ޗައިނާގެ ކުރީގެ އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާޒް މިނިސްޓަރު ތަންގް ރެންޖިއެން 38 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގި ކަމަށް ސާބިތުވުމުން، އޭނާއަށް މިއަދު މަރުގެ ހުކުމް އިއްވައިފިއެވެ.
ކޮރަޕްޝަނުގެ އަމަލުތަކަށް ހަރުކަށި އަދަބުތައް ދޭ ޗައިނާގައި، ރެންޖިއެން އެގްރިކަލްޗާ މިނިސްޓަރުކަން ކުރެއްވީ ޑިސެންބަރު 2020އިން ސެޕްޓެންބަރު 13، 2024ގެ ނިޔަލަށެވެ. އޭގެ ކުރިން 2017އިން ޑިސެންބަރު 2020އަށް އޭނާ ވަނީ ގަންސޫ ޕްރޮވިންސުގެ ގަވަރުނަރުކަން ކުރައްވައިފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދަށު ކޯޓެއްގައި ރެންޖިއެންގެ މައްޗަށް ސާބިތުވީ 2007އާއި 2024އާ ދެމެދު އޭނާ އަދާކުރެއްވި އެކި މަގާމުތަކުގެ ހައިސިއްޔަތު ބޭނުންކުރައްވައިގެން ރިޝްވަތު ނެންގެވި ކަމަށެވެ. އެގޮތުން ފައިސާއާއި މުދާ ގަބޫލުކުރެއްވިއިރު އެ ތަކެތީގެ އަގު 268 މިލިއަން ޔުއާން (37.6 މިލިއަން ޑޮލަރު، 575 މިލިއަން ރުފިޔާ)އަށް އަރާ ކަމަށް އެ ނޫހުގައިވެއެވެ.
އެ މައްސަލައިގައި 63 އަހަރުގެ ރެންޖިއެންއަށް ކުރީ މަރުގެ ހުކުމް ނަމަވެސް، އެ ހުކުމް ތަންފީޒު ކުރުން ވަނީ ދެ އަހަރަށް ފަސްކޮށްފައެވެ. އަދި އެ ދެ އަހަރު ތެރޭ އޭނާ ކުށެއް ނުކުރާނަމަ، އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އެ ފުރުސަތު އޭނާއަށް ދިނީ އޭނާ ކުށަށް އިއުތިރާފުވުމާ ގުޅިގެންނެވެ.
ޗައިނާގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ އިދާރާއިން ރެންޖިއެންގެ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 18އިގައެވެ. އެއަށްފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ މިނިސްޓަރުކަމުން ވަކިކުރިއެވެ. އަދި ނޮވެންބަރު މަހު އޭނާ، ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ވަކިކޮށްފައިވާއިރު ޖެހިގެން އައި ޑިސެންބަރު މަހުގެ 10ގައި އޭނާ ހައްޔަރުކުރިއެވެ.
މިދިޔަ ޖަނަވަރީ މަހު ޗައިނާގެ ރައިސް ޝީ ޖިންޕިން ވަނީ ކޮމިއުނިސްޓް ޕާޓީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޮރަޕްޝަން ކަމަށާއި އެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޗައިނާގެ އިސް އޮފިޝަލުންތަކެއްގެ ކޮރަޕްޝަނުގެ މައްސަލަތަކެއް މިފަހުން ވެސް ބަލައިފައިވެއެވެ. އެގޮތުން މާޗް 12، 2023އިން އެ އަހަރުގެ އޮކްޓޫބަރު މަހުގެ 24އަށް ޑިފެންސް މިނިސްޓަރުކަން ކުރެއްވި ލީ ޝަންގްފޫގެ މައްސަލައެއް ބަލައިފައިވެއެވެ. އެޔަރޯސްޕޭސް އިންޖިނިއަރެއް ކަމަށްވާ ލީ އެ ގައުމުގެ ސެޓެލައިޓް ލޯންޗު ސެންޓަރުގައި 31 އަހަރު ޚިދުމަތް ކުރެއްވިއެވެ.
އެހެންނަމަވެސް، އޮގަސްޓު 2023އިން ފެށިގެން ލީ 'ގެއްލުނެވެ'. އެއަށްފަހު އޮކްޓޫބަރު މަހު އޭނާ މަގާމުން ދުރުކޮށްފައިވާކަން ސަރުކާރުން އިއުލާންކުރިއެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ކޮމިއުނިސްޓް ޕާޓީން ވަކިކޮށްފައިވާއިރު، އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށް އެ މައްސަލަތައް ދަނީ ބަލަމުންނެވެ. ލީގެ މައްޗަށް ވެސް ކުރީ ރިޝްވަތާ ގުޅުންހުރި ދައުވާތަކެކެވެ.