އދ.ގެ އިދާރާ ގޮއްވާލުމަށް ފޮކްސް ނޫހުގެ ހޯސްޓަކު ގޮވާލައިފި

އދ ގެ އިމާރާތް ގޮއްވާލަން ގޮވާލި ފޮކްސް ނޫހުގެ ހޯސްޓް ޖެސީ ވޮޓާސް. ފޮޓޯ/އޯކޭ މެގަޒިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެސްކަލޭޓަރާއި ޓެލެޕްރޮމްޕްޓަރެއްގެ މައްސަލަ ދިމާވުމާ ގުޅިގެން އދ.ގެ އިދާރާ ގޮއްވާލުމަށް ފޮކްސް ނިއުސްގެ ހޯސްޓަކު ގޮވާލާފައިވާ ކަމަށް އެ އިދާރާގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވެއްޖެއެވެ.

އެގޮތަށް ގޮވާލި ހޯސްޓް ޖެސީ ވޮޓާސް ފަހުން ވަނީ އަމިއްލައަށް މައާފަށް އެދިފައެވެ.

"ބޮން ގޮއްވާލުމާއި، މި އިމާރާތް ހަލާކު ކުރުމަށް ގޮވާލުމަކީ މަޖާ ކަމެއް ނޫން. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން," ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑޫޖަރިކް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެކަނބަލުން އދ ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތް ވަގުތު އެސްކަލޭޓާ ހުއްޓުމުން އޭގެ ސިޑިން ހިންގަވާފައިވާ އަރާވަޑައިގަންނަވަނީ. ފޮޓޯ/ރޮއިޓާސް

ވޮޓާސް އެހެން ބުނީ އާދިއްތަ ދުވަހު ބޭއްވި އދ.ގެ އާންމު މަޖިލީހުގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ. ޓްރަމްޕް ވަނީ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތް ވަގުތު އެސްކަލޭޓާ ނުހިނގުމުންނާއި ތަގުރީރު ދެއްވަން ފެއްޓެވި އިރު ޓެލެޕްރޮމްޕްޓާ ވެސް މަސައްކަތް ނުކުރުމުން ޖޯކް ޖައްސަވާފައެވެ.

"އަހަރެމެން ކުރަން ޖެހޭ ކަމަކީ އދ. ދޫކޮށްލުން ނުވަތަ ބޮން ގޮއްވާލުން," ވޮޓާސް ބުނެފައިވެއެވެ.

ޗާލީ ކާކް މަރާލުމާއި ރައީސް ޓްރަމްޕާ ގުޅޭ ގޮތުން ޖިމީ ކިމެލް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭބީސީން ޖިމީ ސަސްޕެންޑް ކުރިތާ ދުވަސްކޮޅެއް ފަހުން ވޮޓާސް ދެއްކި ވާހަތަކާމެދު ސޯޝަލް މީޑިއާ ބޭނުންކުރާ ބައެއް މީހުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި އެފަދަ ވާހަކަތަކެއް ދެއްކުމުން އޭނާ ވަޒީފާއިން ވަކި ކުރަން ޖެހޭ ކަމަށާއި، ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ޖެހޭކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް