ތިން މަސް ކުރީގެ ނިންމެވުން ބަދަލުކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް ދޫނުކުރަން ނިންމައިފި

އައްޑޫގެ މޭޔަރު ނިޒާރާ ރައީސް މުއިއްޒު ސަލާންކުރައްވަނީ: ތިން މަސް ކުރީގެ ނިންމެވުން ބަދަލުކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް ދޫނުކުރަން ވަނީ ނިންމައިފައި ---- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީގެ ހަންކެޑެގައި ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް މީގެ ތިން މަސް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް، ސަރުކާރުން އެ ނިންމުން ބަދަލުކޮށްފިއެވެ.

ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހެމާނުންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ.

ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ހަންކެޑެގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ރައީސް ނިންމަވައިފައިވާކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރީ ޖޫން 29ގައެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނިންމައިފައި އޮތީ ހަންކެޑެގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށެވެ. އެގޮތަށް ނިންމަވައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2021 ވަނަ އަހަރު ނެރުއްވި ގަރާރު އިއްޔެ ރައީސް ވަނީ އުވާލައްވައިފައެވެ.

މިއަދު ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގަރާރު އުވާލެއްވުމުގެ އިތުރަށް، މިހާރު ހަންކެޑެ ވަނީ ހަލާލް ޓޫރިޒަމް ހިންގާ ރަށްތަކުގެ ލިސްޓުން ނަގައިފައި ކަމަށެވެ.

"[ހަލާލް ޓޫރިޒަމް ހިންގާ ލިސްޓުން އުނިކޮށްފައިވާތީ] އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން މިދަނީ ކުރަމުންނެވެ." އޭނާ ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެ ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށައި މި ދައުރުގައި އޮޕަރޭޝަނަށް ގެނައުން ކަމަށެވެ.

މީގެ އިތުރުން، ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްގީ ކުރުމަށް މިއަދު ބީލަމަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަންކެޑެ ހަލާލް ޓޫރިޒަމަށް ދޫކުރަން ނިންމެވުމުން، އައްޑޫގެ މަޖިލިސް މެންބަރުންނާއި އިދިކޮޅުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ހަންކެޑެ ހަލާލް ޓޫރިޒަމް ކޮންސެންޓަށް ތަރައްގީ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަންކެޑެ މަޝްރޫއު އެމްޑީޕީ ސަރުކާރުން އިއުލާނު ކުރީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ނިމުމުން، އެ ތަން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފައެވެ.

https://sun.mv/207988

އެހެން ނަމަވެސް އެ ސަރުކާރު ނިމުނު އިރު ވެސް ހަންކެޑެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއްް ނުވެއެވެ. އެއަށްފަހު މި ސަރުކާރު ފުރަތަމަ ނިންމީ ހަންކެޑެގައި ރެއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރުމަށެވެ. އެގޮތުން މަސައްކަތް ފަންޑު މެނޭޖްމަންޓް ކޯޕްރޭޝަނާ ހަވާލުކޮށް، ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ އެއްބަސްވުމެއް ވެސް ހެދިއެވެ.

އެ އެއްބަސްވުން ހަދައި މަސައްކަތުގެ ބިންގާ އެޅީ އޭޕްރިލް 16ގައި އެޅުމަށް ފަހު، ދެ މަސް ދުވަސް ފަހުން ހަލާލް ޓޫރިޒަމަށް ހަންކެޑެ ޚާއްސަކުރީއެވެ.

ހަންކެޑެއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން، އެކި މަޝްރޫއުތައް ހިންގާނެ ކަމަށް ވައުދުވި ނަމަވެސް މިހާތަނަށް ތަރައްގީ ނުކުރެވި އޮތް ރަށެކެވެ.

comment ކޮމެންޓް