އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދެ މައްސަލައެއް ދައުލަތުން އެދިގެން ބާތިލުކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއް: އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދެ މައްސަލައެއް ދައުލަތުން އެދިގެން ވަނީ ބާތިލުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދެ މައްސަލައެއް ދައުލަތުން އެދިގެން ބާތިލުކޮށްފިއެވެ.

ދައުލަތުން އެދިގެން ބާތިލުކޮށްފައިވާ ދެ މައްސަލައަކީ، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ދެ މައްސަލައެކެވެ. އޭގެތެރެއިން އެއް މައްސަލަ، ދައުލަތުން އެދިގެން މިއަދު ބާތިލު ކުރިއިރު، އަނެއް މައްސަލަ ދައުލަތުން އެދިގެން ބާތިލު ކުރީ މިދިޔަ ހަފުތާގައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މައްސަލައިގެ ތެރެއިން މިއަދު ބާތިލު ކުރި މައްސަލައަކީ ކްރިމިނަލް ކޯޓުން ނިންމި މައްސަލައެއްގެ އިސްތިއުނާފެވެ. އެއީ، 2023 ވަނަ އަހަރު ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެއީ، ރާއްޖޭގެ އުތުރުގެ ރަށެއްގެ މީހަކު، އޭނާގެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމަށް ދައުލަތުން ތުހުމަތު ކުރާ މައްސަލައެކެވެ.

މި މައްސަލަ އަނބުރާ ގެންދިޔުމަށް، ދައުލަތުން އެދުނީ އެ މައްސަލައިގެ ހާދިސާ ހިނގިތާ މިހާރު އަށް އަހަރު ވެފައިވާ ކަމަށް ބުނެ، އަދި އިސްތިއުނާފު ކުރި ފަހުން ވެސް ދެ އަހަރުވެފައިވާއިރު އެ މައްސަލައިގެ އަޑު އެހުންތައް ފެށިފައި ނުވާ ކަމަށް ބުނެއެވެ. މި މައްސަލަ ހައިކޯޓުގައި ބަލާ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

ހައިކޯޓުން މި މައްސަލަ މިއަދު ބާތިލުކުރީ، މައްސަލަ ބާތިލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅިތާ ވެސް ދެ މަސް ދުވަސް ފަހުންނެވެ.

މިދިޔަ ހަފުތާގައި ބާތިލުކުރި މައްސަލައަކީ ވެސް ފަނޑިޔާރު ދީބާނާޒް ފަހުމީ ރިޔާސަތު ބަލަހައްޓަވާ މައްސަލައެކެވެ. އެއީ، މެދުރާއްޖެތެރޭގެ ރަށެއްގެ މީހަކު، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މި މައްސަލަ ގެންދިޔުމަށް ދައުލަތުން އެދުނީ ހާދިސާ ހިނގިތާ މިހާރު 10 އަހަރުވެފައިވާ ކަމަށް ބުނެ، އަދި ހައިކޯޓުގައިވެސް މައްސަލަ އޮންނަތާ ހަތަރު އަހަރުވެފައިވާއިރު ވެސް މައްސަލަ ނިމިފައިނުވާ ކަމަށް ބުނެއެވެ. އަދި މީގެ އިތުރުން މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއާއި އޭނާގެ މަންމަވެސް ހެކިބަސް ދޭން މިހާރު ބޭނުންނުވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. މި މައްސަލަ ބާތިލުކޮށްފައިވަނީ ދައުލަތުން އެދިގެން، މިދިޔަ ބުދަ ދުވަހެވެ.

https://sun.mv/212185

ދައުލަތުން އެދިގެން، ކުޑަކުދިންނާ ބެހުމުގެ ދެ މައްސަލައެއް ދޫކޮށްލިއިރު، މި ހަފުތާތެރޭގައި ސުޕްރީމް ކޯޓުންވަނީ އެ ކޯޓާ ހަމައަށް ދިޔަ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ދަމަހައްޓާފައެވެ.

comment ކޮމެންޓް