ބައިނަލްއަގުވާމީ މައިދާނުގައި ހަމަހަމަކަމަށް އަޑުއުފުލުމުގައި ޗައިނާއަކީ ރާއްޖޭގެ ސާބިތު ބައިވެރިއެއް: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާއަކީ ރާއްޖޭގެ ސާބިތު ބައިވެރިއެއް ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަގުވާމީ މައިދާނުގައި ދެމެހެއްޓެނިވި ކަމާއި ހަމަހަމަކަމާމެދު އަޑުއުފުލުމުގައި ޗައިނާއަކީ ރާއްޖޭގެ ސާބިތު ބައިވެރިއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 76 ވަނަ ގައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް މިއަދު މާލޭގައި ވަނީ ޖާފަތެއް ބާއްވާފައެވެ.

އެ ހަފުލާގައި ރައީސް ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސް މުއިއްޒާއި ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރާ ސަލާންކުރައްވަނީ: ރައީސް ވިދާޅުވީ ހަމަހަމަކަމާ މެދު ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާއަކީ ރާއްޖޭގެ ސާބިތު ބައިވެރިއެއް ކަމަށް ----- ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނުގެ ވާހަކައިގައި ވަނީ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ދެ ގައުމުން ހިއްސާކުރާ ތަޖުރިބާތަކާއި އެކުގައި ކުރާ ދަތުރުތަކާއި ދެ ގައުމުގެ ގުޅުމުގެ ސަބަބުން އުފެދިފައިވާ އިތުބާރުން ވެސް ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި، ދެރަށް ގުޅުވައިދޭ ފާލަންތަކާއި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ދިވެހި ދަރިވަރުން ތިބޭ ކުލާސްރޫމްތަކުން ވެސް ދެ ގައުމުގެ ރަހުމަތްތެރިކަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ރައީސް މުއިއްޒުގެ ދެކަނބަލުން : ރައީސްގެ ވާހަކައިގައި ވަނީ، ދެގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ---- ފޮޓޯ/ ރައީސް އޮފީސް

ހަމައެހެންމެ، ބައިނަލްއަގުވާމީ މައިދާނުގައި ދެމެހެއްޓެނިވި ކަމާއި ހަމަހަމަކަމާމެދު އަޑުއުފުލުމުގައި ޗައިނާއަކީ ރާއްޖޭގެ ސާބިތު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އެހީގައި އެ ސިނާޢަތްވެފައިވަނީ، ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ، ދިރުންހުރި ފާލަމަކަށް ކަމަށެވެ.

އެއް އަމާޒަކަށް ގިނަ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޗައިނާއިން ދޭ އަހަންމިއްޔަތުކަމާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ޙައްގުގައި އެގައުމުން އަދާކުރާ ދައުރު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، ކިތަންމެ ކުޑަ ގައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގު އެމަނިކުފާނު ވަޒަން ކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ސިޔާސީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށާއި ދެ ގައުމުން ހިއްސާކުރާ އަމާޒަށް ވާސިލުވުމުގައި، ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.

ރައީސް މުއިއްޒު އެފަދައިން ވިދާޅުވިއިރު، ޗައިނާއަކީ މި ސަރުކާރުން ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ރަސްމީ ދެ ދަތުރުފުޅެއްގައި ވަނީ އެގައުމަށް ވަޑައިގެންފައެވެ.

comment ކޮމެންޓް