ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް މާދަމާ ރޭ، އިދިކޮޅު އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނަނިކޮށް މިރޭ ރައީސް ކުރެއްވި ޕޯސްޓެއްގައި މި ވަނީ، ސަރުކާރުން ދިވެހި އަމިއްލަ ވިޔަފާރިތައް ލައްވައި މަސައްކަތްކުރުވައި ނުދީ ހުރި ފައިސާ ލިބޭނެ އާ ތާރީޚެއް އިއުލާން ކުރައްވައިފައެވެ.
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދީ އެބައޮތެވެ. މި އަހަރުގެ ޖަނަވަރީ ހަތްވަނަ ދުވަހު ގދ. ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް އިއުލާނުކުރެއްވި ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން, ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭރު ވަނީ ދޫކުރަން ފަށައިފިއެވެ. އަދި އެ މައްސަލަ މި އަހަރުގެ ރޯދަ މަހުގެ ކުރިން ހައްލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އަދިވެސް އެކަން ހައްލު ނުވެއެވެ.
ރައީސް މިރޭ ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް އެބަހުރި ކަމަށެވެ.
އެގޮތުން ސަރުކާރަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުށަހަޅައިފައިވާ ހުރިހާ ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފުތާ ތެރޭ ދައްކާ ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އިގްތިޞާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށެވެ.
"ދިވެހި އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް،" ރައީސް ވިދާޅުވިއެވެ.
ރޭ އޮތް ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިހާރު އިގްތިޞާދު ހިނގަމުން އަންނަނީ ރަނގަޅު މަގުގައި، ރަނގަޅު ދުވެލީގައި ކަމަށް ވިދާޅުވެފައެވެ.
އަދި މަޝްރޫއުތައް ވެސް ހިންގަވާނެކަމަށާއި، އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނިތައް ވެސް އަދައިކުރެވޭނެ ގާބިލްކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދަމުން އަޅުގަނޑުމެން ދާނީ ބޭރުގެ ދަރަނި ދައްކަމުން ރައްޔިތުންގެ އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން. އަދި އިރާދަކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ވަނީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެފައެވެ. އެގޮތުން، މި އަހަރު ވެސް 500 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.
މިހެން އޮތްއިރު އަމިއްލަ ވިޔަފާރިތައް ލައްވައި، ސަރުކާރުން މަސައްކަތްކުރުވުމަށްފަހު އެ ކަންކަމަށް ފައިސާ ނުލިބުމުން ވަރަށް ގިނަ ވިޔަފާރިވެރިންގެ ކަންބޮޑުވުމާއި ނުރުހުން މީގެ ކުރިން ވެސް ވަނީ ފާޅުކޮށްފައެވެ. އަދި ވިޔަފާރިތައް ހިންގަން ދަތިވެ، ހުއްޓަންޖެހުމުގެ ބިރު ވެސް އޮތް ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.