ޑޮކްޓަރުން އަތު ލިޔުމުން ލިޔެދޭ ބޭސް ސިޓީގައި ހުންނަ ލިޔުންތައް ހަމަ އެކަނި ބޭސް ފިހާރަތަކުގައި މަސައްކަތްކުރާ ފާމަސިސްޓުންނަށް ކިޔަން އެނގުމަކީ އިންޑިއާގެ އިތުރުން ވަރަށް ގިނަ ޤައުމުތަކުގައި އާއްމުކަމެކެވެ.
ނަމަވެސް ދާދިފަހުން އިންޑިއާގެ ޕަންޖާބުގެ ހަރިޔާނާ ހައިކޯޓަކުން ވަނީ 'ލެޖިބަލް މެޑިކަލް ޕްރިސްކްރިޕްޝަނަކީ އަސާސީ ހައްގެއް' ކަމަށް ބުނެ ޑޮކްޓަރުންނަށް ނިސްބަތްކޮށް ކޯޓު އަމުރެއް ނެރެފައެވެ.
ޑޮކްޓަރުންގެ އަތުލިޔުމާ ގުޅޭގޮތުން ނެރުނު މި އަމުރު އައީ އެފަދަ ލިޔުންތަކާ އެއްވެސް ގުޅުމެއް ނެތް ރޭޕް މައްސަލައަކާ ގުޅިގެން ކުރިއަށްދިޔަ ކޯޓު ކޭސްއެއްގައެވެ.
ހަރިޔާނާއަށް ނިސްބަތްވާ އަންހެނަކު ކޯޓަށް ހުށަހެޅި ރޭޕްގެ މައްސަލައެއްގައި ބުނެފައި ވަނީ ސަރުކާރު ވަޒީފާއެއް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އޭނާގެ އަތުން ފިރިހެނަކު ފައިސާ އަތުލާފައިވާ ކަމަށެވެ.

ޑޮކްޓަރަކު ބަލި މީހަކަށް ލިޔެދީފައިވާ ބޭސް ސިޓީއެއް--ފޮޓޯ/ފޭސްބުކް
ހަމައެއާއެކު ސްކޭމް އިންޓަވިއުތަކެއް ކުރިއަށް ގެންގޮސް ޖިންސީ ގޮތުން އޭނާއަށް އެ މީހާގެ ފަރާތުން ފުރައްސާރަކޮށްފައިވާ ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.
އެ މައްސަލައިގެ ތަހުގީގުތަކުގައި އަންހެން މީހާގެ ފަރާތުން ކޯޓަށް ހުށަހެޅި މެޑިކަލް ރިޕޯޓުތަކުގައި އިންޑިއާގެ ސަރުކާރު ހޮސްޕިޓަލަކަށް ނިސްބަތްވާ ޑޮކްޓަރަކު އޭނާގެ ޓެސްޓުތައް ހެދި ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް ރިޕޯޓުގައި އެ ޑޮކްޓަރު ލިޔެފައިވާ ލިޔުމަކީ ކޯޓުގެ އިސް ފަނޑިޔާރަށް ވެސް ކިޔަން ދަތިވާ ވަރަށް ލިޔެފައިވާ ލިޔުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމައެއާއެކު މެޑިކަލް ރިޕޯޓުތަކާ އެކު ޑޮކްޓަރުގެ އަތުން ލިޔެފައިވާ ބޭސް ސިޓީގައި ވެސް ހުރި އެއްވެސް ލިޔުމަކީ އެ ބަލާލާ މީހަކަށް އެއްޗެއް ދޭހަވާ ގޮތަކަށް ލިޔެފައިވާ ބޭސް ސިޓީއެއް ނޫން ކަމަށް ހައި ކޯޓާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ޖަސްޓިސް ޕޫރީ ވިދާޅުވިގޮތުގައި ޓެކްނޮލޮޖީ ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި ކޮމްޕިއުޓަރުގެ ވަސީލަތް ވެސް ފަސޭހަކަމާ އެކު ލިބެންހުރިއިރު ސަރުކާރު ހޮސްޕިޓަލެއްގެ ޑޮކްޓަރުން ބޭސް ސިޓީ އަތުން ލިޔަމުން އަންނަ ކަމީ ހައިރާންވާކަމެއް ކަމަށެވެ.
އެފަދަ ލިޔުންތައް ކިޔުމުގެ ގާބިލްކަން ލިބިފައި ވަނީ ހަމައެކަނި ފާމަސިސްޓުންނަށް ކަމަށް ވެސް އިސް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.
ހަރިޔާނާގެ ހައިކޯޓުން ވަނީ އިންޑިއާގެ މެޑިކަލް ސްކޫލްތަކުގެ ކަރިކިއުލަމްގައި އަތުލިޔުން ރީތިކުރުމަށް ހާއްސަ ފިލާވަޅުތަކެއް ހިމަނައި ޑިޖިޓަލައިޒްކޮށްފައިވާ ޕްރިސްކްރިޕްޝަންތައް ތައާރަފް ކުރުމަށް ދެ އަހަރުގެ މުއްދަތެއް ކަނޑައެޅުމަށް ވެސް އަންގާފައެވެ.
އެކަން އެގޮތަށް ކުރެވެންދެން ހުރިހާ ޑޮކްޓަރުން ވެސް ޕްރިސްކްރިޕްޝަންތައް ކެޕިޓަލް އަކުރުތަކުން ސާފުކޮށް ލިޔުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިންޑިއާގެ އިންޑިއަން މެޑިކަލް އެސޯސިއޭޝަންގައި 330،000އަށް ވުރެ ގިނަ ޑޮކްޓަރުން މެމްބަރުންގެ ގޮތުގައި ތިބިއިރު މި މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ޑޮކްޓަރުންނަށް ދޭނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ޑރ. ދިލިޕް ބަނޫޝާލީ ވަނީ ވިދާޅުވެފައެވެ.
ޑރ. ދިލިޕް ބަނޫޝާލީ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ ޑޮކްޓަރުންގެ އަތުލިޔުމުގެ ފެންވަރު ދަށް ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރު ހޮސްޕިޓަލުތަކަށް ޑޮކްޓަރަށް ދައްކަންދާ ބަލިމީހުންގެ އަދަދު އިތުރުވުން ކަމަށެވެ.