޭ އެތައް ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. އެންމެ ފަހުން ޚިޔާނާތުގެ ވާހަކަ ނޫސްވެރިންނަށް ދައްކަން ދަތިވާ ގޮތަށް, މީޑިއާތައް ގާނޫނެއް މެދުވެރިކޮށް ތަޅުއެޅުވުމުގެ މަސައްކަތް ކުރާ ކަމުގެ ތުހުމަތު މި ދަނީ ކުރެވެމުންނެވެ.
ބެލޭނެ އެތައް ނަމޫނާއެއް އެބަހުރި
ކޮރަޕްޝަނަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރައްގީ އާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ދުޝްމަނެވެ. ނަމަވެސް މި ނުލަފާ ވަބާގެ ތެރެއިން ކުރި ހޯދައިފާ އެތައް ގައުމެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ޑެންމާކާއި ފިންލޭންޑާއި ސިންގަޕޫރުގެ އިތުރުން ނިއުޒިލޭންޑާއި ނޯވޭ އާއި ސްވިޒަލޭންޑާއި ސްވިޑަން ފަދަ ގައުމުތަކަކީ މުޅި ދުނިޔެއަށް މިސާލުތަކެވެ. ދެން ސުވާލަކީ އެ ގައުމުތައް ވަގުންގެ ނުރައްކަލުން ސަލާމަތްވީ ކިހިނެއްތޯއެވެ؟

ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ: -- ފޮޓޯ: އޭޕީ
ކޮރަޕްޝަންގެ ފަނި ނައްތާލާފައިވާ ނުވަތަ އެ ނުރައްކާ ކުޑަކޮށްފައިވާ ގައުމުތަކަށް ބަލާއިރު އެ ބޮޑު ކާމިޔާބީ ހޯދި އެންމެ ބޮޑު އެއް ސަބަބަކީ ހަމަ އެއް ކަމެކެވެ. އެއީ އެ ގައުމުގެ ވެރިކަމަށް ވަޑައިގެންނެވި އިޚުލާސްތެރިއަކު އެކަން ބޭނުން ވުމެވެ. އެ ހުރިހާ ގައުމުތަކެއްހެން ދައުލަތުގެ ތެރެއިން ކުރާ ވައްކަން ހުއްޓުވީ ވެރި މީހާ އެކަން ބޭނުންވެގެންނެވެ. ކިތަންމެ ގާތް މީހެއް ވިޔަސް, ޕާޓީ މީހެއް ވިޔަސް, އިސް ވެރިއެއް ވިޔަސް ކޮރަޕްޝަން ހިންގައިފިނަމަ އަދަބު ދޭތީއެވެ. ޕާޓީ ހިންގުމަށާއި ސަރުކާރުގެ ނުފޫޒު ގަދަ ކުރަން އެ ގައުމުތަކުގެ ވެރިން ކޮރަޕްޝަންގެ ތެރެއިން ފައިސާ ނުހޯދާތީއެވެ.
ހަމައެއާއެކު ވިސްނުންތެރިކަމާއެކު ލީޑަރުން އަޅުއްވާ ފިޔަވަޅުތަކަކީ ވެސް ކޮރަޕްޝަން ނައްތާލުމަށް އިސް ދައުރެއް އަދާ ކުރި ކަންކަމެވެ. މިސާލަކަށް އަނެއްކާ ވެސް ސިންގަޕޫރެވެ. ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކާއި 1960 ފަސްދޮޅަހުގެ އަހަރުތަކަށް ބަލާއިރު އެ ގައުމަކީ ވެސް ކޮރަޕްޝަން އިންތިހާއަށް އޮތް ތަނެކެވެ. އެ ގައުމުގެ ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން ސިޔާސީ މީހުންގެ މެދުގައި އެފަދަ ވައްކަމާއި ޚިޔާނާތް ވަރަށް އާއްމެވެ. އެ ގައުމަށް 1965 ވަނަ އަހަރު ފުރިހަމަ މިނިވަންކަން ލިބުމާއެކު ގައުމުގެ ހުންގާނުގައި ހުންނެވި ލީ ކުއާން ޔޫ, ކޮރަޕްޝަނާ ދެކޮޅަށް, ވިސްނުންތެރިކަމާއެކު ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ.
ލީ ކުއާން ޔޫ, ދައުލަތުގެ ތެރެއިން ކުރާ ވައްކަން ހުއްޓުވުމަށް ހެޔޮ ނިޔަތާއެކު ކުރެއްވި އެންމެ ބޮޑު އެއް ކަމަކީ އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ މިނިވަން މުއައްސަސާއެއް އުފެއްދެވުމެވެ. އެގޮތުން ކޮރަޕްޓް ޕްރެކްޓިސެސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އުފެއްދެވީ ވަރަށް ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައެވެ. ގިނަ ގުނަ ބާރުތަކެއް ދެއްވިއެވެ. ނުފޫޒު ނުފޯރުވޭނެ ހުރިހާ މަގެއް ފަހިކޮށްދެއްވިއެވެ. ހަމައެއާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ މަގާމުތަކުގައި ތިބޭ މީހުންގެ މުސާރަ ވަރަށް ބޮޑު ކޮށްދެއްވިއެވެ. ހަމައެހެންމެ ކޮރަޕްޝަން ހިންގައިފިނަމަ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރައްވައެވެ. އޭގެ ނަތީޖާއަކީ ދުނިޔޭގެ އެއް ނަންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރަކީ ކޮރަޕްޝަން އެންމެ މަދު އެއް ގައުމަށްވުމެވެ. އޭގެ ސަބަބުން އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ އިތުބާރު އެ ގައުމަށް ވަނީ ލިބިފައެވެ.
އިތުރު މިސާލަކަށް ހޮންގްކޮންގު ވެސް ފުދެއެވެ. އެ ގައުމަށް ބަލާއިރު 1960 އާއި 1970ގެ އަހަރުތަކުގެ ތެރޭގައި ކޮރަޕްޝަން ވަރަށް އާއްމެވެ. ފުލުހުންނާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ވެސް އޮތީ ޚިޔާނާތެވެ. އެކަން ނިމުމަކަށް ގެނައުމުގެ ފެށުމަކީ 1974 އަހަރު އެ ގައުމުގައި, ގިނަ ބާރުތަކެއްދީ ކޮރަޕްޝަނާ ދެކޮޅަށް އުފެއްދި, ދަ އިންޑެޕެންޑެންޓް ކޮމިޝަން އެގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) އެވެ. އޭގެ 20 އަކަށް އަހަރު ފަހުން އެ ގައުމު ވީ ކޮރަޕްޝަންގެ ވަބާ ނައްތާލެވިފައިވާ ގައުމަކަށެވެ. މިއަދު އެއީ މި އޭޝިއާ ސަރަހައްދުގައި އެންމެ ސާފު އެއް ހިންގުންތެރިކަމުގެ ނިޒާމު އޮތް ގައުމެވެ.
މިހެންގޮސް ކިތަންމެ މިސާލެއް ދައްކަފާނަމެވެ. ކޮރަޕްޝަނަކީ މަދު ކުރެވޭނެ އެއްޗެއްކަން އެތަކެއް ގައުމަކުން ވަނީ ސާބިތު ކޮށްދީފައެވެ.
ރާއްޖެއަށް ގިނަ ބަދަލުތަކެއް ބޭނުން
ކިތަންމެ ބޭނުންވިޔަސް ސިޔާސީ މީހުންގެ ތެރޭގައާއި ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި މިހާ ޚިޔާނާތް އިތުރުވީމައި ގައުމެއް ކުރިއަކަށް ނާރާނެއެވެ. ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވިޔަސް ކުރާ ނުރަނގަޅު ކަންކަން ބަދަލު ނުވާނަމަ ގައުމު ދަނީ އަޑިއަށެވެ. މި ގައުމުން ފެންނަނީ އެ މަންޒަރެވެ. މިކަން ހުއްޓުވުމަކީ ގައުމުގެ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ކޮރަޕްޝަން ނައްތާލުމަށް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް އެންމެ ބޭނުންވަނީ ހަމަ ހަގީގަތުގައި ވެސް އެކަން ކުރައްވަން ބޭނުންފުޅުވާ ރައީސެކެވެ. ހަމަ އެކަނި ބަހަކުން ނޫނެވެ. ބަހާއި އަމަލުންނެވެ. ޚާއްސަކޮށް ކެރިވަޑައިގެން ކޮރަޕްޝަނަށް ފިޔަވަޅު އަޅަން ކެރިވަޑައިގަންނަވާ ރައީސެކެވެ. ސިޔާސީ ބާރުވެރިކަމަށް ދައުލަތުގެ ވަސީލަތްތަކުން ފައިސާ ހޯއްދަވަން ބޭނުންފުޅު ނުވާ ރައީސެކެވެ. އެއީ އެންމެ މުހިންމު ކަންތަކެވެ.
ދެން އެންމެ މުހިންމީ ވައްކަމާއި ޚިޔާނާތާ ދެކޮޅަށް "ހަނގުރާމަ" ކުރާނެ ރަނގަޅު މުއައްސަސާއެކެވެ. މިއަދު ރާއްޖޭގައި އެކަމަށް އޮތް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ހުރިހާ ދައުރަކަށް ބެލިނަމަވެސް ބޮޑު ފެއިލިއާއެކޭ ބުނެވޭނެ ފުރުސަތު އެބައޮތެވެ. ހަގީގަތުގައި އެގޮތަށް އެތަން އޮތުމަށް ވުރެން ރަނގަޅީ ނެތިއްޔާއެވެ. އެއީ އެ މުއައްސަސާ ހިންގުމަށް ދައުލަތުގެ ބަޖެޓުން މިހާރު އަހަރަކު 40 އަކަށް މިލިއަން ރުފިޔާ ޚަރަދު ކުރާއިރު ވައްކަން ހުއްޓުވޭތަނެއް, ގެއްލޭ ފައިސާ ހޯދޭތަނެއް, އަދަބެއް ދެވޭތަނެއް ގިނަ ފަހަރަކަށް ނުފެނެއެވެ.
އޭގެ އެންމެ ބޮޑު އެއް ހެއްކަކީ އެ މުއައްސަސާ ހިންގަން 50 މިލިއަން ރުފިޔާ ހޭދަ ކުރި 2023 ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެންގި 50،370،521 މިލިއަން ރުފިޔާގެ ތެރެއިން، އެ އަހަރު ހޯދުނީ އެންމެ 234,531 ރުފިޔާ ކަމަށް ހަމަ އޭސީސީން ބުނާތީއެވެ. މިއީ އާދައިގެ ހިސާބެއް ޖެހި ނަމަވެސް ދެކޮޅު ނުޖެހޭ ކަމެއްކަން އެނގެއެވެ. ފަންސާސް މިލިއަން ޚަރަދު ކޮށްގެން ދެ ލައްކަ ހޯދަން ކީއްކުރާ މުއައްސަސާއެއްތޯއެވެ؟ އަނެއްކާ މިހާރު ވެސް އަދި ކުރިން ވެސް, އޭރަކު އޮންނަ ވެރިކަމަކުން ކޮންމެފަދަ ކަމެއް ކުރިޔަސް އޭސީސީ ގިނަ ފަހަރަށް އޮންނަނީ ހަމަ ގަދަނިދީގައެވެ. އަނެއްކާ އެންމެ ހުތުރު ތުހުމަތަކީ ސިޔާސީ މަންފާ ސަރުކާރުތަކަށް ހޯދައިދޭކަމަށް ކުރެވޭ ތުހުމަތެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވިގޮތުގައި އޭސީސީ އޮތީ އެންމެ ރަނގަޅު މޮޑެލްގެ ގޮތުގައި ކަމަށް މިހާރު ގަބޫލުނުކުރެއްވެއެވެ. އެއީ އެ މުއައްސަސާއިން ނިންމުންތައް ނިންމުމުގައި ފަސްޖެހުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭސީސީގެ މެންބަރުންނަކީ މެރިޓް އުސޫލުން ބަލައި ވަރަށް 'ކޮލިފައިޑް' ރަނގަޅު ބޭފުޅުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް މަސައްކަތުން އެ ނަތީޖާ ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިއީ މައްސަލައަކީ. ހަމަ މީހުންގެ މައްސަލަ މި މައްސަލައަކީ. ނިންމުންތައް ނިންމަން ނުކެރެނީ. ނޫނީ ފަސްޖެހެވެނީ. ނޫނީ އެބޭފުޅުންގެ ގާބިލުކަން ނެތީ. މިބޭފުޅުން [އޭސީސީން] މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނަމަ މިކަންކަން ވެފަ [މައްސަލަތައް ބެލިފަ] ހުންނަންވާނީ،" ނާޒިމް ވިދާޅުވިއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް
އޭސީސީގައި މަގާމާމެދު އެކަނި ނުވިސްނާ އިޚުލާސްތެރިން ތިބުމާއެކު އެހެން ބަދަލުތަކެއް ވެސް ބޭނުންވެއެވެ. އޭސީސީ މިހާރު ހިންގާ ނިޒާމުގައި ދެކޮޅު ނުޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ނިޒާމު އޮތީ ސިޔާސީ މީހުންގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވޭ ގޮތަށެވެ. އޭރަކު އޮންނަ ސަރުކާރަކުން ނުވަތަ މަޖިލީހުގެ މެޖޯރިޓީއަކުން ނުރުހިއްޖެ ކޮންމެ ހާލަތެއްގައި މަގާމު ގެއްލުވާލެވެއެވެ. ބަޖެޓް ތާށި ކުރެވެއެވެ. ހަމައެއާއެކު އޭސީސީގެ ބާރަކީ ހަމައެކަނި ތަހުގީގު ކުރުމެވެ. ދައުވާ ކުރާނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް އެކަން ކުރައްވަން ފެނިވަޑައިގެންފިނަމައެވެ. އޭގެ ބަދަލުގައި ސިންގަޕޫރާއި މެލޭޝިއާފަދަ ގައުމުތަކުގައި އޮންނަ ގޮތަށް ތަހުގީގު ކުރުމާއެކު ދައުވާ އުފުލުމާއި ދައުވާ ކުރުމުގެ ބާރު އޭސީސީއަށް ދިނުން ވެސް މުހިންމެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން 2014 ވަނަ އަހަރު ހެދި އެސެސްމަންޓެއްގައި އޭސީސީއަށް މާލީ މިނިވަންކަން ނެތްކަން ފާހަގަކޮށްފައިވާއިރު، އެ އިދާރާގެ ބަޖެޓް ކޮންޓްރޯލްކުރަނީ އެގްޒެކެޓިވް ބްރާންޗުން ކަމަށް ބުނެފައިވެއެވެ. މި ބަރޯސާވުމުގެ ސަބަބުން އޭސީސީއަށް ސިޔާސީ ނުފޫޒުފޯރުވުމުގެ ފުރުސަތު ބޮޑުވެ، އޭސީސީގެ އިންސާފުވެރިކަމަށް ބުރޫ އަރާނެ ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
ހަމަ ޔޫއެންއޯޑީސީގެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީސީގެ އިންވެސްޓިގޭޓަރުންނަށް، ފުލުހުންނަށް ގާނޫނުން ލިބިދީފައިވާ ފަދަ ބާރުތަކާ އެއްވަރުގެ ބާރުތަކެއް ލިބިފައި ނުވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އެއީ ހައްޔަރުކުރުން ނުވަތަ ބަލައި ފާސްކުރުން ފަދަ ބާރުތަކެވެ. މި ލިމިޓޭޝަންގެ ސަބަބުން އޭސީސީއަށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގުމުގެ ގާބިލުކަމަށް ހުރަސް އެޅޭ ކަމަށް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިގޮތުގައި ރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަތައް ފުޅާވާ އެއް ސަބަބަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ މައްސަލަތައް ނުބެލުމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ގެންގުޅުއްވާ ސިޔާސަތުތަކެވެ.
މިވަގުތު ފެންނަ މަންޒަރަކީ، ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ފުޅާވެ ކުރިއަރައިގެންދަނީ އޭސީސީގެ މަސައްކަތްތައް ބަރުހެލިކަމުންނާއި، ކޮމިޝަންގެ ރައީސް ޝާމިލްގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޝަމީމް ތުހުމަތު ކުރެއްވިއެވެ.
އެ މައްސަލައިގެ ހައްލެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވީ ފުލުހުންނަށް ތަހުގީގު ނިންމަން މުއްދަތު ދީފައި އޮންނަ ގޮތަށް، އޭސީސީއަށް ވެސް މައްސަލަތައް ނިންމަން މުއްދަތެއް ގާނޫނުން ކަނޑައެޅުމެވެ.
"ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރަން ކުރަންވީ ކަމަކީ، މައްސަލަ ނިންމަންޖެހޭ މުއްދަތެއް ގާނޫނުގައި ލިޔަންވީއެވެ. އޭސީސީއަށާއި، ޕީޖީ އޮފީހަށާއި ކޯޓަށްވެސް މެއެވެ. މިއީ، މިހާރުވެސް ފުލުހުން ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން އަންނަ ނިޒާމެކެވެ." އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ ސިޔާސީ ހަޔާތް ނިމިގެން މިދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވުމުގައެވެ. އެއް ފަސް އަހަރު ޚިޔާނާތް ހިންގުމެވެ. އަނެއް ފަސް އަހަރު ވަގަށް ގޮވުމެވެ. މީގެ ސަބަބުން ގައުމަށް އަންނަ ހެޔޮ ބަދަލެއް ނެތެވެ. އެކަމަކު ލިބޭ ގެއްލުން އިންތިހާއަށް އިތުރެވެ. އެންމެ ދެރައީ ވެރިން ވައްކަން ކުރަން ފުރުސަތު, ދީފައި ދެން މި ދައްކަވާ ވާހަކައެވެ. ފުރަތަމަ އިޚުލާސްތެރިވާށެވެ. ނޫނީ ވައްކަމެއް ނުހުއްޓުވޭނެއެވެ. ބަހާއި އަމަލު ދިމާކުރާށެވެ.