2019 އިން ފެށިގެން ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ލިބުން ހުއްޓިފައި

ޕީޖީ އޮފީހުގެ ބައެއް ވަކީލުން: އެ އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ލިބުން އޮތީ ހުއްޓިފައި -- ފޮޓޯ/ ޕީޖީ އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުންނަށް 2019ވަނަ އަހަރުން ފެށިގެން ޕްރޮމޯޝަން ލިބުން އެއްކޮށް ހުއްޓިފައި އޮތް ކަމަށް އެ އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ވަނީ ސިވިލް ސާވިސްގައި މުސާރަ ބޮޑުނުކުރާ ހުރިހާ މުވައްޒަފުންނާއި، ކައުންސިލްތަކާއި ޝަރުއީ ދާއިރާގެ އެންމެންގެ މުސާރަތައް ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުވާނެކަން އިއުލާނުކުރައްވާފައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނުކަަން ކުރައްވާ، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޖީ އޮފީހުގެ މުވައްޒަފުންގެ މުސާރަ އެންމެ ފަހުން ރިވިއުކޮށްފައިވަނީ 2014 ވަނަ އަހަރު ކަމަށެވެ. އެހެންވެ، އެ މުވައްޒަފުންގެ މުސާރަ ރިވިއުނުކުރާތާ 11 އަހަރު ވެއްޖެއެވެ.

އޭނާ ވިދާޅުވީ، އެ އޮފީހުން އަމަލުކުރަމުން އައި އުސޫލެއް އުވާލުމުގެ ސަބަބުން 2019 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ މުވައްޒަފުން ތިބީ ޕްރޮމޯޝަން ލިބުމުގެ ހައްގުން މަހުރޫމުވެފައެވެ.

"އުންމީދަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމުގެ ތެރެއިން މަސައްކަތާ އެކަށީގެންވާ މުސާރައެއް، އަދި މުވައްޒަފުންނަށް ޙައްޤުވާ ޕްރޮމޯޝަން ހަމަޖެހިގެން ދިއުން،" ޝަފީއު ވިދާޅުވިއެވެ.

އެ ކަމާ ގުޅޭ ތަފުސީލުދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޭރު އޮތް އުސޫލު ރަނގަޅު ނޫން ކަމަށް އޭރުގެ ޕީޖީއަށް ފެނިވަޑައިގަތުމުން އުސޫލު އުވާލީ ކަމަށެވެ. އެކަމަކު، އޭގެ ފަހުން އަދި އާ އުސޫލެއް އެކުލަވާލާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީގެ ގާނޫނުގައި ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތިން އާ މުވައްޒަފުން ނެގުމާއި، އައްޔަންކުރުމާއި، ތަމުރީނުދިނުމާއި މަގާމުގެ ކުރިއެރުން ދިނުމާއި އަދި ވަކި ކުރުމުގެ ބާރު ވެސް ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވެއެވެ. އެ ގާނޫނުގައި ބުނާ ގޮތުން، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، އެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުމާއި، މަގާމާއި ޚިދުމަތުގެ ޝަރުތުތައް ހިމަނާފައި އޮންނަންވާނެއެވެ.

comment ކޮމެންޓް