ޔާމީންގެ ބޮޑު ތުހުމަތެއް: ރައީސް މުއިއްޒާއި ޞާލިޙާއި އާޒިމް ތިއްބެވީ ގުޅިފައި

މޭޔަރު އާޒިމާއި ރައީސް މުއިއްޒު އަދި ކުރީގެ ރައީސް ޞާލިޙް: ތިން ބޭފުޅުން ތިއްބެވީ ގުޅިފައި ކަމަށް ޔާމީން ތުހުމަތުކުރެއްވި ---

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި މާލޭގެ މޭޔަރަކަށް ހުންނެވި އާދަމް އާޒިމާ ތިން ބޭފުޅުން ތިއްބެވީ ގުޅިފައި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ބޮޑު ތުހުމަތުތަކެއް އަމާޒުކުރައްވައިފިއެވެ.

ސިޓީ ކައުންސިލްގައި ކޮށްފައި ހުރި ކަންކަމާއި މިދިޔަ ސަރުކާރުގެ ގިނަ ކަންކަން ނުބަލާ ކަމަށް ވިދާޅުވެ، ޔާމީން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުންނެވެ.

ޔާމީންގެ ޕާޓީ ޕީއެންއެފުން ސިލްސިލާ ގޮތެއްގައި ބާއްވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ކައުންސިލްގެ ތެރެއިން ހިންގާފައި ހުރި ކަންކަން ބަލާލަން މިހާރު ހުންނެވި މޭޔަރު އާޒިމަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، އެ ތަނުގެ އޮޑިޓެއް ނުހެދިގެން އުޅެނީ ކީއްވެތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭގެ ތެރެއިން ބައެއް ކަންކަން ކައުންސިލުން ބެލި ނަމަވެސް، އޮޑިޓެއް ނުކުރާ ކަމަށް ވިދާޅުވެ، ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި، އާޒިމަށް ފާޑުވިދާޅުވިއެވެ.

https://sun.mv/211793

"ކީއްވެގެންހޭ ތި ތަނުގެ ފައިނޭންޝަލް އޮޑިޓެއް ނުހަދާ ތި އުޅެނީ؟ އެއްވެސް އޮޑިޓެއް ނެތޭ ހަދާފައެއް. ކީއްވެގެންތޯ އާދަމް އާޒިމް މި ކަންތައް ކައުންސިލާ ހަމައަށް ގެންދަންވީ؟ އޭގެ ކުރިން މި ތަން އޮޑިޓް ނޫންތޯ ކުރަންވީ؟" އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އެއްވެސް ކަމެއް ނުކޮށް، މިކަން ހަމަ މިގޮތަށް ރާވައިގެން ކުރާނެކަން އެނގޭތީ، މީނާ [އާޒިމް] މިކަން ކުރީ. އަދި ރަނގަޅަށްވިއްޔާ މުއިއްޒާ [މައްސަލައިގައި] ވާހަކަދައްކާފައި އޮންނާނީ،"

ޔާމީން ވިދާޅުވީ، ބައެއް މައްސަލަތަކުން ރެކެން މީހުން ކަންކުރާ ގޮތުން ވެސް އެ މީހުންގެ މައްޗަށް ރައްޔިތުންގެ ދަރުބާރުގައި ކުށް ސާބިތުވާ ކަމަށެވެ. އެ ގޮތުން، ސިޓީ ކައުންސިލްގައި ހުރި މައްސަލަތަކަށް ޖަވާބުދެއްވުމުގެ ބަދަލުގައި، ކައުންސިލްގައި ތިއްބެވި މެންބަރުން ކޯރަމް ހަމަނުކުރާތީ އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވަނީ ރައީސަށް ތުހުމަތުތަކެއް އަމާޒުކުރައްވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"ހަމަ މުޅިން ވެސް މި އުޅެނީ ކާ އެއްޗެހި އެއް ގޮހޮރަކަށް ވަންނަ މީހުން،" އެ ހުރިހާ ބޭފުޅުން ތިއްބެވީ ގުޅިފައި ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ޔާމީން ވަނީ ކުރީގެ ރައީސް ޞާލިޙާ ސީދާ ގުޅުންހުރި މައްސަލަތައް ރައީސް މުއިއްޒު ވެސް ނުބައްލަވާނެ ކަމަށް ތުހުމަތުކުރައްވާފައެވެ. އެއީ، ދެ ބޭފުޅުންނަށް ވެސް ދެ ބޭފުޅުންގެ މައްސަލަ ވެސް ހުރިކަން އެނގިވަޑައިގެން ތިއްބަވައިގެން، ގުޅިގެން ކުރައްވާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވައި ޔާމީން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އެހެންވެ، އެ މަނިކުފާނު ވިދާޅުވީ ޕާޓީ ޕޮލިޓިކްސްގެ ތެރެއިން އާޒިމްގެ މައްޗަށް "އަމުރު ހިންގަން" ހުންނެވީ ޞާލިޙް ކަމަށާއި އެހެންވެ ވެސް އެ ކަންކަން ބަލަން ނުކެރޭނެ ކަމަށެވެ.

"އެކަކު އަނެކަކަށް މައްސަލަތައް ހުރިކަން އެނގޭ. އެކަމަކު، އެކަކު އަނެކަކުގެ ބުރަކަށި ކަހާލަދީ ތިބެނީ ދެއްތޯ؟" އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.

https://sun.mv/211926

އެހެންވެ، އެ ބޭފުޅުން ތިއްބެވީ ވަރަށް ބޮޑަށް ގުޅިފައި ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އަދި، މޭޔަރު އާޒިމްގެ ބޭބެ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)އާއި ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމާ ގުޅުވައި ވެސް އެ މަނިކުފާނު ވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިޓީ ކައުންސިލުން މި ފަހުން ވަނީ އެ ކައުންސިލްގައި ހުރި ބޮޑެތި މައްސަލަތަކެއް ބަލަން ފަށާފައެވެ. އެ ގޮތުން، މަސް މާރުކޭޓު ހަދަން ހަވާލުކުރި މަޝްރޫއުގެ އަގު ބޮޑުކުރުމާއި، ކައުންސިލްގެ ގިނަ ލިޔެކިޔުންތަކެއް ފެންނަން ނެތްކަމުގެ ކަންބޮޑުވުން ވެސް މޭޔަރު އާޒިމް މީގެ ކުރިން ފާހަގަކުރައްވާފައިވެއެވެ. އެކަމަކު، މާރުކޭޓު މައްސަލަ ބަލަން އެޖެންޑާކުރި ތިން ޖަލްސާއަށް ޕީއެންސީގެ ބައެއް މެންބަރުން ހާޒިރު ނުވުމުން ކޯރަމް ހަމައެއްނުވިއެވެ.

ސިލްސިލާ ޖަލްސާތަކުގައި ޔާމީން ގެންދަވަނީ މި ސަރުކާރާއި އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މި ސަރުކާރުން އަންނަނީ މިދިޔަ ދައުރުގައި ހިނގާފައި ހުރި ބައެއް މައްސަލަތައް ބަލަމުންނެވެ. އެފަދަ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ފެނަކައިގައި އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި، ފެނަކައާ ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ވެސް ސަރުކާރުން އަންނަނީ މިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމަކު، ޔާމީން ވަނީ އެ ކަންކަމަކީ މި ފަހުން ލީކްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޗެޓްލޮގްތަކުގެ މައްސަލަ 'އޮއްބާލަން'ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

comment ކޮމެންޓް