2 ބިލިއަން ރުފިޔާގެ ބޮޑު ތުހުމަތަށް ސައީދު: އުސޫލާ ޚިލާފެއް ނުވަން، އޮޑިޓް ރިޕޯޓު ގޯސް!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ފެނަކަ ސައީދު: ސައީދު ވަނީ އޮޑިޓް ރިޕޯޓު ގޯސް ކަމަށާއި އުސޫލާ ޚިލާފުވެފައި ނުވާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ/ ރައީސް އޮފީސް

ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވުމުން، ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށާއި އޮޑިޓް ރިޕޯޓު ގޯސް ކަމަށް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކައާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ 2021 އިން 2023 އަށް ހިނގާފައިވާ 2.2 ބިލިއަން ރުފިޔާގެ މައްސަލަ ފެންމަތިކޮށްފައެވެ. އޭރު އުސޫލުން ބޭރުން ގިނަ ކަންތައްތަކެއްކޮށް، އެކިއެކި ސިޔާސީ ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ އޭރު ފެނަކައިގައި ހުންނެވި ސައީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ފާޑުކިޔުންތަކަށް ރައްދުދެއްވައި، ތުހުމަތުތަކަށް އިންކާރުކުރައްވަމުން ސައީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މަގާމާ ހަވާލުވި ދުވަހުން ފެށިގެން މަގާމުން ވަކިވަންދެން ފެނަކައިގެ ބޭނުމަށް ހިންގި އެންމެހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ހިންގާފައިވާނީ ކުންފުނީގެ އެންމެހާ ގަވާއިދުތަކާއި އުސޫލުގެ ތެރެއިން ބޯޑުން އެކުލަވާލާފައިވާ އިދާރީ އޮނިގަނޑުގެ ވެސް ތެރެއިން ކަމަށެވެ.

"މި ދެންނެވި ގޮތާ ޚިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓެއް، އަދި ޕްރޮޖެކްޓެއްވިޔަސް ދީފައިނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެމެވެ،" ސައީދުގެ ބަޔާނުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައިނުވާނެ ކަމަށާއި ނުހައްގު އެއްވެސް މަންފާއެއް ވެސް ހޯދާފައިނުވާނެ ކަމަށެވެ. އެހެންވެ، އެއްވެސް މައްސަލައެއް ވާނަމަ، "އިންސާފުވެރިކަމާ އެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި" ބަލަން އޭނާ ވަނީ ގޮވާލައްވާފައެވެ. އެ ފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ އޮޑިޓް ރިޕޯޓު ނެރުނީ ވަކި މަގުސަދެއް ހާސިލުކުރަން، ހަގީގަތް އޮޅޭގޮތަށް ކަމަށް ތުހުމަތުކުރައްވާފައެވެ.

https://sun.mv/211841

އެގޮތުން، އޭނާ ދުނިޔޭގައި ހުރެމެ އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ހޯދާފައިނުވާ ކަމަށާއި އޮޑިޓް ރިޕޯޓު ނެރެފައިވަނީ ހަގީގަތާ ޚިލާފު މައުލޫމާތު ހިމަނައިގެން ވަކި މަގުސަދެއް ހާސިލުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދި، ހަގީގަތް އޮޅޭގޮތަށް މި ދަނޑިވަޅުގައި ރިޕޯޓެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި މިނިވަން މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އޮޑިޓާ ޖެނެރަލް ފަދަ މިނިވަން މުއައްސަސާއަކުން ނެރޭ މި ފަދަ ރިޕޯޓެއް ވާންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ނެރޭ، މިނިވަން ދެފުށް ފެންނަ ރިޕޯޓަކަށް ކަމުގައި ވެސް ފާހަގަކުރަމެެވެ،" އޭނާގެ ބަޔާނުގައިވެއެވެ.

އެ ނޫން ގޮތަކަށް އަމަލުކޮށްފި ނަމަ ރައްޔިތުން މިނިވަން މުއައްސަސާތަކަށް ކުރާ އިތުބާރު ގެއްލިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވުން ކަމަށާއި ކަރަންޓު ޔަގީންކޮށްދެވުނު ކަމަށް ވެސް އޭނާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/211843

ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި:

  • ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުން
  • 2 މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން
  • ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރަނީސް ފެނަކައިގެ ނަމުގައި މުދާ ގެނެސްފައި ހުރުން
  • އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލަން 105 މިލިއަން ރުފިޔާ ޚަރަދުކުރުން
  • ސައީދުގެ އާއިލީ ކުންފުނިތަކަކަށް މަސައްކަތް ހަވާލުކޮށްފައިވުން
  • ސިޔާސީ ގޮތުން އެމްޑީޕީއާ ގުޅުން އޮތް ކުންފުނިތަކަށް ބިޑްކުރުމަކާ ނުލައި ގިނަ މަޝްރޫއުތަކެއް ދިނުން

އެ ކަންކަން ބަލައި ތަހުގީގުކުރަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދަރަނި ބޮޑުވެ، ނުހިންގޭވަރުވެފައި އޮތް ފެނަކައަކީ ޒަމާނުއްސުރެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައި އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވަނީ ވެފައެވެ.

comment ކޮމެންޓް