ޓޯނީ ބްލޭއާ އަކީ ފަލަސްތީނުން މަރުހަބާ ކިޔާނެ މީހެއް ނޫން: ހަމާސް

އިނިގޜޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާ. ފޮޓޯ/ޓީއާރްޓީވޯލްޑް

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާ އަކީ ފަލަސްތީނުން މަރުހަބާ ކިޔާނެ މީހެއް ނޫން ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސް މެމްބަރު ހުސާމް ބަދުރާން އެ ގޮތަށް ވިދާޅުވީ، ހަނގުރާމަ ނިމުމުން ޣައްޒާ ޣައްޒާގެ ވަގުތީ ވެރިކަމެއްގެ އިސްވެރިއަކަށް ބްލޭއާ އައްޔަން ކުރުމުގެ ޕްލޭނެއް އެމެރިކާއިން އެކުލަވާލާފައިވާ ކަމަށް އަރަބި ސިޔާސީ މަސްދަރަކާ ހަވާލާދީ އިސްރާއީލުގެ ހާރެޓްސް ޑެއިލީ ނޫހުން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.

ބަދުރާން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ގުޅޭ އެއްވެސް ޕްލޭނެއްގައި ބްލޭއާ ބައިވެރިކުރުވުމަކީ ނުބައި ނިޝާނެއް ކަމަށާއި، އޭނާ އަކީ ކޮށްފައިވާ ކުށްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކޯޓުތަކަށް ހާޒިރުވާން ޖެހޭ މީހެއް ކަމަށެވެ. ޚާއްސަކޮށް 2003 ވަނަ އަހަރުން 2011 ވަނަ އަހަރާ ހަމައަށް އިރާގުގައި ކުރި ހަނގުރާމައިގައި ބްލޭއާ ނުބައި ދައުރެއް އަދާކޮށްފައިވާ ކަމަށް ބަދުރާން ވިދާޅުވިއެވެ.

ބަދުރާން ފާހަގަކުރެއްވި ގޮތުގައި ޣައްޒާ ނުވަތަ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ކަންކަން ބެލެހެއްޓުމަކީ ގައުމީ އިއްތިފާގުން ނިންމަން ޖެހޭ އެތެރޭގެ ކަމެކެވެ. އަދި އެއްވެސް ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ފަރާތަކަށް ލާޒިމުކުރާ ކަމެއް ނޫނެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހަމާސްގެ ލީޑަޝިޕުން ވަނީ އެ ޖަމާއަތުން އެކަނި ޣައްޒާގެ ވެރިކަން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެތެރޭގެ ނިންމުމެއް ނިންމާފައެވެ.

އިސްރާއީލުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި މަރުވި މީހުންގެ އާއިލާތަކުން ހިތާމަފާޅު ކުރަނީ. ފޮޓޯ/ރޮއިޓާސް

މީގެއިތުރުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ބަދުރާން ވިދާޅުވީ މެދުވެރިންގެ އެއްވެސް ހުށަހެޅުމެއް ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ.

އަދި މިހާތަނަށް ދައުރުވަމުންދާ ހުރިހާ ކަމެއް އަންނަނީ ހަމައެކަނި މީޑިއާ މެދުވެރިކޮށް ކަމަށް ބަދުރާން ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ހަމާސްއިން ނެރުނު ވަކި ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ގަތަރުގެ ދޯހާގައި އިސްރާއީލުން ހަމާސްގެ ލީޑަރުން އަވަހާރަކޮށްލުމަށް ކުރި ނާކާމިޔާބު މަސައްކަތަށް ފަހު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ހަމާސްއިން އެގޮތަށް ބުނީ ނިއު ޔޯކުގައި ބޭއްވި 80 ވަނަ އދ ގެ އާންމު މަޖިލީހުގައި ހާވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަރަބި އަދި މުސްލިމް ލީޑަރުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ 21 ޕޮއިންޓެއް ހިމެނޭ ޕްލޭނެއް ހުށަހަޅުއްވާފައިވަނިކޮށެވެ.

ހަމާސްގެ ބެލުމުގެ ދަށުގައިތިބި އަސީރުން ދޫކޮށްލުމަށާއި، ހަނގުރާމަ ހުއްޓާލުމަށް މެދުވެރިން ހުށަހެޅި ހުށަހެޅުމަކަށް އޮގަސްޓް 18 ވަނަ ދުވަހު ހަމާސްއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެ އެއްބަސްވުމާ ގުޅިގެން އިސްރާއީލުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

comment ކޮމެންޓް