2021 ގައި ނެގި ސުކޫކަށް 24.6 މިލިއަން ޑޮލަރު ދައްކައިފި

ރައީސް މުއިއްޒާއި މާލީ ވަޒީރު ޒަމީރު: 2021 ގައި ދޫކުރި ސުކޫކަށް 24 މިލިއަން ޑޮލަރު ދައްކައިފި -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރު 2025 ގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ފިނޭންސް މިނިސްޓްރީން މިއަދު ދައްކައިފިއެވެ.

މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައެވެ.

ދިވެހި ސަރުކާރުން ތާވަލާ އެއްގޮތަށް ސުކޫކު އަނބުރާ ފައިސާ ދެއްކުމަށް، އެންމެ ފަހުގެ ކޫޕަން ފައިސާ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް 2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެ ކަމަށް ފިންނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާތަނަށްވެސް ފިނޭންސް މިންސްޓްރީން ވަނީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނެގި ސޫކޫކަށް ދައްކަންޖެހޭ ކޫޕަން ޕޭމަންޓުތައް ގަވާއިދުން ދައްކާފައެވެ.

https://sun.mv/212106

ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާ އެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤުވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

https://sun.mv/211676

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ދަރަނި ބޮޑުވެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. އެގޮތުން، އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް ދީފައިވަނީ 'ޖަންކް' ރޭޓިންއެކެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އަންނަނީ ޚަރަދު ކުދަކުރަން ރާއްޖެއަށް ގޮވާލަމުންނެވެ.

އަންނަ އަހަރު ދަރަންޏަށް 1.1 ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު ސަރުކާރުން އަންނަނީ ދަރަނިތައް ދެއްކޭނެކަމުގެ ޔަގީންކަން ދެމުންނެވެ. އަދި، ހާސްވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި ދަރަނިތައް ވެސް ދައްކަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް