ސެޓާން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް)ގެ ޓިކެޓް ބުކިންއަށް ހުޅުވާލައިފިއެވެ.
މި ނޮވެންބަރު މަހުގެ ފަސްވަނަ ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމް އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 19ގެ ނިޔަލަށެވެ. އެގޮތުން، މިހާރު މި ފިލްމްގެ ފަސް ޝޯއެއްގެ ޓިކެޓް ބުކިންއަށް ހުޅުވާލާފައިވާއިރު، 7743399 އަށް ވައިބާ މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.
މި ފިލްގެ ޓްރެއިލާއާއި ޕޯސްޓަރު ލޯންޗްކޮށްފައިވާއިރު، ފިލްމްގެ ޕޯސްޓަރުން އެކަނި ވެސް ފިލްމްގެ މަޖާކަން ފެނެއެވެ. ފިލްމްގެ ޓްރެއިލާއިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފައެވެ.
"ކޮސް ގިނަ މިސްޓޭކް" ވާނީ މި އަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖުތިމާޢީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އަންނައިރު، މި ފިލްމްގެ އިންތިޒާރުގައި މިހާރު ވެސް ގިނަ ބެލުންތެރިން ތިބިކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީއާއި ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށް ފަހު މި ފިލްމް ވެސް ވާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ވަރުގެ ފިލްމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕޮރޮޑިއުސަރު އިސްމާއިލް ޝަފީޤު ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި ފިލްމް އުފައްދާ ސެޓާން ސްޓޫޑިއޯއަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް "ކަމަނާ"އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް "ކަނބުލޮ" ފަދަ ފިލްމް އުފައްދާ، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިން ވެސް ފިލްމްތަކެއް ވަނީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޢަލީ ސީޒަންއެވެ. މި ފިލްމް ޝޫޓްކޮށްފައިވަނީ މި އަހަރު ކުރީކޮޅު މ. މުލަކުގައެވެ.
މި ފިލްމަކީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެންނާނެ އެއް ފިލްމެވެ. އެގޮތުން، ފިލްމުގެ ހުރިހާ ތަރިންގެ ރޯލު ވެސް އެއްވަރަކަށް ފެނިގެންދާއިރު ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރްޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭއާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.
މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއްނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި)އެވެ. އަދި، ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަންއާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަނުންނެވެ.
މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމްގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދު ޣަނީ (ތޭރަ)، މަރްޔަމް އަޝްފާއާއި ޖަލާލްގެ އިތުރުން ފުބޫއެވެ.
އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދެވެ.