އުރީދޫ 'ކަސްޓަމާ ޑޭ'ގައި ސޯޝަލް މީޑީއާއިން ޖަވާބުދިނީ ސީސީއޯ ނިޔާޒު

ކަސްޓަމާ ޑޭގައި އުރީދޫގެ ސީސީއޯ: އޭނާ ވަނީ ކަސްޓަމަރުންނަށް ޖަވާބު ދީފައި -- ފޮޓޯ/ އުރީދޫ

ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ސޯޝަލް މީޑިއާއިން ކަސްޓަމަރުންނަށް ޖަވާބު ދީފިއެވެ.

އެ ކުންފުނިން ބުނީ، އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެއްކުރީ ކުންފުނީގެ ސީނިއާ މެނޭޖްމަންޓުން ކަމަށެވެ.

މި ހަރަކާތުގެ ދަށުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުން ސީދާ ކަސްޓަމަރުންނާ މުޢާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި، ލަފާތައް ދެނެގަތުމަށް މަގުފަހިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން،" އެ ކުންފުނިން ބުންޏެވެ.

އުރީދޫ ކަސްޓަމާ ޑޭ ފާހަގަކުރުމުގެ ތެރެއިން: އެ ކުންފުނީގެ އިސްވެރިން ވަނީ ކަސްޓަމަރުންނަށް ޚިދުމަތް ދީފައި -- ފޮޓޯ/ އުރީދޫ

ކަސްޓަމާ ޑޭއަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި، އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެކެވެ. އުރީދޫން ހިދުމަތް ދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންނަށް އިތުރަށް ގެނެސްދޭންޖެހޭ ކަންކަން އެނގުމަށް އެހީތެރިވެދޭ ކަމެކެވެ.

މި ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން އަދި މެނޭޖްމަންޓް އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަހަރުގެ އުރީދޫގެ ކަސްޓަމާ ޑޭގެ ޝިއާރަކީ "ޑިޖިޓަލީ ޔުއާސް: އެލިވޭޓިން ކަސްޓަމާ އެކްސްޕީރިއަންސް"އެވެ.

comment ކޮމެންޓް