ދިވެހިރާއްޖޭގެ ދަރަނި ދެއްކުން ލުއިކޮށްދޭން ޗައިނާއާ އެކު ކުރަމުން އައި މަޝްވަރާތަކުން އެ ކަންކަން އެއްކޮށް މިހާރު ފައިނަލްވެފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ އިއްޔެ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، މާލީ ގޮންޖެހުންތައް ވަނީ ބޮޑުވެފައެވެ.
ޗައިނާގެ 76 ވަނަ ގައުމީ ދުވަހާ ގުޅިގެން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖޭން އެ ގައުމަށް ދައްކަންޖެހޭ ދަރަނި ލުއިކޮށްދިނުމާ ގުޅޭ ގޮތުން ދެ ގައުމުން ކުރަމުން އައި މަޝްވަރާތައް މިހާރު މުޅިން ފައިނަލްވެފައިވާ ކަމަށެވެ.
އެކަމަކު، އެ ކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ސަފީރު ހިއްސާކުރައްވާފައެއް ނުވެއެވެ.
"އުފަލާ އެކު އަޅުގަނޑު އިއުލާނުކުރަން، ދަރަނި ލުއިކޮށްދިނުމާ ގުޅޭ ގޮތުން ދެ ފަރާތުން ކުރަމުން އައި މަޝްވަރާތައް މިހާރު ވަނީ އެއްކޮށް ފައިނަލްކުރެވިފައި،" ސަފީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއީ ހަމައެކަނި ޗައިނާގެ ސަރުކާރުން ރާއްޖޭގެ މާލީ ހަމަޖެހުމަށް ދޭ އިސްކަމުގެ އިތުރުން ދިވެހި ސަރުކާރުން އަޅާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަށް ކުރާ އިތުބާރު ވެސް ދައްކުވައިދޭ ކަމެއް ކަމަށެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން، މިހާރު ވެސް މި ސަރުކާރުގެ މުހިންމު ތިން މަޝްރޫއެއް ހިންގަނީ ޗައިނާގެ އެހީގައެވެ. އެއީ، 50 ކައުންސިލް އިމާރާތުގެ މަޝްރޫއާއި ވިލިމާލޭގައި ތަރައްގީކުރާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ އިތުރުން މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ.
ރާއްޖޭގެ ދަރަނި ލުއިކޮށްދިނުމުގެ މަޝްވަރާތައް ފައިނަލްކުރެވިފައިވާ ކަމަށް ސަފީރު ވިދާޅުވިއިރު، ރާއްޖެއަށް ވަނީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެފައެވެ. އެގޮތުން، މި އަހަރު ވެސް 500 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.
އޭގެ ތެރެއިން ރާއްޖެއިން ޗައިނާއަށް ދައްކަން އޮތީ ސީދާ ކިހާ ވަރެއްކަން އަދި ޔަގީނެއް ނުވެއެވެ.
ޗައިނާގެ އެހީގައި މީގެ ކުރިން ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވެއެވެ. އެގޮތުން، މާލެއާއި ހުޅުމާލެ ގުޅުވައިލީ ތާރީޚީ ބުރިޖަކީ ޗައިނާގެ ސަރުކާރުގެ އެހީގައި ތަރައްގީކުރި ބުރިޖެކެވެ.
ދަރަނި ބޮޑުވުމާ ގުޅިގެން ޚަރަދު ކުޑަކުރަން ބޭރުގެ މާލީ އިދާރާތަކުން މެދުނުކެނޑި ގޮވާލާއިރު، ސަރުކާރުން އަންނަނީ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދެމުންނެވެ. އަދި، މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލު ގެނެސް، ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ޚަރަދު ކުޑަކުރެވޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.