އުރީދޫއިން ޕްރީއޯޑާ ކުރި ކަސްޓަމަރުންނާ ރޭ އައިފޯން 17 ހަވާލުކުރަން ފަށައިފިއެވެ.
ކަސްޓަމަރުންނާ އައިފޯންތައް ހަވާލުކުރަން ފެށީ، ރޭ 12:01ގެ ފަހުން އުރީދޫގެ މައި އޮފީހުގައެވެ. އެ ފޯނުތައް ހަވާލުކުރަން ފެށީ، މޯލްޑިވިއަން އައިޑަލުން މަޝްހޫރުކަން ހޯދި އަބްދުﷲ ފާލިހު އާދަމާއި ބަޖިއްކޮގެ ހުށަހެޅުންތައް ހިމެނޭ ލައިވް މިއުޒިކް ޝޯއަކަށް ފަހުގައެވެ.
އުރީދޫން ބުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:01ގައި އައިފޯން 17ގެ ޕްރީއޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ކަސްޓަމަރުން ޕްރީއޯޑަރު ނަގައި ނިންމާފައިވާ ކަމަށެވެ.
މިދިޔަ ހަފުތާގައި އެޕަލް ކުންފުނިން އައިފޯން 17ގެ ޖުމުލަ ހަތަރު މޮޑެލް ނެރެފައިވެއެވެ. އެއީ، އައިފޯން 17، 17 އެއާ، 17 ޕްރޯ، އަދި 17 ޕްރޯ މެކްސްއެވެ.

އުރީދޫއިން ޕްރީއޯޑާކުރި ކަސްޓަމަރުންނާ އައިފޯން ހަވާލުކުރަނީ ---- ފޮޓޯ/ އުރީދޫ
މިފަހަރު ނެރުނު އައިފޯން އޭގެ ކުރީގެ ސީރީސްތަކަށް ވުރެ ވަރުގަދަވެ، ގިނަ ދުވަހު ގެންގުޅެވޭނެކަމުގެ ޔަގީންކަން އެޕަލްއިން ދެއެވެ. އައިފޯން 17 ފަސް ކުލައަކުން ދައްކާލިއިރު، ޕްރޯ މޮޑެލްތަކުގައި މި ފަހަރު ހިމެނެނީ ތިން ކުލައެވެ.
އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީސް 17ގެ ފޯނުތަކުގެ ފެށޭ އަގު ބޮޑެވެ. ސަބަބަކީ އާންމުކޮށް އައިފޯން ނެރޭ 128 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ދޫކޮށްލައި 256 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހިމަނައި މިފަހަރުގެ ފޯނުތައް ނެރެފައިވާތީއެވެ.