2025ގެ ސުވާލެއް: ދިވެހީންނަށް 2،000 އަހަރު ކުރީގެ ޖަވާބެއް

އާ ގާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރި ހަތަރު ރައީސުން: ކޮންމެ ވެރިކަމެއްގައި ވެސް މިނިވަން މުއައްސަސާތަކަށް ނުފޫޒު ވަތް --

މިނިވަން ނޭވާލުމުގެ ކުރީގައި ދިވެހީން ފުރަތަމަ ގާނޫނުއަސާސީ ލިޔެފިއެވެ. ފުރަތަމަ ގާނޫނުއަސާސީއެއް ލިޔުނީ 1932 ގައެވެ. އޭގައި ވެސް އެންމެ މަތީ ބާރަކީ ރައްޔިތުންނޭ ލިޔުނެވެ. ފުރިހަމަ ކުރަމުން ކުރަމުން 12ވަނަ ގާނޫނުއަސާސީއެއް ލިޔެ، އޮކްޓޫބަރު 7، 2008 ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަސްދީގުކުރެއްވިއެވެ. ޑިމޮކްރަސީގެ ޖައްވަން ދިވެހީން ނޭވާލީ، ހަގީގަތުގައި އެ ދުވަހެވެ.

އަސާސީ އެތައް ކަމަކުން މަހުރޫމުވެފައި ތިބި ދިވެހީން އެ ހައްގުތައް، ގާނޫނުއަސާސީގައި ލިޔުނީ ފުރާނައިން ވެސް ގުރުބާންވެގެންނެވެ.

ދުނިޔޭގެ މަޝްހޫރު އެހެން މިސާލުތައް ގޮތަށް، ދިވެހީން ޑިމޮކްރަސީއަށް ކުރި ދަތުރުގައި ވެސް ފުރާނައެއް ނުގެއްލޭ ބުނެވޭނެހެއްޔެެވެ؟ އެ ފުރޮޅުން ފުރޮޅުނީ އެތައް ބައެއްގެ ގުރުބާނީންނެވެ. ޖަލުގެ ތޭރިތަކުގައި ކުރި 'ޖިހާދަ'ކުންނެވެ. އެތައް އަނިޔާއެއް ތަހަންމަލުކޮށްގެންނެވެ. ބޭނުންވެގެން އުޅުނީ ކޮން ކަމެއްހެއްޔެވެ؟ ސިޔާސީ ފުރޮޅުންތަކުގެ ނުފޫޒުގައި ވެރިކަން ބޭނުންވި ބޭފުޅުންނެއް ނޫނެވެ. އެ މަސައްކަތުގައި ބައިވެރިވެ، ގުރުބާންވި އާންމު މީހާ ދެކުނީ ކޮން ހުވަފެނެއް ހެއްޔެވެ؟

ހެޔޮ ވެރިކަމެކެވެ. ތާހިރު ދިރިއުޅުމެކެވެ.

https://sun.mv/193134

އެ ހުރިހާ ކަމެއްގެ ފަހަތަށް މިހާރު މި ތިބީ ގާނޫނުއަސާސީން މިނިވަން ކޮމިޝަންތަކެއް ވެސް ހަދައިގެން، އެ ތަންތަނަށް މިލިއަނުން ރުފިޔާ ދީދީއެވެ. ރައްޔިތުންގެ ބޮޑު މަޖިލީހެއް، ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ މުއައްސަސާގެ ގޮތުގައި އެ ދަނީ ހިނގަމުންނެވެ. ފަނޑިޔާރުގެތަކަކީ މިނިވަން މުސްތަގިއްލު ތަންތަން ކަމުގައި ލިޔެފީމެވެ. އެ ވަރުން ނުވެގެން، ގާނޫނުއަސާސީން ހުދޫދުތަކެއް ކަނޑައަޅައި، މި އިމުން ޚުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ބޭރުނުވެވޭނޭ ލިޔެގެންނެވެ. އެންމެހާ ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައޭ ވެސް ލިޔެގެންނެވެ.

އެކަމަކު، އެއީ ހުސް އެކަނި ލިޔުމުގައި އޮތް ކަމެއް ނޫންހެއްޔެވެ؟

އެކި ވެރިން ތަޖުރިބާކުރެވިއްޖެ، ނަތީޖާ ހިތި؟

އެމްޑީޕީން ދެ ވެރިކަން ކޮށްފިއެވެ. ޑީއާރްޕީން ފެށިގެން ޕީޕީއެމުން ޕީއެންސީއަށް ހިޖުރަކުރި ފިކުރުން ވެސް ދެވަނަ ވެރިކަން އެ ކުރަނީއެވެ. އެކަމަކު، ހަގީގަތުގައި ރައްޔިތުން ބޭނުންވި ތާހިރު ދިރިއުޅުން ލިބުނު ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީސް 'ރަބާ ސްޓޭމްޕް' ޖަހާ ތަނެއްގެ ގޮތުގައި ނުހިނގަނީ ކޮންއިރަކު ހެއްޔެވެ؟ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިވަންވީ ކޮން ވެރިކަމެއްގައި ހެއްޔެވެ؟ ފުލުހުންގެ އިދާރާއަށް ނުފޫޒު ނުވަންނަނީ ކާކު ވެރިކަމެއްގައި ހެއްޔެވެ؟ ފަނޑިޔާރުގެ ސިޔާސީ ނުކުރަނީ ވަކި ކޮން ބޭފުޅެއް ހެއްޔެވެ؟ ރައްޔިތުންގެ ފައިސާއިން މާސިންގާ ވައްކަން ނުކުރަނީ ކޮން ބޭފުޅެއް ހެއްޔެވެ؟

ސިޔާސީ ކަންކަމާ ފިކުރު ހިންގާ މީހުން މި ބަހުސް އަބަދު ވެސް ކުރެއެވެ. އިސްލާހީ ހަރަކާތުގެ ބައިވެރިން ވަރުބަލިވެއްޖެއެވެ.

https://sun.mv/206022

އަނެއްކާ ވެސް މިހާރު ދައްކާ އަނެއް ވާހަކައަކީ ފުލުހުންގެ ވެރިން އިންތިޚާބުކުރުން ކިހިނެއް ވާނެބާއެވެ؟ އެ ވާހަކަދެއްކީމާ ބައެއް މީހުން ދެއްކި އެހެން ވާހަކައެކެވެ. މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ވެސް ވީ އިންތިޚާބުކުރަން ނޫންހެއްޔެވެ؟ އޭރުން އެ މީހުންގެ ވަފާތެރިކަން އޮންނާނީ ރައްޔިތުންނަށް ނޫންބާއެވެ؟ އާންމު ވިސްނުމަކުން ވިސްނާއިރު އެއީ ވަރަށް ރަނގަޅު ކަމެއް ނޫންބާއެވެ؟

އިސްލާހު ވާންވީ ރައްޔިތުން

ފެންނަ ފެނުމަށް ކިތަންމެ ރަނގަޅުކަމެއް ކަމުގައި ހީވިޔަސް، އެ ގޮތް ވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ތަޖުރިބާކޮށްފިއެވެ. ހަގީގަތުގައި ރާއްޖޭގައި މި އޮތީ، އެންމެ ތަހުޒީބީ ގައުމުތަކުގައި އަދި އެންމެ ޑިމޮކްރަސީ ވަރުގަދަ ތަންތަނުގައި ވެސް އޮތްގޮތާ ވައްތަރު ނިޒާމެކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާ ވެސް އެ ހިނގަނީ މި ޒާތުގެ ނިޒާމަކަށެވެ.

މި ތަޖުރިބާކުރި ބައެއް ގައުމުތަކުގައި ކަންވީ ގޮތަށް ނަޒަރު ހިންގާލުމުން އެނގެނީ އެންމެ ކަމެކެވެ. މިނިވަން މުއައްސަސާތަކަށް ވެރިން އިންތިޚާބުކުރުމުން މައްސަލަތައް ހައްލުވަނީއެއް ނޫނެވެ. އަނެއްކާ ވެސް އާ މައްސަލަތަކެއް އުފަންވަނީއެވެ. މިއަށްވުރެ ނުރައްކާތެރި މައްސަލަތައް ވެސް ނުކުމެފައި އެބަހުއްޓެވެ.

އިންތިޚާބުތަކަކީ ޕޮޕިއުލާރިޓީ ކޮންޓެސްޓެކެވެ. އެކަމަކު، އިންސާފަކީ، އުސޫލަކީ ޕޮޕިއުލާ ގޮތް ހެއްޔެވެ؟

މިސާލަކަށް، ދިވެހީން ފުލުސް ކޮމިޝަނަރު އިންތިޚާބުކުރަނީއެވެ. އިންތިޚާބަށް ކަޑަޖަހާ އުސޫލުން މީހުން ހައްޔަރުކޮށް، އަދަބު ދޭން އޭނާ ބޭނުން ނުވާނެ ހެއްޔެވެ؟ އިންސާފުގެ ކުލަވަރު ދައްކާލަން ނާއިންސާފުން ކަންތައްތަކެއް ނުކުރާނެބާއެވެ؟ ފަނޑިޔާރުގެއާއި، އެ ނޫން ތަންތަނަށް ވެސް އެހެން ނުވާނެހެއްޔެވެ؟ މިއީ ވެސް ވިސްނަންޖެހޭ ކަމެއް ނޫންބާއެވެ؟

ވޯޓު ނެގުން ބަންދު: ރައްޔިތުންގެ ބާރު ބަންދު -- ސަން ފޮޓޯ/ މޫސާ ނަދީމް

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ފަނޑިޔާރުން އިންތިޚާބުކުރިއެވެ. ނުކުތީ އެ ސުވާލުތަކުން ބުނެދޭން މަސައްކަތްކުރި ނަތީޖާއެވެ. ދިރާސާތަކުން ދައްކަނީ އިންތިޚާބު އަހަރު އަންނަ ހުކުމްތައް ވަރުގަދަ ކަމެވެ. އިންސާފުން ކައްސާލައި، ޕޮޕިއުލާރިޓީއަށް ދީލައިލާފައި ހުރި ކަމެވެ. ހަމަ އެ ގައުމުގައި ޝެރިފުން އިންތިޚާބުކުރީމާ ވީ ކިހިނެއްހެއްޔެވެ؟ މުޅި މަސައްކަތް ބައްޓަންކުރީ ރައްޔިތުންގެ ރުހުމާއި ތާއީދު ލިބޭނެ މަގުންނެވެ. ކެންޔާގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެރިން އިންތިޚާބުކޮށްގެން ވެސް ތަފާތެއް ނުފެނެއެވެ.

ފުންކޮށް ވިސްނާލީމާ އެނގެއެވެ. ހަގީގަތުގައި ރާއްޖޭގެ މުޅި ނިޒާމު 'ކޮރަޕްޓް'ކޮށްލަނީ ވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ 'ފުލް ކޮންޓްރޯލް' ލިބޭތީ ނޫންހެއްޔެވެ؟ މަޖިލީސް ބޭނުންކޮށްގެން ޝަރުއީ ދާއިރާއަށް ވެސް އަތް ބާނަނީއެވެ. މިނިވަން މުއައްސަސާތައް ވެސް ކޮންޓްރޯލަށް ނަންގަވަނީ ހަމަ އެ މަޖިލީހުގެ ތެރެއިން ނޫންހެއްޔެވެ؟

އެ މަޖިލީސް އިންތިޚާބުކުރަނީ ރައްޔިތުންނެއް ނޫންހެއްޔެވެ؟ އެ މެންބަރުން، ރައްޔިތުންނަށް އޮތް ވަފާތެރިކަން ދޫކޮށްލަނީ ކީއްވެހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާގެ މުށުގެ ތެރެއަށް ރައްޔިތުންގެ މަޖިލީސް ދޫކޮށްލަނީ ރައްޔިތުން ނޫންބާއެވެ؟ އެނގި ތިބެ، ތަޖުރިބާ ވެސް ކޮށްގެން ތިބެ ނޫންހެއްޔެވެ؟ ވެރިންގެ ޖީބުގައި މަޖިލިސް ބާއްވަން ނިންމަނީ ރައްޔިތުން ނޫންހެއްޔެވެ؟

މިއީ ހަގީގަތުގައި ޑިމޮކްރަސީ ތައާރަފުވި ފަހުން އެންމެން ވެސް ކުރާ ބަހުސެކެވެ. ޑިމޮކްރަސީއެއް ރަނގަޅަށް ހިނގަން ވެސް ކަންތައްތަކެއް ފަހިވާން ޖެހެއެވެ. މި ކަންބޮޑުވުންތަކަކީ ޑިމޮކްރަސީ ތަޖުރިބާކުރަމުން ދިވެހީން އެކަނި ކުރި ޝަކުވާއެއް ވެސް ނޫނެވެ. މިއީ މާ ފުޅާކޮށް، މާ ވަރުގަދަ ސިކުނޑިތަކަކުން ބަހުސްކުރި، ކުރަމުން އަންނަ ވަރަށް ފުޅާ މައުޟޫއެކެވެ.

https://sun.mv/210402

އިގުތިސާދީ މާހިރު އަދި 19 ވަނަ ގަރުނުގެ އެންމެ ވަރުގަދަ އެއް ފަލްސަފާވެރިޔާ ޖޯން ސްޓުއާޓް މިލް ވެސް މި ކަންބޮޑުވުންތައް ފާޅުކުރެއްވިއެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި ޑިމޮކްރަސީއެއް ފަންކްޝަން ވަނީ އާންމުން ތައުލީމީވެ، ހޭލުންތެރިވެ، ކަންކަމާ ފިކުރު ހިންގާ މިންވަރަކުންނެވެ. ގައުމުގެ ކަންކަމާ އާންމުން ނުވިސްނާ ނަމަ، ޑިމޮކްރަސީއެއް ރަސްކަމަކަށް ވުރެ ގޯސްވުމުގެ ފުރުސަތު ނެތްހެއްޔެވެ؟

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފަލްސަފާވެރިޔާ، ޕްލޭޓޯ މީގެ 2،000 އަހަރަށްވުރެ ވެސް ކުރިން ހަމަ އެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ގަބޫލުކުރެއްވީ ތާހިރު ދިރިއުޅުމެއްގެ، ހެޔޮ ވެރިކަމެއްގެ ބިންގަލަކީ ތައުލީމު ކަމެވެ. ތައުލީމު ނެތް ރައްޔިތަކު، ނޫނީ ގައުމުގެ ކަންކަމާ ފިކުރު ނުހިންގާ ރައްޔިތަކު ތިބި ގައުމެއް ނަމަ، ޑިމޮކްރަސީގެ ނިޒާމު ހަލާކުގެ ނިޒާމަކަށް ބަދަލުވެދާނެކަމުގެ ކަންބޮޑުވުން އޭރު ވެސް އޮތެވެ.

ކޮންމެ ވެރިކަމެއް މި ވަނީ މިހެން ނޫންހެއްޔެވެ؟ މި އުޅެނީ އެހެން މައްސަލައެކެވެ.

ކުރަންވީ މަސައްކަތަކީ މިއީ ނޫންހެއްޔެވެ؟ މި ދެކޭ ޑިމޮކްރަޓިކް ނިޒާމުގެ އެއް އާރުކާޓީ، އެމެރިކާގެ ތިންވަނަ ރައީސް ތޯމަސް ޖެފާސަން ގަބޫލުކުރެއްވީ އެފަދައިންނެވެ. ޔުނިވާސިޓީ އޮފް ވާޖިނިއާ އުފެއްދެވީ އެ މަސައްކަތްޕުޅު ކުރައްވާށެވެ. ފިކުރު ހިންގާ ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައެވެ. ދިވެހީން ވެސް ކުރަންވީ އެ މަސައްކަތް ނޫންބާއެވެ؟

މިއީ 2025ގެ ސުވާލެކެވެ. އެކަމަކު، އޮތީ 2،000 އަހަރު ކުރިން ވެސް ލިބުނު ޖަވާބު ނޫންބާއެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް