ދުނިޔޭގައި މިހާތަނަށް ހެދި އެންމެ އުސް ބްރިޖް ޓްރެފިކަށް ހުޅުވާލައިފިއެވެ.
ޗައިނާގެ ދެކުނުގައި އޮންނަ ގުއިޒޯ ޕްރޮވިންސްގެ ކޯރުތަކާއި ފަރުބަދަތަކުގެ ތެރެއިން ހަނި ވާދީތައް ހުރަސްކޮށް ހެދި އެ ބްރިޖަކީ ކޯރުގެ 625 މީޓަރު މަތީގައި އޮންނަ ހުއާޖިއަން ގްރޭންޑް ކެނިއަން ބްރިޖެވެ. މި ބްރިޖް ހަދާ ނިންމަށް ތިން އަހަރު ހޭދަވިއެވެ.
މި ބްރިޖާ އެކު ހަމަ އެ ޕްރޮވިންސްގައި ކުރިން، އެންމެ އުސް ބްރިޖްގެ ގޮތުގައި އޮތް ބެއިޕަންޖިއަންގް ބްރިޖްގެ ރެކޯޑް ވަނީ ގެއްލިފައެވެ. އެ ބްރިޖަކީ 565 މީޓަރު އުހުގައި އޮންނަ ބްރިޖެކެވެ.
"ހުއާޖިއަން ގްރޭންޑް ކެނިއަން ބްރިޖް ހުޅުވުމުން ދެފަރާތުގެ މެދުގައި ދަތުރުކުރާ ވަގުތު ދެ ގަޑިއިރުން ދެ މިނެޓަށް ކުޑަވެގެން ދާނެ," ޕްރޮވިންޝަލް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ވެރިޔާ ޒާންގް އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
ބްރިޖް ހުޅުވުމުން ސަރަހައްދީ ދަތުރުފަތުރުގެ ހާލަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ސަރަހައްދީ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ވެސް ޒާންގް ވިދާޅުވިއެވެ.
ޗައިނާގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އަންނައިރު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ގައުމުން އަންނަނީ ކުރަމުންނެވެ.
ފަރުބަދަމަތީ ޕްރޮވިންސެއް ކަމަށްވާ ގުއިޒޯގައި ދުނިޔޭގެ އެންމެ އުސް ދެ ބްރިޖް އޮންނައިރު، އެ ސަރަހައްދުގައި އެތައް ހާސް ބްރިޖެއް ވަނީ ހަދާފައެވެ.
ދުނިޔޭގެ އެންމެ އުސް 100 ބްރިޖުގެ ތެރެއިން ދެބައިކުޅަ އެއްބައި ބްރިޖް ހުންނަނީ އެ ޕްރޮވިންސްގައި ކަމަށް ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންހުއާ އިން ބުންޏެވެ.