ޣައްޒާގެ ވެރިކަން ހިންގުމުގައި ހަމާސްގެ ދައުރެއް ނޯންނާނެ: އައްބާސް

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އދ ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ --- ފޮޓޯ/އޭޕީ

ޣައްޒާ ހަނގުރާމަ ނިމުމުން ޣައްޒާގެ ވެރިކަން ހިންގުމުގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް، ހަމާސްގެ ދައުރެއް ނޯންނާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް އެގޮތަށް ވިދާޅުވީ, އެމެރިކާގެ ނިއު ޔޯކު ސިޓީގައި މިހާރު ކުރިއަށްދާ އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ. އެމެރިކާއިން ވިސާ ދިނުމަށް އިންކާރުކުރުމުން އައްބާސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ވީޑިއޯ މެދުވެރިކޮށެވެ.

އައްބާސް ވިދާޅުވީ, ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކޮށްފައިވަނީ ނަސްލު ނައްތާލުމާއި، ފަނާކުރުމާއި، ބަނޑުހައިހޫނުކަމާއި، ގެދޮރު ދޫކުރުމަށް މަޖުބޫރުކޮށްފައިވާ ހަނގުރާމައެއް ކަމަށެވެ. ކުރު ނަމަވެސް އަޒުމު ވަރުގަދަ ތަގުރީރެއްގައި އައްބާސް ވަނީ އިސްރާއީލާ އެކު ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އެ މަނިކުފާނުގެ ކުރިއަށް އޮތް ތަސައްވުރު ހާމަކުރައްވާފައެވެ.

ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބިފައިވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ދެކޮޅު ހަދާ އެމެރިކާއާއި އިސްރާއީލާ ގާތް ގުޅުމެއް އޮންނަ ގިނަ ގައުމުތަކުން ފަލަސްތީނު ދައުލަތެއް ގަބޫލުކުރާކަން އިއުލާނުކުރުމުންނެވެ.

"ފަލަސްތީން މިނިވަން ނުކުރެވިއްޖެ ނަމަ އިންސާފެއް ނުލިބޭނެ," އައްބާސް ވިދާޅުވިއެވެ.

މުޅި ޣައްޒާ ހަނގުރާމައިގައި ފަލަސްތީނާ އެއްކޮޅަށް ތެދުވެވަޑައިގެންނެވި ދުނިޔޭގެ ލީޑަރުންނަށް އައްބާސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ފްރާންސާއި އިނގިރޭސިވިލާތާއި ކެނެޑާއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ދާދިފަހުން ނިންމި ނިންމުމަށް އައްބާސް މަރުހަބާ ވިދާޅުވިއެވެ.

ވާދީ ޣައްޒާ ކައިރީގައި އޮންނަ އައްސޭރިފަށުގެ މަގުން ހިނގާފައި ދާ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން. ފޮޓޯ/އޭޕީ

ނަމަވެސް, އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ހަމައެކަނި ފަލަސްތީނުގެ ދައުލަތް ބަލައިގަތުން ނުފުދޭ ކަމަށެވެ.

ނިންމާލުމުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް އުއްމީދުގެ މެސެޖެއް ފޮނުއްވަމުން އައްބާސް ވިދާޅުވީ، އިސްރާއީލުން ދޭ ތަކުލީފު ކިތަންމެ ދުވަހަކު ދެމިގެން ދިޔަޔަސް އޭގެ ސަބަބުން ދިރިހުރުމާއި ދިރިހުރުމުގެ އިޚުތިޔާރު މުގުރާނުލާނެ ކަމަށެވެ.

ފަލަސްތީނު އޮތޯރިޓީގެ މައްޗަށް ބާރު ފޯރުވާ ހަމާސްއާއި އައްބާސްގެ ފަތަހު ފެކްޝަނަކީ ޒަމާނުއްސުރެ ވާދަވެރި ދެ ފެކްޝަނެކެވެ. ހަމާސްއާއި ފަތަހާ ދެމެދު 2007 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި ހަމާސްއިން ވަނީ ޣައްޒާގެ ކޮންޓްރޯލް އަތުލާފައެވެ. އޭގެ ފަހުން ސުލްހައާއި އެއްބައިވަންތަކަން ހޯދުމަށް ކުރި އެތައް މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ. މީގެ އިތުރުން އައްބާސްގެ ފަލަސްތީނުގެ އޮތޯރިޓީ ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަވެ، ގިނަ ބަޔަކު ދެކެނީ އެއީ ނާކާމިޔާބު، ކޮރަޕްޓް އަދި އިސްރާއީލަށް ތާއީދުކުރާ ވެރިކަމެއް ކަމުގައެވެ.

ޣައްޒާގެ ބޮޑުބައެއް މިހާރު އޮތީ އިސްރާއީލުގެ އަސްކަރީ ވެރިކަމުގެ ދަށުގައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އައްބާސްގެ ފަލަސްތީނު އޮތޯރިޓީގެ އެއްވެސް ދައުރެއް އެ ސަރަހައްދުގައި ނޯންނާނެ ކަމަށާއި ހަމާސް ބަލިވެއްޖެނަމަ ސަރަހައްދުގެ ސަލާމަތީ ކަންކަން ކޮންޓްރޯލު ކުރާނީ އިސްރާއީލުން ކަމަށް ވިދާޅުވެފައެވެ.

ހަމާސްއިން ޣައްޒާގެ ވެރިކަމުން ވަކިވާން އެއްބަސްވި ނަމަވެސް އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅު ހެދުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ ހަތިޔާރު ބެހެއްޓުމަށް އިސްރާއީލުން ކުރާ ޑިމާންޑްތަކަށް ދެކޮޅު ހަދައެވެ.

comment ކޮމެންޓް