އެމްޑީޕީގެ ބެނާތައް ނެގުމުން އާޒިމް: "އުސޫލުގެ ތެރެއިން ބެނާ ހަރުކުރެވެން ޖެހޭނެ"

މާލޭގެ މޭޔަރު އާދަމް އާޒިމް: ވިދާޅުވީ، 'އޮންނަ އުސޫލުގެ ތެރެއިން ބެނާ ހަރުކުރެވެން ޖެހޭނެ، އެކަމުގައި ބައިވެރިވާނެ ކަމަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް

އެމްޑީޕީން ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުމަށް، މާލޭގެ މަގުތަކުގައި ދަމާފައި ހުރި ބެނާތައް މާލެ ސިޓީ ކައުންސިލުން ނަގަން ފަށާފައިވަނިކޮށް، އޮންނަ އުސޫލުގެ ތެރެއިން ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށް މާލޭގެ މޭޔަރުގެ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

"ލޫޓުވައިފި" ނަމުގައި އަންނަ މަހު ތިނެއްގައި އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ނިންމައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން އަންނަނީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ.

https://sun.mv/211851

އެކަމަކު، މަޖީދީ މަގުގައި ހުރި ބެނާތައް ސިޓީ ކައުންސިލުން ކަނޑަމުން އަންނައިރު، އެ ފަދަ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ސޯޝަލްމީޑިއާގައި އެބަ ދައުރުވެއެވެ.

އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީން ދަމާފައި ހުރި ބެނާތައް ނެގިކަން އެނގުނީ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކަމަށެވެ. އެގޮތުން، އެމްޑީޕީ ހިމެނޭހެން ހުރިހާ ޕާޓީތަކުން ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށް ދެކިލައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ، އޮންނަ އުސޫލުގެ ތެރެއިން ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށާއި އެކަމުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގަންނަވާނެ ކަން ފާހަގަކުރެެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މާލޭގެ މަގުތަކުގައި ބެނާތަކާއި ޕޯސްޓަރު ހަރުކުރުމުގެ ކުރިން ސިޓީ ކައުންސިލުން ހުއްދަ ހޯދަން ޖެހެއެވެ. އަދި ހުޅުމާލޭގެ އާންމު ތަންތަނުގައި ބެނާ ހަރުކުރާނަމަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ހޯދަން ޖެހެއެވެ.

comment ކޮމެންޓް