މިދިޔަ އެމްޑީޕީ ސަރުކާރުގެ ތިން މިނިސްޓަރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރުމަށް ޗިޓު ފޮނުވީ ސިޔާސީ ބޭނުމުގައި އެއްވުމަށް ހުރަސްއަޅަން ކަމަށާއި އެ ބޭފުޅުންގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އޭސީސީއަށް ހާޒިރުވާން އަންގާ ޗިޓު ވަނީ ފޮނުވާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ބޭފުޅުން އޭސީސީއަށް ހާޒިރުކުރުމަށް ޗިޓު ފޮނުވާފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށެވެ. އެ ބޭފުޅުންގެ މަައްޗަށް އޭސީސީން ކުރަނީ ދޮގު ތުހުމަތުތަކެއްކަން، މައްސަލައިގެ ޒާތުން ވެސް އެނގޭކަން އެ ޕާޓީން ފާހަގަކުރިއެވެ.
އޭސީސީ ތަހުގީގުކުރާކަން އަންގައިފައިވާ މައްސަލައަކީ، ކުރީގެ ރައީސް އަބްދުﷲޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލުކޮށްފައިވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދަޢުވާތަކެއްގެ މައްސަލައެއް ކަމަށް އެމްޑީޕީން ބުނެއެވެ. އެ ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެކު ހަދައިފައިވާ އެއްބަސްވުންތައް ބާތިލުކުރީ އެއްވެސް ޤާނޫނީ ހަމައެއް އޮވެގެން ނޫންކަން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ސާފުވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
"ޤާނޫނާ ޚިލާފަށް އެއްބަސްވުންތައް ބާތިލުކުރި މައްސަލަތަކުގައި ހައްލު ހޯދުމަށް ހުޅުވައިލި ފުރުސަތުގައި، ސްވިފްޓް އިންޖިނިއަރިންއިން ބަދަލު ހޯދުމަށް އެދި ހުށަހެޅީ، އެ ކުންފުނީގެ ކިބައިން ވަކިކުރި ހަ ޕްރޮޖެކްޓެއްގެ ތެރެއިން، ހަތަރު ޕްރޮޖެކްޓެއްގެ އަގަށްވާ ވަރަށް މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފިނަމަ، އަނެއް ދެ ޕްރްޖެކްޓުން ގެއްލިގެން ދިޔަ މާލީ މަންފާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އިތުރު ދައުވާއެއް ނުކުރާނެކަމަށް އެއްބަސްވުމަށް" އެމްޑީޕީން ބުންޏެވެ.
މިއީ ދައުލަތައް އެންމެ ގެއްލުން ކުޑަވާނެ ގޮތް ކަމަށް ކަމަށް ބަލައި، އެ މިނިސްޓަރުން އޭރު ހިމެނިވަޑައިގެންނެވި ސެޓްލްމަންޓް ކޮމިޓީން ލަފާދީ، އެ މައްސަލަތައް ހައްލުކޮށް ނިންމައިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އޭގެ އިތުރަށް، އެމްޑީޕީން ގެއްލުމުގެ ބަދަލު ދިނުމުގައި ޢަމަލުކޮށްފައިވަނީ، ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހާ ވެސް ކުޑަވާނެ ގޮތަށްކަން ހާމަވާ ކަމަށް ބަޔާނުގައިވެއެވެ.
މި މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީއިން ތުހުމަތުކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައިނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
"މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައީސް މުއިއްޒުގެ ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ، މި ފެށޭ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެ ޕާޓީން ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ހިންގާ "މުޑުދާރު ޢަމަލުތައް" ހުއްޓައިލުމަށް ސަރުކާރަށް ގޮވާލާފައެވެ.
އޭސީސީން ބަލާ މައްސަލަތަކެއްގައި ތިން މިނިސްޓަރުން ހާޒިރުވާން ވަނީ ޗިޓު ފޮނުވާފައެވެ. އެގޮތުން، ފައްޔާޒް ހާޒިރުކުރަނީ ހޯމަ ދުވަހެވެ. އަދި، އަމީރު ހާޒިރުކުރަނީ އާދިއްތަ ދުވަހެވެ. އެކަމަކު، ކުރީގެ މިނިސްޓަރު އައިޝަތު އަލީ ހާޒިރުކުރަނީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ.
ކުރީގެ މިނިސްޓަރު ފައްޔާޒާއި އަމީރު ވެސް ވަނީ ގޯހެއް ހަދާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އޭސީސީން މިހާރު މަސައްކަތްކުރަނީ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކަމަށް ވިދާޅުވެ، އަމީރު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި، އެމައްސަލަތައް ބަލަން ފަށާފައި ވަނީ، ސިޔާސީ ރޭވުމެއްގެ ތެރެއިން ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ފައްޔާޒަށް ކުރެވޭ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވަނީ ދޮގުކުރައްވާފައެވެ