އެމްޑީޕީން "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ރޭ ބޭއްވި އެއްވުމުގެ ތެރޭގައި ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗުން ފަރުވާ ހޯދި އެ ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އައިޖީއެމްއެޗުން ގެއަށް ދޫކޮށްލައިފިއެވެ.
އައިސީޔޫގައި ފަރުވާދިނުމަށްފަހު ރަސްލާން ސީސީޔޫއަށް ބަދަލުކޮށް އެނދުމަތިކުރުމަށްފަހު ފަރުވާދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗުން ނެރުނު ބަޔާނުގައިވެއެވެ.
އެއާއެކު މިރޭ ހޮސްޕިޓަލުން ދޫކުރިކަން ހާމަކޮށް ރަސްލާން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ އޭނާގެ ހާލު ބަލައި، ހެޔޮ އެދުނު އެންމެނަށް ޝުކުރު އަދައިކުރާ ކަމަށް ބުނެފައެވެ.
ރަސްލާން ހޮސްޕިޓަލަށް ގެންދިޔައީ މުޒާހަރާގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ހާސްވެގެން ކަމަށް، އެމްޑީޕީގެ ގާނޫނީ ވަކީލަކު 'ސަން'އަށް އެ ރޭ ވިދާޅުވިއެވެ.
އޭގެ ފަހުން، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ބަޔާނެއް ނެރުމަށްފަހު އައިޖީއެމްއެޗުން ވަނީ ޕެޕާ ސްޕްރޭއަކީ ހާޓް އެޓޭކް ޖެހެން އޭގެ ޒާތުގައި މަގުފަހިވާ އެއްޗެއް ނޫން ކަމަށް ބުނެފައެވެ.