ހިތުގެ ދުޅަހެޔޮކަމަށް މި ކަންކަން ދޫކޮށްލާ!

ހިތަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ އެ ގުނަވަނަށް ޚާއްސަ މަސްތަކަކުން އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ.

ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔަކީ ހިތުގެ ބަލިކަމަށް ދިރާސާތަކުން ދައްކާއިރު ހިތުގެ ބަލީގައި ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހާޓް ފެޑެރޭޝަންއިން ލަފާކުރެއެވެ.

ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ނުވަތަ އެފަދަ ބަލިތަކުން ރައްކާތެރިކަން ލިބިގަތުމަށް ސަމާލުކަން ދެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

ގިނަ ފަހަރަށް ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިކުރުވަނީ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ކަމަށް ހާވާޑް މެޑިކަލް ސްކޫލްގެ ފަރާތުން 2019ގައި ޝާއިއުކުރި ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ.

ދުޅަހެޔޮ ހިތަކަށް އެދޭނަމަ ކެއުމުގެ ވަށްޓަފާޅިއަށް ބަދަލުތަކެއް ގެނެސް ދިރިއުޅުމުގެ އާދަތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

އެފަދަ ނުރަނގަޅު އާދަތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ހަށިގަނޑުގެ ކޮލެސްޓްރޯލް މަތިވެ، ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ހިތުގެ ބަލިތަކުން ރައްކާތެރިކަން ހޯދުމަށް ބައެއް މީހުން ކަސްރަތު ކުރާ ގޮތާއި ކެއިން ބުއިމަށް ބަދަލުތައް ގެނައި ނަމަވެސް އެ ބަދަލުތައް ދިރިއުޅުމަށް ގެނައުމަކީ އަނެއް ބަޔަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

ހާވާޑް މެޑިކަލް ސްކޫލުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކެއުން ބުއިމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތަކާ އެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުމުގެ ބަދަލުގައި އެ ބަދަލުތައް މަޑުމަޑުން ދިރިއުޅުމަށް ގެނެވިދާނެއެވެ.

އޭގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް 10 މިނެޓަށް ހިނގާލުން، އެހާ ބަރު ނޫން އެއްޗެއް އުފުލުމުގެ ކަސްރަތެއް ކޮށްލުން، އަދި ކޮންމެ ދުވަހަކު ވެސް މޭވާއާއި ތަރުކާރީ ކެއުމުގައި ހިމަނާލާ މިންވަރު އެހެން ދުވަސްވަރަށް ވުރެ އިތުރުކޮށްލުން ހެނދުނުގެ ނާސްތާގައި މޭވާ، ނުވަ ހޯލް ގްރެއިންސް ނޫންނަމަ އޯޓް މީލް ހިމަނާލުން ހިމެނެއެވެ.

ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން ލަފާ ދެއްވާ--ފޮޓޯ/ޕިންޓްރެސްޓް

މީގެ އިތުރުން ވެސް ހަކުރުގެ މާއްދާ އެކުލެވޭ ކެއުންތަކާއި ބުއިންތަކުން ދުރުހެލިވުން، ބަދަނުގެ ބާވަތެއް ކޮންމެ ދުވަހަކުވެސް ކެއުން، ފަރުމަހުގެ ބާވަތްތައް ކެއުމުގައި ހިމަނާލުން އަދި ފުންކޮށް ނޭވާލުމުގެ ކަސްރަތު ކޮންމެ ދުވަހަކު ވެސް ކުރުން ހިމެނެއެވެ.

އެމެރިކާގެ ސްޕްރިންގްފީލްޑް ސިޓީގެ ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އުޒޮޗުކްވޫ އީބީ ހިތުގެ ދުޅަހެޔޮކަމާ ގުޅިގެން ނެރުނު ރިޕޯޓެއްގައި ފާހަގަކުރެއްވި ގޮތުގައި ދުޅަހެޔޮ ހިތަކަށް އެންމެ މުހިއްމު އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ ދޫކޮށްލުމެވެ.

ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުރިއިރު ދުންފަތުގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލުމަކީ އެކަމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަންތައް ކަމަށް ޑރ. އުޒޮޗުކްވޫ އީބީ ވަނީ ވިދާޅުވެފައެވެ.

ޑރ. އުޒޮޗުކްވޫ އީބީ ފާހަގަކުރެއްވި ގޮތުގައި ހިތުގެ ދުޅަހެޔޮކަމަށް އަމިއްލަ މީހާގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުން ވެސް ވަރަށް މުހިއްމެވެ. އެގޮތުން، އަމިއްލަ ނަފުސަށް އުފާވެރިކަން ގެނެސްދޭ ކަހަލަ ކަމެއް ކޮށްލުމާއި ސިކުނޑިއަށް ނުތަނަވަސްކަން ގެނެސްދޭ ކަންކަމާ ދުރުހެލިވުން ހިމެނެއެވެ.

ހިތުގެ ބަލިން ރައްކާތެރިކަން ހޯދުމަށް ލޭގެ ޕްރެޝަރު އަދި ކޮލެސްޓްރޯލް ޓެސްޓުތައް ގަވައިދުން ހަދައި މޮނިޓަކޮށް ޑޮކްޓަރަށް ދެއްކުމުގެ އާދަ ހަރުލެވުމަކީ ވެސް ސަމާލުކަން ދެވިދާނެ މުހިއްމު ކަމެއް ކަމަށް ޑރ. އުޒޮޗުކްވޫ އީބީ ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް