ބޮޑު މުޒާހަރާއަށް އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ނަގަން ފަށައިފި

އެމްޑީޕީން އަޅުވައިފައި ހުރި ބެނާތައް ސިޓީ ކަައުންސިލުން ކަނޑަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

އަންނަ މަހުގެ ތިންވަނަ ދުވަހު، އިދިކޮޅު އެމްޑީޕީން ބާއްވަމުން އަންނަ ބޮޑު މުޒާހަރާއަށް، މާލޭގެ މަގުތަކުގައި އަޅުވައިފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

"ލޫޓުވައިފި" ނަމުގައި އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ނިންމައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން އަންނަނީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ.

ނަމަވެސް މިހާރު ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި އަޅުވައިފައި ހުރި ބެނާތައް ކަނޑަން ފަށައިފައެވެ. އެގޮތުން މަޖީދީ މަގުގައި ހުރި ބައެއް ބެނާތައް ކަނޑަމުން އަންނައިރު، މި މަންޒަރުތައް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުކުރަމުންނެވެ.

ކައުންސިލުގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް އަދި ލިބޭގޮތް ވަނީ ނުވެފައެވެ. އަދި އެމްޑީޕީން ވެސް ރަސްމީކޮށް އަދި މިކަމުގައި ވަކި އެއްޗެއް ނުބުނެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކު ސިޓީ ކައުންސިލުގައި ހުންނެވި ނަަމަވެސް، ކައުންސިލްގެ މެޖޯރިޓީ މިހާރު އޮތީ ވެރިކަން ކުރާ ޕީއެންސީއަށެވެ.

މާލޭގެ މަގުތަކުގައި ބެނާތަކާއި ޕޯސްޓަރު ހަރުކުރުމުގެ ކުރިން ސިޓީ ކައުންސިލުން ހުއްދަ ހޯދަން ޖެހެއެވެ. އަދި ހުޅުމާލޭގެ އާންމު ތަންތަނުގައި ބެނާ ހަރުކުރާނަމަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ހޯދަން ޖެހެއެވެ.

comment ކޮމެންޓް