ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ދަރިފުޅު ރިއާ ކަޕޫރު ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ގެނެސްދިން ހެއްވާ މަޖާ ފިލްމު "ކްރޫ"ގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު އަދި ޓެލެ ޑްރާމާ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އާއި ރިއާ ކަޕޫރު ގުޅިގެން ޕްރޮޑިއުސް ކުރި "ކްރޫ"އަކީ، ރާޖޭޝް ކްރިޝްނާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނީ "ކްރޫ"ގެ ސީކުއަލްއެއް އުފައްދަން އެކްތާއާއި ރިއާގެ މެދުގައި މަޝްވަރާތަކެއް ކުރެވެމުން އަންނައިރު ދެވަނަ ފިލްމުން ތައްބޫ އަދި ކްރިތީ ނުފެންނާނެ ކަމަށެވެ. އެ ދެ ބަތަލާއިންގެ ބަދަލުގައި ކަރީނާއާ އެކު ފެންނާނީ އެހެން ދެ ފިލްމީ ތަރިން ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ފިލްމު "ކްރޫ"ގެ މުހިއްމު ތަރިން ކަމަށްވާ ތައްބޫ، ކަރީނާ ކަޕޫރު ޚާން، ދިލްޖީތު ދޮސާންޖް އަދި ކްރިތީ ސެނޮން--ފޮޓޯ/ބޮލީވުޑްހަންގާމާ
ނަމަވެސް، އާ ފިލްމާ ބެހޭ ތަފުސީލުތައް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ޖުމުލަ 75 ކްރޯޑު ރުޕީސް (8.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ހެއިސްޓް ކޮމެޑީއަށް ބެލުންތެރިންގެ ފަރާތުން ލިބުނު މަގުބޫލުކަމާ އެކު ބޮކްސް އޮފީހުގައި ލިބުނު އާމްދަނީގެ އަދަދު 157.08 ކްރޯޑު ރުޕީސް (18 މިލިއަން އެމެރިކާ ޑޮލަރަ)ށް ވަނީ އަރާފައެވެ.
އޭވިއޭޝަން ދާއިރާގައި ކްރޫއިންގެ ގޮތުގައި މަސައްކަތްކުރާ ތިން އަންހެނުންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި "ކްރޫ"ގެ މުހިއްމު ރޯލަކުން ޕަންޖާބު ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީތު ދޮސާންޖް އަދި ކަޕިލް ޝަރުމާ ވެސް ވަނީ ފެނިފައެވެ.
ފިލްމު "ކްރޫ"ގެ ސީކުއަލް ފަށާނެ ކަމުގެ ޚަބަރުތައް މީޑިއާތަކުން ފަތުރާފައިވާއިރު ބަތަލާ ކަރީނާ ވަނީ ދާދިފަހުން ސޮއިކުރި ޑައިރެކްޓަރު މޭގްނާ ގުލްޒާރުގެ ފިލްމު "ދާއިރާ"ގެ މަސައްކަތް ފެށިކަން އިއުލާނުކޮށްފައެވެ.