ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑުތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓު އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ޑޮލަރުގެ އަގު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއިން މައްޗަށް އަރާފައެވެ. އެހެންވެ، ބޭންކް ކާޑުން، ރަސްމީ ރޭޓް 15.42 ރުފިޔާއަށް ޑޮލަރުން މުއާމަލާތްކުރެވޭ މިންވަރު އިތުރުވުމަކީ ފަސޭހައެކެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެބްރުއަރީ އެކެއް، 2026 އިން ފެށިގެން ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ބޭންކްގެ މި ފަދަ ނިންމުންތައް އާންމުކޮށް އިއުލާނުކުރަނީ ބޭންކުންނެވެ. އެކަމަކު، މި ފަހުން ރައީސް މުއިއްޒު ގެންދަވަނީ ބޭންކްގެ ވަރަށް ގިނަ ނިންމުންތައް އެ މަނިކުފާނު އިސްވެ އިއުލާނުކުރައްވަމުންނެވެ.
އެ ގޮތުން، މިދިޔަ ހަފުތާގައި އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ޑެބިޓް ކާޑުން ޑޮލަރަށް ކުރެވޭ މުއާމަލާތް 3،000 ޑޮލަރާ ހަމައަށް ބޮޑުކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.
މ. މުލީގައި ހުންނަވާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ:
- ނޮވެންބަރު 11 އިން ފެށިގެން ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކަށް ފައިސާ ދެއްކޭ މިންވަރު 1،000 ޑޮލަރަށް ބޮޑުކުރާނެ ކަމަށް
- އެ ތާރީޚުން ފެށިގެން އެއާލައިން ޓިކެޓު ގަންނަން އަދި ރާއްޖޭން ބޭރުގެ ހޮޓެލްތަކަށް ކާޑުން ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑުކުރާނެ ކަމަށް
- އަދި، ބޭންކްގައި އެދުމުން ހޮސްޕިޓަލްތަކަށް ކާޑުން ފައިސާ ދެއްކޭނެ ގޮތް ހައްދަވާނެ ކަމަށް
ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ބީއެމްއެލްގެ ކާޑުން ޑޮލަރު ކެނޑޭ ލިމިޓު ކުރިން ހުރީ 250 ޑޮލަރުގައެވެ. އަދި، ރުފިޔާ ކާޑުތަކަށް ދެމުން އައި ލިމިޓު އެއްކޮށް ކަނޑާލަން ވެސް ބޭންކުން އޮގަސްޓް 25، 2024 ގައި ނިންމިއެވެ. އެކަމަކު، އެއީ "މާލީ ބަޣާވާތެއް" ކަމަށް ސިފަކޮށް، ސަރުކާރުން ވަނީ އެ ނިންމުމާ ދެކޮޅު ހަދާފައެވެ.
އެ ފަހުން ބޭންކުން ވަނީ ރާއްޖޭން ބޭރުގައި ޑޮލަރުން މުއާމަލާތްކުރެވޭ ލިމިޓް 500 ޑޮލަރަށް ވެސް ބޮޑުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑޮލަރުގެ އަގު ބޮޑުވެ، 20 ރުފިޔާއިން މަތީގައި ހުންނަތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ. އެހެންވެ، ތަކެތީގެ އަގު ބޮޑުވުމާއި ބޭސް ފަރުވާގެ ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ވެސް އެކިއެކި ގޮންޖެހުންތައް ކުރިމަތިވެ، ނުރުހުން އޮތީ ބޮޑުވެފައެވެ.
ސަރުކާރުން މިދިޔަ އަހަރު ވަނީ ޑޮލަރު ރޭޓު ދަށްވާނެ ކަމަށް ބުނެފައެވެ. އެކަމަކު، ފަހުން ރައީސް މުއިއްޒު ވިދާޅުވީ، ޑޮލަރުގެ މައްސަލަ އެއްކޮށް ހަމައަކަށް އެޅޭނީ އަަންނަ އަހަރު ކަމަށެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، ނުދެއްކިދާނެކަމުގެ ކަންބޮޑުވުން ވެސް ބޭރުގެ މާލީ އިދާރާތަކުން ފާހަގަކޮށްފައިވާއިރު މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދިވެހި ބޭންކްތަކަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ހަދާފައެވެ. އަދި، ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ދިވެހި ބޭންކްތަކަށް މާރުކުރަން ޖެހޭ ގޮތް ވެސް ވަނީ ހަދާފައެވެ.
ރާއްޖޭން މި އަހަރު ވެސް 500 މިލިއަނެއްހާ ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެހެންވެ، ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރަން ގޮވާލާތާ ކިތަންމެ ދުވަހެކެވެ.