ރާއްޖެ ދުށް އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ އެކި މައްސަލަތަކުގައި 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާނެ ކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިރޭ ބުނެފިއެވެ.
މިރޭ ނެރުނު ބަޔާނެއްގައި އޭސީސީން ބުނީ، އެ ކޮމިޝަނާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީ ޚިޔާނާތުގެ 37 މައްސަލައެއް މިހާރުވެސް ތަހްގީގުކުރަމުން އަންނަ ކަމަށާއި، 161 މައްސަލައެއްގެ ތަހްގީގުތައް ނިންމައި، އެ މައްސަލަތައް މިހާރު ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ.
އަދި އިތުރު 15 މައްސަލައެއްގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ކުރިއަށްދާ ކަމަށް އޭސީސީން ބުންޏެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަތައް ތަހްގީގުކުރުމަށްފަހު، މިހާތަނަށް 123،732،662 ރުފިޔާ ދައުލަތަށް ހޯދުމަށް އެ ކޮމިޝަނުން ކަމާގުޅުންހުރި އިދާރާތަކަށް އަންގާފައިވާކަމަށް، އޭސީސީން މައުލޫމާތުދެއެވެ.
އޭސީސީން ބުނި ގޮތުގައި، އެ ކޮމިޝަންގެ ގާނޫނީ މަސްލަހަތު އަދާކުރަނީ އެއްވެސް ފަރާތަކަށް ބުރަނުވެ، ގާނޫނީ ހަމަތަކުގެ ތެރެއިން މިނިވަންކަމާއި މުސްތަގިއްލުކަމާއެކުގައެވެ.
އޭސީސީން މިރޭ މިހެން ބުނީ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައެއްގެ ތަހްގީގު ނިންމައި ދައުވާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިރޭ ބުނެފައިވަނިކޮށެވެ.
އެގޮތުން، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭހެން ވަކި ބައެއްގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، އެ އިދާރާއަށް ހުށަހެޅުމަށް މިދިޔަ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު އޭސީސީގައި ދަންނަވާފައި ވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ އެންމެންގެ މައްސަލަތަކުގެ ތަހްގީގު ގޮސްފައިވާ ހިސާބާ މެދު މަޝްވަރާކުރުމަށް އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް އޭސީސީއަށް އަންގާފައިވާނެ ކަމަށެވެ.
މިހާރުވެސް އެމްއެމްޕީއާރުސީގެ މައްސަލައެއްގެ ތަހްގީގު ނިންމައި ދައުވާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނި ނަމަވެސް، އެއީ ސީދާ ކޮން މައްސަލައެއްކަން ހާމަ ނުކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެންމެ އިސްކޮށް ހުންނެވިކަން ޝަރީއަތަށް ސާބިތުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތަށް މައާފު ދީފައިވަނީ މިދިޔަ ވެރިކަން ނިމެން ތިން ދުވަހަށް ވެފައި އޮއްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެހެންވެ، އަދީބު މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައެވެ.
މިހާތަނަށްވެސް އެ ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން މާ ބޮޑު މަސައްކަތެއް ކުރެވިފައިނުވާއިރު، މިދިޔަ ސަރުކާރުގައި ހެދި އެސެޓް ރިކަވަރީ ކޮމިޝަނަށްވެސް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މި ސަރުކާރާއި މިނިވަން މުއައްސަސާތަކުގައި މިހާރު ތިއްބެވި އިސް ބައެއް ބޭފުޅުންނާއި ވެރިކަންކުރާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންވެސް ހިމެނޭކަން، މިފަހުން ލީކުކޮށްލި އަދީބުގެ ފޯނުން 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ބައެއް މުއާމަލާތްތައް ހިމެނޭ ފޮރެންސިކް ރިޕޯޓެއްގައިވެއެވެ.