އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމަކަށް ހަރުކޮށްފައި ހުރި ބެނާތަކެއް މާލެ ސިޓީ ކައުންސިލުން ނަގަން ފަށާފައި ވަނިކޮށް، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ހަރުކޮށްފައި ހުރި ބެނާތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނަގަން ފަށައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، އުސޫލުން ބޭރުން ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އިޝްތިހާރު ކުރުމަށް ހަރުކޮށްފައިވާ ބެނާއާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން އެތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ޒިންމާއެއް ނުވާނެ ކަން އިއުލާނުކޮށް، އެޗްޑީސީން ވަނީ، ހުއްދަ ނެތި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބެނާއާއި ޕޯސްޓަރު ހަރުކުރުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދީފައެވެ.
އެ ސަރަހައްދުތަކުގައި ބެނާ ހަރުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ތެރެއިން ފުރުސަތު ދޭނެކަން އުސޫލުގައި ފާހަގަކުރިއެވެ.
އެޗްޑީސީން އެހެން ބުނެފައިވާއިރު، އެމްޑީޕީގެ 'ލޫޓުވާލައިފި' އެއްވުމަށް މާލޭގެ މަޖީދީ މަގުގައި ހަރުކޮށްފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.
އެކަމާ ގުޅިގެން އެޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އިންތިޚާބުވި އާދަމް އާޒިމް ވަނީ ޕޯސްޓެއް ކުރައްވާފައެވެ. ވިދާޅުވީ، އެކަން އެނގުނީ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށެވެ.